މަރު ތަކާއި ޒަހަމްތަކުގެ ތެރެއިން އުފަންވި ނަޖުމް، ގެނެސް ދިނީ "އާ ދިރުމެއް"

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިން ހެލުންއައި ވަގުތު ސޫރިޔާގެ އުތުރުގެ ސިޓީއެއް ކަމަށްވާ އަލެޕޯގައި ދިރިއުޅޭ ފާތުމާ ކުރި ދަތުރުގެ ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު އެވަގުތު އޭނާ އިނީ ތިންވަނަ ދަރިފުޅު ވިހަން ހޮސްޕިޓަލަށް ދިޔަ ދަތުރުގައެވެ.
"ހޮސްޕިޓަލަށް ދިޔަ ދަތުރަކީ ދަތި އުނދަގޫ ދަތުރެއް. ވަށައިގެން އެތައް ބަޔަކު މަރުވަމުން ދިޔަ. އެތައް ގެއްލުމެއް ލިބެމުން ދިޔަ. އަހަންނަށް ވުރެ ކުރިން އެމީހުންނަށް ރައްކާތެރިކަން ދޭން ރެސްކިއު ޓީމަށް މަޖުބޫރުވި" ފާތިމާ ބުންޏެވެ.
ފާތިމާ ބުނިގޮތުގައި ނަޖްމު އަލް ދިން މަހްމޫދުގެ ނަމުން ނަން ދިން އޭނާގެ ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރު އޭނާއަށް ހީވި ނަމަވެސް އެދަރިފުޅު އޭނާއަށް ގެނެސް ދިނީ އާ ދިރުމެއްކަމަށެވެ. ނަޖުމް އުފަންވިފަހުންވެސް ނުރައްކާތެރި ބޮޑެތި އާފްޓާ ޝޮކްތަކުގެ ސަބަބުން އެމީހުންނަށް ވަނީ ނުތަނަވަސްކަމާއި ކުރިމަތި ލާން ޖެހިފައެވެ. އަދި އޭނާގެ މައިންބަފައިންނާއި އޭނާގެ އަނެއް ދެ ކުދިން، ރައްކާތެރިކަން ހޯދުމަށް ތިބީ ހޮސްޕިޓަލުގެ ތިރީ ފަންގިފިލާގައި ކަމަށް އޭނާ ބުންޏެވެ. ފާތިމާ ބުނިގޮތުގައި އޭނާގެ ފިރިމީހާއަކީ ތުރުކީގެ ސިފައިންގެ މީހެއްކަމުން އެވަގުތު އޭނާގާތުގައި ފިރިމީހާއަށްވެސް ވަނީ ހުރެވޭ ގޮތް ނުވެފައެވެ.
ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމަށް ފަހު މިހާތަނަށްވެސް ގިނައަދެއްގެ ކުޑަކުދިން ސަލާމަތްކޮށްފައިވާއިރު ގިނަ ކުދިންނަކީ ކޮން ކުދިންނެއްކަން ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން އެކުދިންގެ އާއިލާތަކަށް ވާސިލު ވުމުގައި ދަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިން ވަމުންނެވެ.