މުއިއްޒު ރައީސް ޞާލިހަށް ގުޅުއްވައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދިވަޑައިގެންފި
މީގެ ދެ ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ގުޅުއްވައި، ޖަލު ބަންދެއްގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ކެނޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުގައި ނިންމި ދުވަހު ރައީސް ޞާލިހަށް ގުޅުއްވި ކަމަށެވެ. އެގޮތުން ގުޅުއްވައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވީ ތިބޭފުޅުން ބޭނުންވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތް ހެދުމަށް ނޫންހޭ. މިހާރު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭކަން އެއީ ޔަގީންވެފައެއް ނޫންހޭ. ދެން އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވާށޭ" މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ޖަލު ބަންދުގައި ހުންނަވާތީ އެމަނިކުފާނަށާއި އެމަނިކުފާނުގެ އާއިލާއަށްވެސް ވަރަށް ބޮޑު ނިކަމެތިކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކުރެއްވިއެއް ކަމަކު ރަށްރަށަށް ކެމްޕެއިން ދަތުރުތަކުގައި ނުދެވޭނެކަމަށާއި އެހެންކަމުން އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް ތަކުރާރުކޮށް ރައީސް ޞާލިހު އަރިހުން އެދިވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެގޮތަށް ދެންނެވުމުން ރައީސް ޞާލިހު އެކަމާއި ވިސްނާވަޑައިގަންނަވާނެކަމަށް ދެންނެވިކަމަށެވެ. އަދި މިއަދުވެސް އެ އެދުމަށް އިޖާބަ ދެއްވުމަށް އެދިވަޑައިގަންނަވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަސައްކަތް ކުރަނީ އެއް އަމާޒަކަށް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިންތިހާބުވެއްޖެ ނަމަ ފުރަތަމަ ދުވަހު ރައީސް ޔާމީނަށް ހައްގު އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށެވެ.
ހައްޤު އިންސާފު ޤާއިމު ކޮށްދިނުމަކީ.. ވެރިކަން ލިބޭ ފުރަތަމަދުވަހު.. ކުށްވެރިވެ ޖަލައް ލާފައިވާ މީހަކު މިނިވަން ކުރުންތޯ؟