ޚަބަރު

ކޮމަންވެލްތް ޤައުމުތަކުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުންދޭން މިނިސްޓަރ ޝާހިދު ގޮވާލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއް ޤައުމު އަނެއް ޤައުމާ ގުޅިގެން އެއްބާރުލުން ދިނުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާޝާހިދު ގޮވާލައްވައިފިއެވެ. މިނިސްޓަރ ޝާހިދު މިފަދައިން ގޮވާލައްވާފައިވަނީ އިއްޔެ ނިމުނު ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ.

Ads by STELCO

މިނިސްޓަރ ޝާހިދުގެ ތަޤުރީރުގައި ވަނީ ހެޔޮ ވެރިކަމާއި ޤާނޫނީ ވެރިކަމާއި ހަމަޖެހުމާއި އިޤްތިޞާދު އާރާސްތުކުރުމާއި ދަރަނީގެ ބުރަދަން ލުއިކުރުން ފަދަ ދާއިރާތަކުން ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އެއް ޤައުމުން އަނެއް ޤައުމަށް މިހާރަށް ވުރެ އިތުރަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި "މަލްޓިޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" (އެމް.ވީ.އައި) ކަނޑައަޅައި ނިންމުން އަވަސް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އެމް.ވީ.އައި. ވީހާވެސް އަވަހަށް ބޭނުންކުރަން ފެށުމަށް ކޮމަންވެލްތުން ބާރު އެޅުމަށް ގޮވާލައްވާފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮމަންވެލްތު ލިވިން ލޭންޑްސް މެކަނިޒަމް އާއި ކޮމަންވެލްތު ބްލޫ ޗާޓަރާއި ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް ހަބް ފަދަ ކޮމަންވެލްތުގެ ތަފާތު މެކަނިޒަމްތައް މެދުވެރިކޮށް އެޖަމިއްޔާގެ މެމްބަރު ޤައުމުތަކަށް ދެމެންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް28އަށް މިސްރާބު ޖަހާއިރު، ނިމިދިޔަ ކޮޕް27ގައި ޤާއިމުކުރެވުނު "ލޮސް އެންޑް ޑެމޭޖް ފަންޑު" މަސައްކަތްކުރާނެ އިންތިޒާމުތައް ވީހާވެސް އަވަހަށް ޤާއިމުކުރުމަށް ވެސް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ ތަޤުރީރު ފައްޓަވަމުން އެމަނިކުފާނު ވަނީ ރާނީ އެލިޒަބަތު ދެވަނަ އާއި ދަ ގަމްބިއާގެ ނައިބު ރައީސް ބަޑާރާ އަލިއު ޖޫފް އާއި ގާނާގެ ޚާރިޖީ ވަޒީރު މައިކަލް މޫސާ އަޑާމޯ އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައި ކޮމަންވެލްތު އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ރަސްގެފާނު ޗާލްސް ތިންވަނަ ގެންގުޅުއްވާ ދުރުވިސްނުންފުޅަށް އިތުބާރުކުރައްވާކަން ވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ލަންޑަނުގައި ހުންނަ މާލްބަރޯ ހައުސްގައި ބޭއްވުނު 22ވަނަ ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކޮމަންވެލްތުގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. މިބައްދަލުވުމުގައި އެބޭފުޅުން ވަނީ ތިން މައުޟޫއަކަށް ވާހަކަ ދައްކަވައި މަޝްވަރާކުރައްވާފައެވެ. އެއީ، "ބިލްޑިން ރެޒިލިއަންސް ފޯ ޕީސްފުލް، ޖަސްޓް އެންޑް ސްޓޭބަލް ސޮސައިޓީސް"؛ "ފައިނޭންސިން ފޯ ކްލައިމެޓް ރެޒިލިއަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" އަދި "ލެވެރޭޖިން އިންޓްރާ-ކޮމަންވެލްތް ޓްރޭޑް އެންޑް ޑިޖިޓަލް ކަނެކްޓިވިޓީ"، މި ތިން މައުޟޫއެވެ.

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޝާހިދު ވަނީ ކޮމަންވެލްތުގެ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ފޮރިން ސެކްރެޓަރީ، އަޙުމަދު ލަތީފު އާއި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަޙަނާޒް ފައިޒަލް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، މަރިޔަމް މިދުފާ ނަޢީމް އާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލަރ، މޫސާ ޔަމީން ޝާހިދު އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ، އަޙުމަދު ސަލްމާން ޒަކީ އެވެ.

  1. އޮއްސެމުންދާ ކުޑައެއް ތެދުކުރުމުގެ ބޭނުމެއް ނެތް، އިސްއިތުމާރު އިޢާދަ ކުރުމުގެ ބޭނުމެއްވެސް ނެތް ، ކޮލޮނައިޒޭޝަން އިޢާދަ ކުރަން ގޮވާލުމުގެ ބޭނުމެއްނެތް !

  2. އަބުދު ﷲ ޝާހިދު އަދިވެސް އަޅުންގެ ދުނިޔެ އިއާދަ ކުރަނީތޯ އިންގިރޭސި ޝާހީ ގަޑުވަރުގައި އުޅެނީ އަޅުކުދިން !