ޚަބަރު

ފޯރިގަދަ އިވެންޓަކާއި އެކު އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭން ނިންމާލައިފި

އާމިނަތު ސަޒްރާ

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ދެބޭފުޅުންގެ ކެމްޕޭން ހަރަކާތް ރަސްމީކޮށް ނިންމާލައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް "އެމްޑީޕީ ކުރިއަށް" ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕޭން މިއަދު ނިންމާލައިފައިވަނީ މިއަދު ހަވީރު ބޭއްވި ހާއްސަ ހިނގާލުމަކާއެކުއެވެ. އަދި ހިނގާލުން ނިންމާލުމުގެ ގޮތުން ރައީސް ވަނީ ހިނގާލުމުގެ ބައިވެރިންނާއި ވާހަކަފުޅު ދައްކަވާފައެވެ.

މިޕްރައިމަރީގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ފިކުރެއްގެ ދިރުން" ނަމުގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ކެމްޕޭން މިއަދު 6 ޖެހިއިރު ރަސްމީކޮށް ނިންމާލާފައިވަނީ މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުމަކާއެކުގައެވެ. އެމްޑީޕީ ހަރުގެ ކުރިމަތިން ފެށި މި ހިނގާލުން ނިންމާލާފައިވަނީ ހާއްސަ ދުޢާއަކުންނެވެ.

މާދަމާ ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓްފޮށި ބަހައްޓާނެއެވެ. އަދި މާދަމާ ކުރިއަށް ގެންދާ އިންތިހާބުގައި އެމްޑީޕީގެ ހުރިހާ މެމްބަރުން ނުކުމެ ވޯޓު އެޅުމަށް އިންތިހާބުގައި ވާދަ ކުރާ ދެ ކެންޑިޑޭޓުންވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!