ޕީޖީ އަކަށް ޝަމީމު ހުރެގެން ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތައް ބާތިލްވާނެ: އަދުރޭ
ޕްރޮސެކިއުޓަރ ޖެނެރަލް އަކަށް ހުސައިން ޝަމީމު ހުރެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވާނީ ބާތިލް ދަޢުވާ ތަކަކަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި ތުހުމަތު ކުރެވޭ މުހައްމަދު ހުސެއިން(އޮއިއްޓޭ) އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައިވާތީ އެމްއެމްޕީއާރްސީގެ މައްސަލާގައި އޭނާގެ މަސްލަހަތު ފުށޫ އަރާ ކަމަށް ބުނެ ބާ ކައުންސިލަށް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ އާ ގުޅިގެން އުފުލައި ކޮންމެ ދައުވާއެއް ވާނީ ބާތިލް ދަޢުވާއަކަށް ކަމަށެވެ
"ސަބަބަކީ އެމްއެމްޕީއާރުސީ މަސްއަލައިގައި އަދީބާ ޒިޔަތުގެ ވަކީލަކީ ޝަމީމް. އެހެންވީމާ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވާނީ ބާތިލް ދަޢުވާ ތަކަކަށް." އަދުރޭ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވެފައިވާ ގޮތުން އޭނާ ވަނީ ޒިޔަތާއި އޮއިއްޓޭގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ. ނަމަވެސް، ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޒިޔަތާއި އޮއިއްޓޭގެ މައްސަލަތަކުގައި ތަނާޒުލްވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުންގެ މައްސަލަތަކާ ގުޅޭ ކަންކަން ނިންމަވަނީ ޑެޕިއުޓީ ޕީޖީ ކަމަށް ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރައްވާ ކަމަށް މީގެ ކުރިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ. އޭނާ މަސަައްކަތް ކުރެއްވީ، އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު ފިނިފެންމާ ލޯންޗުގެ މައްސަލައިގައި ކަމަށާއި، ވަކީލުކަމުން ސަސްޕެންޑު ކުރުމުގެ ސަބަބުން އަދީބުގެ އެމްއެމްޕީއާރްސީގެ މައްސަލާގައި މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.