Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

އިންތިހާބުތަކުގައި ވެރިކަމުގެ ފަރާތުން، ދައުލަތުގެ މުދަލާއި މީޑިއާ ބޭނުންކުރާގޮތާއި މެދު އީޔޫއިން ކަންބޮޑުވޭ: ރައީސް ނަޝީދު

އިންތިހާބުތަކުގައި ވެރިކަމުގެ ފަރާތުން، ދައުލަތުގެ މުދަލާއި މީޑިއާ ބޭނުންކުރާގޮތާއި މެދު އީޔޫއިން ކަންބޮޑުވޭ: ރައީސް ނަޝީދު
އިންތިޚާބުތަކުގައި ދައުލަތުގެ މުދާ، ހާއްސަކޮށް ދައުލަތުގެ މީޑިއާ، ހަމައެކަނި ވެރިކަމުގެ ފަރާތުން ބޭނުންކުރުމާއި ގުޅޭގޮތުން ޔޫރަޕްގެ އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ އިބްތިދާއީ ބަހުސްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ދެއްކެވި ވާހަކަފުޅަށްފަހު ރިޔާސަތުގައި އިންނަވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހަފްތާގައި ޔޫރަޕިއަން ޔޫނިއަން އިލެކްޝަން އޮބްޒަވޭޝަން ޓީމެއް މަޖިލީހަށް ވަޑައިގެންނެވި އެމަނިކުފާނާއި ބައްދަލު ކުރިކަމަށެވެ. މިގޮތުން ޔޫރަޕްގެ އިއްތިހާދުގެ އިލެކްޝަން އޮބްޒަވޭޝަން ޓީމުން ކަންބޮޑުވުންތަކެއް ފާހަގަކުރެއްވިކަމަށާއި މިއަދު މަޖިލީހަށް ހުށައެޅި މިއިސްލާހުތަކުގައި އެކަންބޮޑުވުންތައް ފާހަގަ ވެފައި ހުރިތަނެއް މުޅިއެކުން ފެންނާކަށް ނެތްކަމަށެވެ.
"އެހެންވީމަ މިކަންކަން ފާހަގަކޮށްލުމަކީ އަޅުގަނޑުގެ ނަޒަރުގައި ބޭނުންތެރިކަމެއް ހާއްސަކޮށް ދައުލަތުގެ މުދާ އިލެކްޝަނަށް ބޭނުންކުރުމާއި މީޑިއާ ދައުލަތުގެ މީޑިއާ ހަމައެކަނި ވެރިކަމުގެ ފަރާތުން ބޭނުން ކުރަމުން ގެންދިޔުން މިދެކަންތައް އެބޭފުޅުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ފާހަގަކުރެއްވި އަދި އެކަންކަމާއި ގުޅޭ ގާނޫނީ ހައްލު، ފަރުވާ ހޯދުން އެއީ އަޅުގަނޑު ހިތުން ބޭނުންތެރިކަމެއް." ނަޝީދު ވިދާޅުވިއެވެ.
އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ ވައުދާއި ރިޝްވަތު ވަކިކުރުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒެވެ. މި އިސްލާހުގައި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި، ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިއަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުން ދިނުމަކީ ރިޝްވަތު ދޭން އުޅުން ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް