ބޭނުންވަނީ ރައީސް ޞާލިޙްގެ ކެތްތެރި، ކުޅަދާނަ ވެރިކަން ބާއްވަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެމްޕޭން ޖަގަހަ ހަރަކާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ގާނޫނާއި ގަވައިދުތަކަށް އިހުތިރާމްކުރާ، ތަފާތު ހިޔާލަށް ޖާގަދޭ ވެރިއެއް ބޭނުންވާ ކަމަށާއި އަން ކޮށްދެވޭނީި ރައީސް ޞާލިޙަށް ކަމަށެެވެ.
“ބޭނުންވަނީ ދިވެހިރާއްޖޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެތްތެރި ކުޅަދާނަ ވެރިކަން ބާއްވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިމަސައްކަތް ނިންމާނީ އަނެއްކާވެސް ރައީސް އިބްރާހީމް މުހައެްމަދު ސޯލިހް ނަގާ ވެރިކަމުގައި ބައިންދާފަ” ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެތައް ރަށަކަށް ކުރިމަތިވެފައި އޮތް ބަނދަރުގެ މައްސަލަ މިސަރުކާރުން ހައްލުކޮށްދީފައިވާ ކަމަށާއި ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތް ވެސް ހަދައިދީފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 15،000 ކުދިންނަށް ހިލޭ ޑިގްރީ އަށް ކިޔަވައިދީފައިވާ ކަމަށް ވިދާޅުވިއެވެ.