ބޮލީވުޑް މުނިފޫހިފިލުވުން

ސުނިލް ޝެއްޓީގެ ދަރިފުޅު އާތިޔާ ކްރިކެޓު ކުޅުންތެރިއަކާ ކައިވެނިކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އާތިޔާ ޝެއްޓީގެ ކައިވެނި ހަފްލާގެ ތެރެއިން

ބޮލީވުޑް އެކްޓަރު ސުނިލް ޝެއްޓީގެ ދަރިފުޅު، އާތިޔާ ޝެއްޓީ އިންޑިއާގެ މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ކޭއެލް ރާހުލްއާއި ކައިވެނިކޮށްފިއެވެ.

Ads by Sosun Fihaara

އުމުރުން 30 އަހަރުގެ އާތިޔާ ކައިވެނިކުރީ އުމުރުގެ ގޮތުން އޭނާއާއި އެއްވަރުގެ މީހަކާ އެވެ. ދެމީހުން ކައިވެނިކުރީ ކަންޑާލާގައި ހުންނަ ސުނިލްގެ ފާމްހައުސްގައެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހަފްލާތައް ބާއްވަމުން އައިސް މިދެމީހުން ކައިވެނިކުރީ ޖެހިގެން އައި ހޯމަ ދުވަހުއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އާތިޔާ އާއި ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރު ވެއްޖެއެވެ. އެހެންނަމަވެސް ދެމީހުންގެ ގުޅުން އޮތީ ސިއްރުކޮށްފައެވެ.

އާތިޔާ ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކުރިނަމަވެސް އޭނާގެ މާގިނަ މަސައްކަތްތަކެއް ފެނިގެނެއް ނުދެ އެވެ. 2015 ވަނަ އަހަރު "ހީރޯ" އިން ސިނަމާއަށް ނިކުތް އާތިޔާ އޭގެ ފަހުން ކުޅުނީ ތިން ފިލްމެވެ. އޭނާގެ އެއްވެސް ފިލްމެއް މާބޮޑު ކާމިޔާބީއެއް ނުހޯދައެވެ.

އާތިޔާގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ތާވަލުކޮށްފައި ނުވާއިރު ބެލެވޭ ގޮތުގައި ކައިވެންޏަށްފަހު އޭނާ ސިނަމާއިން ގެއްލޭނެއެވެ. އެހެންނަމަވެސް ފިލްމު ކުޅުން ހުއްޓައިލިކަން އޭނާ އަދި އިއުލާނެއް ނުކުރެއެވެ.

ރާހުލް އަކީ އިންޑިއާގައި ނަން މަޝްހޫރު ކްރިކެޓު ކުޅުންތެރިއެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާއަށް ރަނގަޅު ކުޅުމެއް ކުޅެދީފައެވެ. އޭނާއަކީ އެއަހަރުގެ މުބާރާތުގައި ރޯހިތު ޝަރުމާއާއި ވިރާތު ކޯލީއަށްފަހު އެންމެ ގިނަ ރަން ނެގި ކުޅުންތެރިޔާއެވެ.

އޭގެ ފަހުން ސަސްޕެންޝަނެއްގައި ހުރުމަށްފަހު 2021 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ރާހުލް ކުޅުނެވެ. 2022 ވަނަ އަހަރު ރާހުލް ވަނީ ފުރަތަމަ ފަހަރަށް އިންޑިއާގެ ގައުމީ ކްރިކެޓު ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!