އާޔަތުﷲ ، ހުރިހައި ޚިދުމަތެއް ގާޑިއަލުގައި އުފުލުމުގައި
ބޮޑު މާސިންގާ ގަހެއް ވެސް އުފެދެނީ ކުޑަކުޑަ އޮށަކުންނޭ ބުނާ އުޞޫލުން ނުވަތަ އެ ޙަޤީޤަތާ އެއްގޮތަށް ހައްޓަށާއި ޖީބަށް ލުއިވާނެ ޚިދުމަތްތައް ވެސް އުފަންވެ އަންނަނީ ކުޑަކުޑަ ޚިޔާލަކުންނެވެ. އެއަށް ފަހު ޚިޔާލު ރަނގަޅަށް އިންދައި އެއަށް ފެންދީ، ރަނގަޅަށް ރޯކޮށްފި ނަމަ އޭގެ ހިޔާ އެތައް ބަޔަކަށް ކުރާނެކަމީ ކަށަވަރު ކަމެކެވެ.
އައްފާޒުއާއި އާޔަތުﷲގެ "ގާޑިއަލުން"ވެސް ފެންނަން އޮތީ މިކަމެވެ. އެ ދެ މީހުންގެ މަސައްކަތުން މި އަހަރުގެ ދެވަނަ ދުވަހު ވުޖޫދުވި އެޕްލިކޭޝަން ވެސް ވަނީ ދިރިއުޅުމުގެ ކިތަންމެ ކިތަންމެކަމެއް ލުއިކޮށްލަދީފައެވެ. ޓެކްސީ ދަތުރެއްގެ ތެރެއިން ޖީބަށް ލުއިގޮތަކަށް ހަމަ އެ ދަތުރުގައި ބައިވެރިވެލުމެވެ. ކުޑަމިނުން ރަށުގައި ހުރެ މާލޭގައި އޮތް ދޯންޏަކަށް ނުވަތަ ލޯންޗަކަށް އެއްޗެއް ލާން ބޭނުން ވިޔަސް އެކަން ވެސް ކުރެވޭނެ ގޮތް ގާޑިއަލުގައި އޮތީ ފަހިވެފައެވެ.
މި ގާޑިއަލުގެ އެކި ބައިތައް އާޔަތުﷲ ވަނީ "ދެން"އާ ހިއްސާކޮށްދީފައެވެ.
10 މަސް ދުވަހުގެ ރިސާޗާ އެކު ދިވެހިންގެ އެޕެއް
އައްފާޒްގެ މޮޅު ކޯޑިންއާއި އާޔަތުﷲގެ މޮޅު ޚިޔާލާ އެކު އުފެއްދި ގާޑިއާ އެޕް ވެގެން ގޮސްފައި ވަނީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ކަމުދިޔަ އެޕަކަށެވެ. ފަހަރުގައި ރާއްޖޭގައި ބޭނުން ކުރާ މި ފަދަ ގިނަ އެޕްތަކަކީ ބޭރުގެ ފަރާތަތްކުން ޑިޒައިންކޮށް، ނޫނީ ވައިޓް ލޭބަލްގައި ގަނެފައިވާ އެޕްލިކޭޝަންތަކަށް ވެފައި، މި އެޕްލިކޭޝަކަނީ ދިވެއްސެއްގެ މަސައްކަތެއް ކަމުގައި ވުމުން ކަމަށް ވެދާނެއެެވެ.
ބޭނުން ކުރަން ފަސޭހަ، ގިނަ ފީޗަރތަކެއް ހިމެނޭ މި އެޕަކީ ދިހަ މަސް ދުވަހުގެ ރީސާޗްގެ މަސައްކަތެކެވެ.
