ޑރ. ޖަމީލު ރަނިންމޭޓުކަން ގަބޫލުކުރެއްވީ ޕީޕީއެމްގެ ކެންޑިޑެސީ ލިބިވަޑައިގެންފާނެ ކަމުގެ އުއްމީދުގައި: އިމްރާން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓްކަމަށް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ހަމަޖެއްސެވުމުން އެކަން ޤަބޫލުފުޅުކުރެއްވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެނޑިޑޭޓު ޖަލުގައި ހުންނެވުމުން ކަމަށާއި ޕީޕީއެމްގެ ކެންޑިޑެސީ ލިބިވަޑައިގެންފާނެ ކަމުގެ އުއްމީދުގައި ކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ށ. މިލަންދޫއަށް ވަޑައިގެން އެރަށުގައި ތިއްބަވާ އެމްޑީޕީއަށް ތާއީދުކުރައްވާ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް އުޅެނީ އިންތިޚާބު ކާމިޔާބުކުރެވޭނެ ފޯމިއުލާއެއް ނުހޯދިގެން ކަމަށެވެ. އަދި ޖަލުގައި ހުންނެވި ބޭފުޅަކު ކެންޑިޑޭޓެއްގެ ގޮތުގައި ދައްކާފައިވާކަމަށާއި، ރަނިންމޭޓަކަށް ބޭފުޅަކު ނެންގެވީ ޖަލުގައި ހުންނެވި ބޭފުޅަކާއެކު އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅަކު ނެތުމުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޔާމީނުގެ ރަނިންމޭޓަކަށް، ޖަމީލް ހަމަޖެއްސެވުމުން އިމްރާން އެކަން ސިފަކުރެއްވީ "އެއީ ފިދާއެެއްގެގޮތުގައި ކަތިލާ ކަންބަޅިއެއްގެ ގޮތުގައި" އެވެ. އަދި އޭގެ ހެއްކެއްގެ ގޮތުގައި އިމްރާން ވިދާޅުވީ، ޖަމީލުއާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމް/ޕީއެންސީން މަސައްކަތްކުރަމުން ދާކަމަށެވެ.
ރައީސް ޞާލިޙް ކުރީ އިންތިޚާބު ކާމިޔާބުކުރެއްވީވެސް ކޯލިޝަނާއެކުގައިކަމަށާއި، އެމަނިކުފާނު މިފަހަރުވެސް އެ ނުކުންނަވަނީ އެންމެ ބޮޑު ކޯލިޝަނާއެކުގައި ކަމަށް ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ރައީސް ޞާލިޙް އުޅުއްވަނީ ރިޔާސީ ރޭހުގައި ވަރަށް ކުރީގައި ކަމަށާއި، ރައީސް ޞާލިޙަކީ ކޯލިޝަން ދަމަހައްޓަވަން ދެނެވަޑައިގަންނަވާ ވެރިއެއް ކަމަށެވެ. އަދި އޭގެ މިސާލެއްގެ ގޮތުގައި އިމްރާން ވިދާޅުވީ، ރައީސް ޞާލިޙް އާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުން ކެބިނެޓުގައި ތިއްބެވިއިރުވެސް އެ ބޭފުޅުންނާއެކު އެމަނިކުފާނު މަސައްކަތްކުރެއްވާކަމަށެވެ.