ރައީސް ޔާމީނާއި ވަކީލުން ބައްދަލުކުރުމުގެ ފުރުސަތު ނުލިބި އޮއްވާ ޝަރީއަތުގެ އަޑުއެހުން ބާއްވާތީ އިދިކޮޅުގެ ކަންބޮޑުވުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުލިބި އޮއްވާ މާދަމާ އަޑުއެހުމެއް ބައްވާތީ އެކަމާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަން ހާމަ ކުރައްވަމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ނެރުނު ނޫސްބަޔާނެެއްގައި ބުނެފައިވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސާ ދެވެން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުނުވެ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަން ހަމަނުޖެހި އުޅެނިކޮށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުމެއް މާދަމާ އަށް ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި ވުމަކީ ޕްރޮގްރެސިވް ކޯލިޝަންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއް ކަމުގައިވެސް ޕީޕީއެމް އިން ބުނެފައިވެއެވެ.
މީގެއިތުރުން ޕީޕީއެމް އިން ބުނެފައިވަނީ ރައީސް ޔާމިން އާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުނުވެ ގިނަ ދުވަސް ވަމުން ދާތީއާއި އަދި އެކަން ހަމަޖައްސަވައިދެއްވުމަށް ހައިކޯޓުގެ ފަނޑިޔާރުން ޢަމުރުކުރެއްވި ފަހުންވެސް މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ކަރެކްޝަންސްގެ ފަރާތުން އެ އިންތިޒާމުތައް ހަމަޖައްސަވާދެއްވާފައި ނުވާތީ އެކަން ހަމަޖައްސަވައިދެއްވުން އެދި އޮގަސްޓް 13 ގައި ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އެކޯލިޝަންގެ ފަރާތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަރިހުން ވެސް އެދިފައިވާނެ ކަމަށެވެ.
އެހެންނަމަވެސް އެކަން ހަމަޖައްސާ ނުދެއްވާ، ކްރިމިނަލް ކޯޓުގައި މައްސަލައެއް ތާވަލް ކުރުމަކީ އެމަނިކުފާނަށް އަމާޒުކުރެވިގެން ހިންގާ ސިޔާސީ ހަރަކާތެއްކަމުގައި އެކޯލިޝަނުން ގަބޫލުކުރާ ކަމަށާއި އެއީ އެމަނިކުފާނަށް އަނިޔާވެރިވުން ކަމުގައި އެ ކޯލިޝަނުން ގަބޫލު ކުރާ ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.