އެޕެއް ހެދުމުގައި އެންމެ މުހިންމު އެއް ކަމަކީ، އެ ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ޚިދުމަތްތަކެއް ހޯދައިދިނުންކަން ދަނެގެން އާޔަތުﷲއާއި ޕާޓްނަރު ފެށީ ބޮޑު ރިސާޗެކެވެ. އޮންލައިން ޒަމާނެއްކަމުން ފޯނުގެ ޒަރިއްޔާއިން ކުރިޔަސް ބިޔަ ބޮޑު މަސައްކަތެކެވެ. އެތައް ދުވަހެއްގެ އެތައް ވަގުތެއްގެ މަސައްކަތެކެވެ.
މިގޮތުން ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތައް އަހައި އޮޅުން ފިލުވިއެވެ. އެއިން ޚިދުމަތް ހޯދާ ފަސެންޖަރުންގެ އިޙްސާސްތައް ދެނެގަތެވެ. އެއް އެޕަކުން ގިނަ ބޭނުންތައްތައް ފުއްދޭ ގޮތަށް، އާއްމުންގެ ޚިޔާލާ މަޝްވަރާއާ އެކު އޮންޑިމާންޑް ސާވިސްތައް ހިމަނައި، ގާޑިއާ.އެޕް ވުޖޫދުވީ މިހެންނެވެ.
"ގާޑިއާ އެޕް، މި ނަން އަޅުގަނޑުމެން މިކީ، ދިވެހި ނަމެއް، ދިވެހި އުފެއްދުމެއް އުފެއްދުމެއް މިއީ ވެސް. ގާޑިއާ މި ނަން ދިނީ، މި އެޕުން މިކުރާ ކަންކަމަކީ ގާޑިޔަލަކުން ކުރި ކަންތައްތައް ޒަމާނާއެއްގޮތަށް ކުރުން. ކުރިން ވެއްޖިއްޔާ މީހުން ވެސް މުދާ ވެސް އުފުއްލާނީ ގާޑިއަލުން، މި އެޕުން ވެސް މިކުރަނީ މިކަން" ގާޑިއާ މި ނަން ކިޔުނު ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާޔަތުﷲ ބުނީ މިހެންނެވެ.
ޔަޤީނުން ވެސް ގާޑިއަލަކުން ލިބޭ ހުރިހާ ޚިދުމަތެއް މި އެޕްލިކޭޝަނުން ލިބެއެވެ. އެއްތަނުން އަނެއްތަނަށް މީހުން ގޮސްދެއެވެ. މުދާ ވެސް ގެންގޮސްދެއެއެވެ.
"މީހަކު މިސާލަކަށް ބޭނުން ވަނީ ގޭގައި އޮތް އެއްޗެއް އެހެން ގެޔަކަށް ފޮނުވައިލަން. ކުރީގައި ވެއްޖިއްޔާ އަބަދުވެސް ގުޅަން ޖެހޭނީ މީހަކަށް. އެކަމަކު މިހާރު އެޕްލިކޭޝަނަށް ވަދެފައިވާ، ލޮކޭޝަން ސެލެކްޓްކޮށްލީމަ، އެޕްލިކޭޝަނުން ޑްރައިވަރެއް އެސައިންކޮށްފައި، ޑެލިވަރީގެ ޚިދުމަތް ފަށާނެ" ޓެކްސީ ޚިދުމަތުގެ އިތުރުން ގާޑިއާ އެޕްލިކޭޝަނުން ލިބޭ ޑެލިވަރީ ޚިދުމަތާ ގުޅޭ ގޮތުން އާޔަތުﷲ ބުންޏެވެ.
ރައިޑް ޝެއަރިންނާ އެކު ޖީބަށް ލުއި ޚިދުމަތެއް
ގާޑިއާ އެޕަކީ ތިން ސެގްމެންޓެއްގެ އެޕްލިކޭޝަނެކެވެ. އެއީ ޓެކްސީ ޚިދުމަތް، ޑެލެވަރީ ޚިދުމަތް އަދި ރައިޑް ޝެއަރިން ޚިދުމަތެކެވެ.
