ދިވެހިރާއްޖެ ކުރި ނާރައި އޮތީ އާބާދީ މަދު ރަށްރަށް ބާކީކޮށްލާފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންތަކަށް ރާއްޖެތެރެއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ނ އަތޮޅަށް ވަޑައިގެން އެ އަތޮޅު މަނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، 2013 އިން 2018 އަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ސިޔާސަތަކީ އާބާދީ ބޮޑެތި ރަށްރަށަށް ކަންތައް ކޮށްދިނުން ކަމަށާއި މިއަދުވެސް އެބޭފުޅުންގެ ސިޔާސަތަކީ އެއީ ކަމަށެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އާބާދީ ބޮޑެތި ރަށްތައް ދޫކޮށްލުމަށްފަހު ކުދި ރަށްތައް ފުރަތަމަ ތަރައްގީ ކުރުމުން ތަރުތީބު އޮޅޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
"އަނެއް ކެންޑިޑޭޓަކު ވިދާޅުވަނީ ތިމަންނަގެ އަމާޒަކީ އާބާދީ ބޮޑު ރަށްރަށަށް ކަންކަން ކޮށްދިނުމޭ. އެއީ ތަފާތަކީ. އަޅުގަނޑުމެންގެ ކުރިމަތީގައި އެންމެ އިސްކަން ދެނީ ދިވެހި ފަރުދުންނަށް. ކޮންމެ ތާކު ކޮންމެ ރަށެއްގައި އުޅުނަސް ދިވެހިންނަށްހައްގުވާ ކަންކަން އެބަ ހުރި. އެއީ އާބާދީ ބޮޑު ވެގެން ބޮޑު ރަށެއްގައި ނޫނީ ސިޓީއެއްގަ އުޅޭތީ ކޮށްދޭން ޖެހޭ ކަމެއް ނޫން، ... ދަންނަވަންތޯ މިއަދު މި ގައުމު ކުރި ނާރާ މިއޮތީ އެހެންވެގެން" ރައީސް ވިދާޅުވި އެވެ.
"އޭގެ ފަހަތުގައި އޮންނާނީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނުރައްކާ. ގަދަބާރުން ވެރިކަން ކުރުން. އަޅުގަނޑުމެން އެކަން ތަހައްމަލުކޮށްދިން. ދެނެއް ދިވެހިންނެއް އެ ދުވަސް ދެކޭކަށް ބޭނުމެއް ނުވޭ،" ރައީސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ސަރުކާރާއި މި ސަރުކާރުގެ ތަފާތަކީ އެއީ ކަމަށާއި އެނޫން ތަފާތުތައްވެސް ރައްޔިތުންނަށް ފެންނާނެކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ދައުރެއް ފުރިހަމަކޮށް ނިންމާލަނީ ސިޔާސީ ބޭނުމެއްގައި މީހަކު ހައްޔަރުނުކޮށް ކަމަށާއި އަދި ކުރިއަށް އޮތް ދައުރުގައި ވެސް ގެންގުޅޭނީ އެ ސިޔާސަތު ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ޞާލިޙްވަނީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ބައެއް ވާދަވެރިންގެ ސިޔާސަތުތައް ފެނިވަޑައިގަންނަވާކަމަށާއި ޒާތީ ގޮތުން ވާހަކަދެއްކެވުން ނޫންކަމެއް އެބޭފުޅުން ނުކުރައްވާކަަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"ތިމާ ހެނދުނު ހޭލާ އިރުގައި ސިކުނޑީގައި ހުރި އެއްޗެއް އެވަގުތަކު ބުނެލަނީ. ހަވީރުވެގެނެ އަންނަ އިރުގަ އެ ބަދަލުވޭ. މުޅީން އެހެން ވާހަކައެއް ދައްކާ އަނެއްކާވެސް ރޭގަނޑުވާއިރު މުޅިން އެހެން ވާހަކައެއް. ދަންނަވަންތޯ؟ ހުވަފެނުގައި ފެންނަ ކަންތައްތައް ހަގީގައްތަކަށް ހަދަންޏާ ފުރަތަމަ ޖެހޭނީ ނިދިން ހޭލަން. އެއަށްފަހު އެކަން ކުރެވޭނީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެއްބަޔަކު މި ސަރުކާރުން މިހާރުވެސް ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަ ދައްކަވާކަންވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
"ތިމަންނަމެންގެ ސަރުކާރެއްގައި އެސްއެމްއީ ލޯނު މޯގޭޖެއް ނެތި، ރަހުނެއް ނެތި ދޫކުރާނަމޭ. ބަލަ މިހާރުވެސް އެކަން ކުރަމުންދާ ގޮތޭ އެއީ. އެސްއެމްއީ ލޯނު މިހާރުވެސް ދެނީ އެގޮތަށޭ. ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅީމާ އެއްވެސް ރަހުނެއް ނެތި އެދަނީ ލޯނު ދޫކުރަމުން. އަނެއް ބޭފުޅަކު ވަޑައިގެން އެބަ ވިދާޅުވޭ. މިރަށުގައި ތިމަންނަ އަޅާނަމޭ 1200 މީޓަރުގެ އެއާޕޯޓެއް، ބަލަ އެ ރަށުގައި މިހާރު އެބަ އަޅާއޭ 1500 މީޓަރުގެ އެއާޕޯޓެއް" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ޤައުމު ތަރައްޤީ ނުވެއޮތީ މިދިޔަ 60 އަހަރުތެރޭގައި ވެެރިކަން ކުރި ބޭފުޅުން ހަޒާނާ ލޫޓުވައިގެން އަމިއްލަ ޖީބަށް ލީމަ ނުންތޯ !