2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ނިކުންނެވީ މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ކުރިން ހޯމް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލު ނައިބު ރައީސްކަމަށް ވަޑައިގެންނެވީ 2013 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވުމާއިއެކު އެވެ.
ދައުރުގެ މެދުތެރެއިން ރައީސް ޔާމީނާއި ޑރ. ޖަމީލާއި ދެމެދު އޮތް ގުޅުން ހީނަރުވަމުން ދިޔަކަމުގެ ވާހަކަތަކެއް ދެކެވުނެވެ. ބައެއް މައްސަލަތައް ހޫނުވެ ޖަމީލާއިމެދު ރައީސް ޔާމީންގެ ނުތަނަވަސްކަމެއް ހުރިކަމަށްވެސް އޭރު އަޑުތަކެއް ފެތުރުނެވެ. މިހެން ވާހަކަ ދެކެވެމުން ދަނިކޮށް ޖަމީލުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ސަރުކާރުގެ މެޖޯރިޓީއޮތް ޕީޕީއެމްއިން މަޖިލީހަށް ވެއްދި އެވެ. ޖަމީލު ނައިބު ރައީސްކަމުން ވަކިކުރަން މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ޖަމީލު ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. އެތަނުގައި އޭނާ އަރުވާލެވިގެން އެތައް ދުވަހެއް ވަންދެން ހުންނެވި އެވެ. އަދި ޖަމީލު ގެންދެވީ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ބަސް ވިދާޅުވެ މަސައްކަތްވެސް ކުރައްވަމުންނެވެ. ޖަމީލު ވެވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަން 2018 ވަނަ އަހަރު ބަދަލުކުރެއްވުމުގައިވެސް އިސް ރޯލެއް ކުޅުއްވި ބޭފުޅަކަށެވެ.
ދެން ވެރިކަމަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. ސަރުކާރުގެ އިސް މަގާމެއް ޖަމީލަށް އަރުވާފައި ނުވިއެއް ކަމަކު ޖަމީލު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސަރުކާރާއިއެކު އެވެ. އެހެންނަމަވެސް މާގިނަ ދުވަހެއް ނުވެ ސަރުކާރާއި ދެކޮޅަށް ޖަމީލު ބަސް ވިދާޅުވާން ފެއްޓެވި އެވެ. މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ޖަމީލު ހަމަޖެއްސުމުގެ އިތުރުން ކޯޓުތަކުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އިސް ދިފާއީ ވަކީލެއްގެ ގޮތުގައިވެސް ޖަމީލު މަސައްކަތް ކުރައްވަން ފެއްޓެވި އެވެ.
ރައީސް ޔާމީންގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު ބޯމަތިވަމުން މިދާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައިވެސް ކަނޑައަޅާފައި މިވަނީ ޑރ. ޖަމީލެވެ. ޖަމީލު ގަބޫލު ކުރައްވާ ގޮތުގައި ރައީސް ޔާމީންގެ އިތުބާރު އަލުން ހޯދުނީ ކުރެވުނު އިހްލާސްތެރި މަސައްކަތްތަކުގެ ސަބަބުންނެވެ.
ކުރިން މައްސަލަތަކެއް ފެންމަތިވެ އެކަން ފުޅާވެގެން ދިޔައީ ވަކި ބޭފުޅެއްގެ ސަބަބުންކަމަށް ނުސީދާކޮށް ޖަމީލު ވިދާޅުވެ އެވެ. ވަކި ބޭފުޅެއްގެ ނަން އޭނާ ވިދާޅެއް ނުވެ އެވެ. އެހެންނަމަވެސް އިޝާރާތް ކުރައްވަނީ ޖަމީލުގެ ފަހުން ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބަށެވެ. ވިދާޅުވީ އޭރު ޖެހުނު މައްސަލަތަކުގެ އަސްލު މިހާރު ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއިއެކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެހެންނަމަވެސް ޖަމީލު ވިދާޅުވަނީ ގާނޫނީ ގޮތުން ރައީސް ޔާމީނަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އިދިކޮޅުން ބުރަވަނީ މަތީ ކޯޓުގައި އޮތް އިސްތިއުނާފު މައްސަލައަށެވެ. އިސްތިއުނާފުގައި ކޯޓުން ރައީސް ޔާމީނާއި ދެކޮޅަށް މައްސަލަ ނުނިންމާހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަމަށް ޑރ. ޖަމީލުވެސް ވިދާޅުވެ އެވެ.
އިދިކޮޅުން މިހާރު ވަނީ ރައީސް ޔާމީންގެ ކެނޑިޑެންސީ ފޯމަށް ސޮއި ހޯދައިފަ އެވެ. ކަރެންޝަންސްގެ އެހީގައި ރައީސް ޔާމީންގެ ސޮއި ނަންގަވައި ޕާޓީއާއި ފޯމު ވަނީ ހަވާލުވެސް ކޮށްފަ އެވެ. އިދިކޮޅުން ބުނަނީ މިހަފްތާ ނިމެންވާއިރަށް އިލެކްޝަނަށް ފޯމު ހުށަހަޅާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ރައީސް ޔާމީންގެ ކެނޑިޑެންސީ ފޯމު ބަލައިގަތް ނަމަވެސް އެމަނިކުފާނުގެ ކެނޑިޑެންސީއާއިމެދު އުފެދިފައިވާ ސުވާލަަށް ކޯޓުގެ އިރުޝާދު ހޯއްދަވާނެ ކަމަށެވެ. އަދި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެކަމާއިމެދު ގޮތެއް ނިންމޭނީ އޭރުންކަމަށް ކޮމިޝަނުން ބުނެ އެވެ.
ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. އެހެންނަމަވެސް އަމިއްލަ ގޮތުން އިންތިހާބުގައި ޥާދަކުރެއްވުމަށް ކޮންމެވެސް ވަރެއްގެ ފުރުސަތެއް އޮތްކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ އިސްތިއުނާފު މައްސަލަ ނިމި ރައީސް ޔާމީން މިނިވަން ނުވާހާ ދުވަހަކު އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށެވެ.
ކޮންމެއަކަސް ރައީސް ޔާމީނާއި ޑރ. ޖަމީލަކީ 2013 ގެ ކާމިޔާބު ޖޯޑެވެ. އެފަހަރު ތިން ބުރަކުން ފާސްވެ އެ ދެބޭފުޅުން އިންތިހާބު ކާމިޔާބު ކުރެއްވި ކޯލިޝަނެއްގެ ތެރެއިންނެވެ. ޕީޕީއެމްއިން ލަފާކުރާ ގޮތުގައި މިފަހަރު ގިނިކަންޏާ ނިކުމެ ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ އެވެ. ރައީސް ޔާމީނަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ގިނިކަންޏާ ނިކުމެވަޑައިގެން އެންމެ ގިނަ ވޯޓު ހޯއްދެވި ކެނޑިޑޭޓެވެ. އެއަހަރު 95،000 އަށްވުރެއް ގިނަ ވޯޓު އެމަނިކުފާނު ހޯއްދެވި އެވެ.