ގާޑިއާ އެޕްގެ ތަފާތު އެއް ފީޗާރއަކީ، ރައިޑް ޝެއަރިންނެވެ. މާނައަކީ ދަތުރަށް އިތުރު މީހަކު އިތުރު ކުރުމެވެ. މިއީ އާއްމުކޮށް މާލޭގައި ޓެކްސީތަކުގައި ކުރަމުން އަންނަ ކަމެކެވެ. ބައެއް ފަހަރު ފަސެންޖަރު ގާތުގައި އަހައިފައެވެ. އަނެއްބައި ފަހަރު އެހުމަކައި ނުލައެވެ. ޚާއްސަކޮށް ހުޅުމާލެ، ހުޅުލެއަށް ދަތުރު ކުރާއިރު، އިތުރު ފަރާތެއް އަރުވައިގެން ދަތުރު ކުރުމަކީ މާލޭގައި އާއްމު ކަމެކެވެ. ނަމަވެސް މި އޮތްހައި ދުވަހު، މިކަމުން ހަމައެކަނި ފައިދާ ވަނީ ޓެކްސީ ޑްރައިވަރަށެވެ. ދަތުރުވެރިޔާއަށް ލިބޭ ފައިދާއެއް ނެތެވެ. ގާޑިއާ އެޕުން އެކަން ހައްލުކޮށްދެއެވެ.
ރައިޑް ޝެއަރިންނާއެކު ގާޑިއާއެޕުން ތައާރަފް ކުރަނީ ޖީބަށް ލުއި ދަތުރުތަކެކެވެ، އެންމެ މީހަކު ނޫނީ ދެ މީހަކު ޓެކްސީގައި ދަތުރު ކުރާނަމަ މިއީ ހަމަ އެއްވަނައިގެ ފީޗަރއެކެވެ.
އިންސްއަރެންސާއެކު އިތުރު ހަރުފަތަކަށް
އާޔަތުﷲ ބުނި ގޮތުގައި މިހާރު ވެސް އެ އެޕް ބޭނުންކުރާ 400އެއްހައި ޑްރައިވަރުން އެބަތިއްބެެވެ. އަދި ދުވާލެއްގެ މައްޗަށް 200އެއްހައި އޯޑަރު އެޕްލިކޭޝަން ބޭނުންކޮށް މީހުން ކުރެއެވެ. ޕީކް ދުވަސްތަކުގައި އެ އަދަދު އުޅެނީ ހާހުންނެވެ. ނަމަވެސް މިހާރު އަންނަ އޯޑަރަށް ކޭޓާ ކުރެވޭ ވަރަށް ޑްރައިވަރުން ތިބި ކަމަށް އާޔަތުﷲ ބުންޏެވެ.
އާޔަތުﷲ ދެނީ ޔަޤީން ކަމެކެވެ. އެއީ މިއީ ރައްކާތެރި ޚިދުމަތެއް ކަމުގެ ޔަޤީން ކަމެވެ.
"އެސައިން ވަނީ ކޮން ޑްރައިވަރެއްކަން، އެ މީހެއްގެ ނަމާއި ފޯނު ނަންބަރާއި ފޮޓޯ ފެންނާނެ،" އާޔަތުﷲ ބުންޏެވެ.
ޑެލިވަރީ ސާވިސްއަކީ ވަރަށް ގިނަ ފަހަރަށް ވިޔަފާރިތަކަށް އޮތް ގޮންޖެހުމެކެވެ. އިތުރު ބަޔަަކު ލައިގެން ޑެލެވެރީ ކުރަން އެންމެ ބޮޑެތި ވިޔަފާރިތަކަށް ވެސް އޮންނަނީ ނުވެފައެވެ. އާއްމުކޮށް ޑެލިވަރީއެއްގައި ދެ ދުވަސް ތިން ދުވަސް ނަގައެވެ. ބިޒީ ދުވަސްވަރެއް ނަމަ ހަތަރު ވަރަކަށް ދުވަސް ވެސް ނަގާ ފަހަރު އާދެއެވެ. ކުދި ވިޔަފާރިތަކަށް ވެސް މި މައްސަލަ ބޮޑެވެ. ޑެލިވެރީއާ ހެދި، ވިޔަފާރި ފުޅާކުރަން ބޭނުންވާ މޭން ޕަވަރ އޮންނަނީ ގިނަ ފަހަރަށް ނުލިބިފައެވެ.
