ފުޓްބޯޅަ

"ޤަތަރުން ދެއްކީ ރީތި އާދަތަކެއް، މިއީ އެންމެ ބެސްޓް ވޯލްޑްކަޕް"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގަތަރުގައި މިފަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ މިހާތަނަށް ބޭއްވި އެންމެ ބަރާބަރު ވޯލްޑް ކަޕް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިފަހަރުގެ ވޯލްޑް ކަޕަކީ އަރަބި ގައުމެއްގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާއިރު މި މުބާރާތް ބެލުމަށް އެތައް މިލިއަން މީހުންނެއް ގަތަރަށް ގޮސްފައިވެއެވެ.

ވޯލްޑް ކަޕް ނިމުމަކާ ގާތްވެފައިވާއިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފަންޓީނޯ ވިދާޅުވީ ހުރިހާ ގޮތަކުން ވެސް މިފަހަރުގެ ވޯލްޑް ކަޕަކީ ކާމިޔާބު ވޯލްޑް ކަޕެއް ކަމަށާއި މުބާރާތުގައި ސަޕޯޓަރުން ޓީމުތަކަށް ސަޕޯޓް ކުރަމުންދިޔައީ އުފާވެރި މާހައުލެއްގައި ތިބެ ކަމަށެވެ. އަދި މުބާރާތުގައި ކުޅުނު މެޗުތައް ދިޔައީ ވާދަވެރިކޮށް ކަމަށާއި ބައެއް ސަޕްރައިޒްތަކާއި ހިތްގައިމު ގޯލުތަކެއް ވެސް ފެނިގެންދިޔަ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ ވިދާޅުވީ މިއީ ދަނޑުމަތިން ވަރަށް އިންސާފުވެރިކޮށް ދިޔަ ވޯލްޑް ކަޕެއް ކަމަށާއި އެގޮތުން މާގިނަ ރީނދޫ އަދި ރަތްކާޑުތަކެއް ވެސް ފެނިގެން ގޮސްފައި ނުވާ ކަމަށެވެ. މުބާރާތުގެ މެޗުތައް ކުޅުނީ އެއްވެސް މައްސަލަތަކެއް ދިމާނުވެ ކަމަށްވާއިރު މުބާރާތުގެ މެޗުތައް ގާތްގަނޑަކަށް ބިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ވޯލްޑް ކަޕް އެންމެ އެންމެ ބަރާބަރު ވޯލްޑް ކަޕަށް ހަދައިދިނުމަށް ގަތަރާއި މިކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކުން ކުރި މަސައްކަތަށް ޝުކުރު އަދާކުރަން." އޭނާ ވިދާޅުވިއެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މާދަމާ މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާއިރު، ފްރާންސް އާއި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!