ވާދަކުރައްވާނެ ބޭފުޅަކު ނެތުމުން ޖޭޕީ ލީޑަރުކަމަށް ގާސިމް ހޮވިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އިތުރު ދައުރަކަށް ބޭފުޅަކު އައްޔަނު ކުރުމަށް ހުޅުވައިލި ފުރުސަތުގައި އިތުރު ބޭފުޅަކު ވާދަކުރައްވާފައި ނުވާތީ މިހާރުވެސް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ މަގާމަށް އިންތިހާބު ވެއްޖެ އެވެ.
ޖޭޕީ ލީޑަރުކަަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގެ ސުންގަޑި ހަމަވީ އިއްޔެ މެންދުރު 12:00 އަށެވެ. ސުންގަޑި ހަމަވިއިރު އެމަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވައިފައެއް ނުވެ އެވެ. ޖޭޕީ އުފެދުނީއްސުރެއް މިމަގާމު އިތުރު ބޭފުޅަކު ފުރުއްވައިފައެއް ނުވެ އެވެ.
އާ ދައުރަކަށް ޖޭޕީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރަން ހަމަޖެހިފައިވަނީ މިމަހު 24 އަދި 25 ވަނަ ދުވަހު އޮންނަ ކޮންގްރެސްގަ އެވެ. އޭގެ ތެރޭގައި ކައުންސިލްގެ މުހިންމު މަގާމުތައް ހިމެނެ އެވެ.
ޖޭޕީ ނައިބު ލީޑަރުކަމަށް ގިނަ ބޭފުޅުންތަކެއް ވަނީ ކުރިމަތިލައްވައިފަ އެވެ. މިހާރު އެމަގާމު ފުރުއްވާ އަހުމަދު ސައުދުގެ އިތުރުން ގާސިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އާއި ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ، ގާސިމްގެ އެގްޒެކްޓިވް ސެކްރެޓަރީ އިގްބާލް އާދަމް، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދުވެސް ނައިބު ލީޑަރުކަމަށް ކުރިމަތިލެއްވި އެވެ. މީގެ އިތުރުން ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހިމްވެސް ވަނީ ހަމަ އެމަގާމަށް ކުރިމަތިލައްވައިފަ އެވެ.
މިއަހަރު ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެނޑިޑޭޓެއް ވާދަކުރުމާއިމެދުވެސް ގޮތެއް ނިންމާނީ މިމަހު ބާއްވާ ކޮންގްރެސްގަ އެވެ. މިހާރު އެޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ރިޔާސި ކެނޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.
ކޮންގްރެސްގައި ޖޭޕީން އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެ އެވެ.
މީހަކުވާދަކުރިނަމަ އެމީހެއްގެ ހަންދަމާލީސް