އާޔަތުﷲގެ ޓީމުން މިހާރުދަނީ ބޮޑެތި އަދި ކުދި ވިޔަފާރިތަކާ މަޝްވަރާ ކުރަމުންނެވެ. ޕެކޭޖް އިންސްއާ ކުރުމުގެ މަސައްކަތް އެ ޓީމުން ކުރަމުންދާއިރު، އެ ހިސާބުން އެޕްލިކޭޝަން ބޭނުންކުރާ މާޗެންޑައިސުންގެ އަދަދު އިތުރުވާނެކަމަށް އާޔަތުﷲ ޤަބޫލ ކުރެއެވެ. އިންސްއާ ކުރުމުން، ޕެކޭޖް ޑެލިވަރ ކުރާއިރު ގެއްލުންވެއްޖެ ނަމަ އެ ކުންފުނިން ޒިންމާ ނަގާނެއެވެ.
އެހެން އެޕްތަކާ ޚިލާފަށް ޑްރައިވަރުންނަށް ހިލޭ
އާއްމުކޮށް ރާއްޖޭގައި ބޭނުންކުރާ ކާއެއްޗެހި ޑެލިވަރ ކުރާ އެޕްތަކުގައި ބޭނުން ކުރަނީ ސަބްކްރިޕްޝަން މޮޑެލްއެކެވެ. މާނައަކީ އެޕުން ޚިދުމަތް ލިބިގަންނަ ޑްރައިވަރު ކޮންމެ މަހަކު ވެސް އެޕްލިކޭޝަނަށް ވަކި ފީއެއް ދައްކަން ޖެހެއެވެ. ގާޑިއާ އެޕްގައި އޮތީ މި އުސޫލެއް ނޫނެވެ. މި އެޕް ޑްރައިވަރުންނަށް އަދި އޮތީ ހިލެއެވެ. ލައިސެންސަކާއި އުޅަނދެއް އޮންނަ ހަމަ ކޮންމެ މީހަކު ވެސް ޑެލިވަރީ ނޫނީ ޓެކްސީ ކުރަންވީއެވެ. އެޕްލިކޭޝަން އަޅާޅާ ވެރިފައިކޮށްލަން ވެސް އެހާ ފަސޭހައެވެ.
އާޔަތުﷲ ބުނީ ވިސްނުން ހުރީ އެޕް ހިލޭ ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި ޚިދުމަތުން ފީއެއް ނަގަން ފެށިޔަސް ނަގާނީ ވަކި ވަރަކަށް ވުރެ ގިނައިން އެޕް މެދުވެރިކޮށް އާމްދަނީ ލިބޭ ފަރާތްތަކުން އެކަނި ކަމަށް އާޔަތުﷲ ބުންޏެވެ.
"އެޕުން ފައިސާ ނަގަން ފެށިޔަސް، ވަކި ބެންޗްމާކެއް އަޅުގަނޑުމެން ކަނޑައަޅާނަން، އެ ރީޗް ނުވަންޏާ ފީއެއް ނުނަގާނަން" އާޔަތުﷲ ބުންޏެވެ.
ހާދަ ބޮޑު ވިޔަފާރިއެކޭ. އާޔަތު ކާކުމިފަހ އިންވެސްޓް ކޮށްދިނީ. އިންވެސްޓް ކޮށްދިނީ.�އިނ