ރިޔާސީ އިންތިހާބަށް ކުޑަތަން ވަމުން އަންނައިރު ކެމްޕެއިންގެ ފޯރި މުޅި ރާއްޖޭގައި މިވަނީ ގަދަވެފަ އެވެ. އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންވެސް އެމީހުންގެ ސިޔާސަތުތައް އާންމު ކުރަމުން ދާއިރު، ރައްޔިތުންގެ ވޯޓު ހޯދުމަށް ވައުދުތައް ފުލުފުލުގައި މިދަނީ ވަމުންނެވެ.
ކޮންމެ އަހަރެއްގެ އިންތިހާބާއި ދިމާކޮށްވެސް ކޮންމެވެސް ބައެއްގެ އަތްމަތި ތަނަވަސްވާކަމުގެ ވާހަކައަކީ ހަމައެކަނި ތުންތުންމަތިން އަޑުއިވޭ ވާހަކަތަކެއް ނޫނެވެ. ޝައްކެއްވެސް ނެތް ގޮތުގައި އިންތިހާބާއި ދިމާކޮށް ކެމްޕެއިނަށް އެތައް މިލިއަނަކުން ފައިސާ ހަރަދު ކުރެ އެވެ. ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކުންގެ ދަތުރުތަކަށް ކުރާ ހަރަދުތަކާއި ކެއިން ބުއިމާއި އެނޫންވެސް އިންތިޒާމުތަކަށް ކުރާ ހަރަދުތައް އެއްފަރާތް ކުރާށެވެ. ފާޅުގައި ދައްކަން ބޭނުން ނުވިޔަސް ކެމްޕެއިން ފައިސާއިން ކޮންމެވެސް ބަޔަކަށް ފައިދާތަކެއް ކުރެ އެވެ. ރިޝްވަތުގެ ގޮތުގައި ނުދިނެއްކަމަކު ޑޮކްޓަރަށް ދެއްކުމުގެ ނަމުގައާއި ލޯނު ދައްކަން އެކި އަދަދުތަކުން ހަދިޔާގެ ގޮތުގައި ފައިސާ ބަހާކަމީ އެންމެންނަށް އިނގޭ ބޮޑު ސިއްރެކެވެ.
އެކަމަކު މިފަހަރު ދައްކަން މިއުޅެނީ މިގޮތަށް ބަހާ ފައިސާގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވޯޓުތަކެއް ދަމައިގަންނަން ޖަހާ މަޅިއެއްގެ ވާހަކަ އެވެ. ތަންކޮޅެއް ތިލަކޮށް ތަފްސީލަށް ޖެހިލާނަމެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވުނު ކޮންމެ އިންތިހާބެއްގައިވެސް އެއިރެއްގައި ވެރިކަން ކުރައްވާ ބޭފުޅަކު ދެވަނަ ދައުރެއް ހޯއްދަވަން އިންތިހާބަށް އަލުން ނިކުންނަވަ އެވެ. 2008 ގައި ރައީސް މައުމޫނު އަބްދުލް ގައްޔޫމު، 2013 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، 2018 ގައި ރައީސް އަބްދުﷲ ޔާމީން އަދި މިއަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. ވެރިކަމަކީ ވަރަށް ގިނަ ބާރުތަކެކެވެ. އެބާރުތަކުގެ ބޭނުން އެމީހަކު ބޭނުން މިންވަރަކަށް ކުރުމުގެ ފުރުސަތު ގާނޫނު އަސާސީގެ ލޫޕްހޯލުތަކުން ލިބިދެ އެވެ. ނަހަމަ ގޮތުގައި ބޭނުންކުރިޔަސް ގާނޫނީ ގޮތުން އެކަންކަމަށް ފިޔަވަޅު އެޅޭނެ މާގިނަ ގޮތްތަކެއް ނެތެވެ.
މިސަބަބަށްޓަކައި ކޮންމެ އިންތިހާބަކާއި ދިމާކޮށްވެސް އެކި ގޮތްގޮތަށް ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރެ އެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބާއި ދިމާކޮށެވެ. އެންމެ މިސާލަކުން ރިޕޯޓުގެ އަސްލު މައުޟޫއަށް ދާނަމެވެ. އިއްޔެ މިވަނީ މާލޭ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ގުރު ނެގުމުގެ މަސައްކަތް ފަށައިފަ އެވެ. ހުޅުމާލޭގައި ހިއްކާފައި އޮތް ބިމުންނާއި، ހިއްކަން ތައްޔާރުވަމުންދާ ބިމުގެ އިތުރުން ގިރާވަރު ފަޅުންނާއި ގުޅީފަޅުންވެސް ގޯތިތައް ބަހަން ސަރުކާރުން މިވަނީ ނިންމައިފަ އެވެ. ރިޔާސީ އިންތިހާބަށް 20 ވަރަކަށް ދުވަހަށް ވެފައިވާއިރު ގުރުއަތު ނެގުމުގެ މަސައްކަތް ފެށި ސަބަބާއިމެދު ސުވާލުތަކެއް އެބަ އުފެދެ އެވެ.
