މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސާޖަރީއެއް ހެއްދެވި ވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުވާ ކުރެއްވި ހިސާބުންފެށިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ސުޕްރީމް ކޯޓަށް ދޫސްތޫރީ މައްސަލައެއް ހުށައަޅައިފިއެވެ.
ރައީސްކަމުގެ މަގާމުން އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެ ޕީޕީއެމުން މިއަދު ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން އަދި ބަލައިގަނެފައެއްނުވެއެވެ.
މިމައްސަލައިގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުރެއްވި ދުވަހުން ފެށިގެން އެމަނިކުފާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ޖެހޭނީވެސް ފައިސަލް ނަސީމްކަމަށާއި ރައީސުލް ޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ މައްސަލައަށް ޤާނޫނީ ފަރުވާއެއް ބޭނުންވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން އިދިކޮޅުން ވަނީ ވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ. އެފަހަރު މައްސަލަ ބަލައެއް ނުގަތެވެ.