ރިޕޯޓް

ކޮވިޑަށް ފައްސިވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު: އެޗްޕީއޭއިން އަދިވެސް އެހީތެރިކަން ފޯރު ނުކޮށްދޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑަށް ފައްސި ވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ދިވެހި ފިރިހެނަކަށް އެޗްޕީއޭގެ އެހީތެރިކަމެއް ނުލިބި ގިނަ ދުވަސްތަކެއް ވަމުން އެބަދެއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި އަޑުއިވުމާއި ބަސް ބުނުމުން މަޙުރޫމްވެފައިވާ އެފިރިހެންމީހާ ދިރިއުޅެމުން ގެންދަނީ މާލޭގައެވެ. މިދުވަސްކޮޅު އޭނާ ދިރިއުޅެމުން ދަނީ ވެސް އެކަންޏެވެ. ކައްކާފައި ކާން ދޭނެ މީހަކުވެސް ނެތެވެ.

ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދިން އޭނާގެ ގާތް މީހަކު ބުނީ، އެމީހާ ކޮވިޑަށް ޓެސްޓު ހެދީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށާއި ފައްސިކަން އެނގުނީ މިމަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

"އިންޓާޕްރިޓާރ މެދުވެރިކޮށް އޭނައަަށް އެޗްޕީއޭ އިން ގުޅީ. އެމީހުން ބުނީ އޭގެ އަނެއް ދުވަހު (މިމަހުގެ ދެވަނަ ދުވަހު) ބަލާ އަންނާނަމޭ، ތައްޔާރު ވެގެން ހުންނާށޭ. އެގޭގައި އުޅޭނެ އެކަހަލަ އެހެން މީހެއް ވެސް. އެއީ އޭނަގެ ދައްތަގެ ފިރިމީހާ. އެދެމީހުން އެއްކޮށް އުޅޭނީ. ދައްތަ ފިރިމީހާގެ ސާމްޕަލެއް އެކަމަކު ނުނަގާ. ކުރިން ދުވަހެއްގައި ބޭރަށް ގޮސް ސާމްޕަލް ނެގީ" މައުލޫމާތު ދިން މީހާ ބުންޏެވެ.

މީގެއިތުރުން މައުލޫމާތު ދިން މީހާ ބުނީ މިމަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރު ގަޑީގައި ގުޅާފައި އޭނާ ބަލާދަނީ ކަމަށް އެޗްޕީއޭއިން ބުނި ކަމަށެވެ. އެގަޑީގައި ވެސް އޭނާ ދާން ތައްޔާރުވެގެން އިން ކަމަށާއި ނަމަވެސް ބަލާ ނައުމުން އޭނާއަށް ނިދުނީ ކަމަށް ބުންޏެވެ.

"އޭނައަށް ނިދިފައި އޮއްވާ ގުޅާފަ އޮތް ވާހަކަ ބުނި. އެހެން ވެގެން އޭގެ އަނެއް ދުވަހު (އޮގަސްޓް 3ވަނަ ދުވަހު) ހެނދުނު އިންޓަޕްރިޓަރ އެއް މެދުވެރިކޮށް އޭނަ އެމީހުންނަށް ގުޅި، އެމީހުން ގުޅި ވަގުތު ނިދިފައި އޮތް ވާހަކަ ބުނަން. އެކަން އެޗްޕީއަށް އެދުވަހު އެންގުމުން ވެސް އެމީހުން އޭނައަށް ގުޅީ އޭގެ 3 ނުވަތަ 4 ދުވަސް ފަހުން. އެރޭ 10 ޖަހާކަންހާއިރު ގުޅާފައި އަނެއްކާވެސް ބުނީ 15 ވަރަކަށް މިނެޓު ތެރޭ އެބަދަމޭ ބަލާ. އެކަމަކު އޭގެ ފަހުން ނުވޭ އެމީހުންގެ ޚަބަރެެއް" މައުލޫމާތު ދިން މީހާ ބުންޏެވެ.

ޚާއްސަ އެހީއަށް ބޭނުންވާ އެމީހާއަށް އެޗްޕީއޭގައި އުޅޭ މީހަކު މިއަދު މެސެޖުކުރި ކަމަށާއި، މިއަދު "އެޓެންޑު" ވާނެ ކަމަށް ބުނި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ. އަދި ކުރިން އެމީހާ އާއި ނުގުޅުނީ ކަމަށް ބުނި ކަމަށް ވެސް ވެއެވެ.

އެނގިފައިވާ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ އެމީހާ ބަލާ އެޗްޕީއޭއަށް މިފާއިތުވީ ދުވަސްތަކުގައި ދެވިފައި ނުވާއިރު، އޭނާގެ އިތުރު ސާމްޕަލެއް ފަހުން ނަގާފައެއް ވެސް ނުވެއެވެ.

"އަޅުގަނޑު އެޗްޕީއޭއަށް ގުޅިން އެކަމާ. ގުޅީމަ ބުނީ މިހާރު ސާމްޕަލެއް ނުއެއް ނަގަޔޯ. އެކަމަކު އޭނައަށް އިންޓަޕްރިޓާރ އަންގާފަ އިން، ސާމްޕަލް ނަގަން ދާނެ ކަމަށް އެޗްޕީއޭ އިން. އެހެންވެ އަޅުގަނޑު ގުޅީ. ގުޅީމަ އެމީހުން ބުނީ މިހާރު ސާމްޕަލެއް ނުނަގަމޯ ރިލީސް ކުރާކަށް. ޕޯޓަލް މެދުވެރިކޮށް މެސެޖެއް ފޮނުވާލާށޯ ރިލީސް ސިޓީ ހޯދަން. އެސިޓީ ހޯދަން މެސެޖުވެސް ފޮނުވި. އެކަމަކު ނުވޭ ޚަބަރެއް. މެސެޖު ކުރީ 16 ވަނަ ދުވަހު" މައުލޫމާތު ދިން މީހާ ބުންޏެވެ.

ޚާއްސަ އެހީއަށް ބޭނުންވާ އެމީހާވަނީ އޭނާގެ ކަންބޮޑުވުން މީސްމީޑިއާ މެދުވެރިކޮށް ހިއްސާ ވެސް ކޮށްފައެވެ. ނަމަވެސް މިއަދު އޭނާގެ ފޭސްބުކް އެކައުންޓަށް ނުވަދެވޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!