ހުޅުމާލޭގެ ބިން ހިއްކާފައި އޮންނަތާ މި ސަރުކާރަށް ވީ ދުވަހެއް ވީ އެވެ. ގިރާވަރު ފަޅު އަދިވެސް އޮތީ ނުހިއްކަ އެވެ. ގުޅީފަޅުގެ ދެވަނަ ފިޔަވަހިން ބިން ހިއްކުމުގެ މަސައްކަތް ދުވަސްތަކެއް ކުރިން ފެށި އެވެ. އެކަމަކު ސަރުކާރުން ގޯތީގެ ގުރު ނަގަން ފެށީ އިންތިހާބަށް ކުޑަތަން ވެފައިވަނިކޮށެވެ. ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދުގެ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަށް ވީނަމަވެސް ސަރުކާރުން ކަން ކުރާ ގޮތުން އަސްލު މަގްސަދާއިމެދު ސުވާލު އުފެދެ އެވެ.
"ބިންވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ނެރުނު ލިސްޓަކީ ސީދާ އެމްޑީޕީ މީހުންނަށް ބިންތައް ބަހަން ހިންގާ ބޮޑު ޖަރީމާއެއް" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ.
މާލެ ސަރަހައްދުން ބިން ދޫކުރުމާއި ވޯޓާއި ހަމައެއްވެސް ގުޅުމެއް ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިޔަސް އެއީ އިތުރުފުޅެކެވެ. ބިން ދޫކުރުމަކީ ހަމަ ސީދާ ވޯޓަށް ޖެހި މަޅި އެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓުތައް ދޫކުުރީވެސް ހަމަ މިމަޅި ޖަހާށެވެ.
ކައުންސިލްތަކުގެ އިންތިހާބަށް ވަކި މުއްދަތަކަށް ވުމުން ކައުންސިލުން އެއްވެސް މަޝްރޫއެއް ފެށުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. މިކަން މިގޮތަށް މަނާކުރީ އިންތިހާބާއި ދިމާކޮށް ރައްޔިތުންނަށް ނުފޫޒު ފޯރުވަން ފުރުސަތު ލިބިދާނެތީ އެވެ. ރިޔާސީ އިންތިހާބާއި ގުޅުވައި މިގަދަ ގަވާއިދެއް ނެތެވެ. ނަތީޖާއަކަށް ވަނީ އިންތިހާބު ކައިރިވި ވަރަކަށް މަޝްރޫއުތައް ގިނަވުމެވެ. މާލޭ ސަރަހައްދުގެ ފްލެޓުތަކާއި، ފުވައްމުލަކުގައި ފެށި ފްލެޓު މަޝްރޫއަކީ ފާހަގަކޮށްލެވުނު ދެ ތިން މަޝްރޫއެކެވެ. މިހެން ގޮސް އަތޮޅު ތެރޭގައިވެސް އެތައް ކަމެކެވެ.
މިހާރު މި ކުރިއަށްދާ ބިންވެރިޔާ ސްކީމްގެ ގުރުނެގުން މިދިޔަ 2018 ވަނަ އަހަރު އެހެން ސިފައެއްގައި ކުރިއަށް ގެންދިޔަ އެވެ. ހިޔާ ފްލެޓުތައް ލިބޭ މީހުން އިއުލާންކޮށް އެމީހުންނަށް ލިޔުންތައް ދޫކުރުން ކުރިއަށް ގެންދިޔައީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. ހައުސިންގް މިނިސްޓްރީ ދޮރުމަތީގައި ކިއު ހަދާފައި މީހުންގަނޑު ތޮއްޖެހިގެން ތިބި ހަނދާން އަދިވެސް އެބަ ހުއްޓެވެ. ދަރުބާރުގޭގައި ގުރު ނަގަން ބޮނޑިވެގެން ތިބި ހަނދާންވެސް އެބަހުއްޓެވެ. މިފަދަ ކަންކަމަކީ ރިޝްވަތޭ ބުނެވޭނެ ޖާގައެއް ގާނޫނު އަސާސީއަކުން ނުދެ އެވެ. އެކަމަކު މިއީ ރިޝްވަތުކަން ކޮންމެ މީހަކަށްވެސް އެނގެ އެވެ. މިއީ ނަންނުވެ ރައްޔިތުން ހިފަން ދޭ ރިޝްވަތެވެ.
ސިޔާސީ މަގާމް ތަކާ މުސާރަ އެއީ ރިސްވަތު