މޯލްޑިވިއަން ކުރިއަރުވައި، ދަރަނިތައް ފިލުވާނަން: ނާޒިމް

ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ މައި ކުންފުނި މޯލްޑިވިއަން ކުރިއަރުވައި، އެ ކުންފުނިީގެ ދަރަނިތައް ފިލުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ވިދާޅުވީ މާލެއިން ފުރައިގެން ދ އަތޮޅުގެ ރަށްރަށަށް ދާންޖެހެނީ ވަރަށް ބޮޑު އަގުގައި ކަމަށާއި މިއީ ރައްޔިތުންނަށް ޙައްޤު މިންވަރު ނޫންކަމަށެވެ.
"މި އަގުތަކަކީ އެންމެ އެކަށީގެންވާ އަގުތަކެއް ކަމެއް ގަބޫލެއް ނުކުރަން. ކުޑަހުވަދޫ މީހުންނަށް މާލޭން ފުރައިގެން މި އަށް ވުރެ އަގުހެޔޮކޮށް އާދެވެން ޖެހޭނެ. ހަމަ އެހެންމެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާއިރު މި އަށް ވުރެ އަގުހެޔޮކޮށް ކުރެވެން ޖެހޭނެ"
"މިއީ ހައްގު މިންވަރުތޯ؟ ސުވާލު ކުރައްވާ. އަޅުގަނޑުމެން އެބަ ޖެހޭ ހޭލަން. ތައުލީމީ ޖީލެއް ބިނާވެފައި އޮތް ގައުމެއް ތަންދޮރުފިލާ މީހުން ތިޔަ ގޮތަށް ތިއްބަވައިގެން ނުވާނެ."

ނާޒިމް ދ. ކުޑަހުވަދޫ ރައްޔިތުންނާ ވާހަކަ ދައްކަވަނީ ފޮޓޯ: އެމްއެންޕީ
ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ނާޒިމް ވިދާޅުވީ މޯލްޑިވިއަން ގެ ކުރިއެރުމަށް އެޅިފައިވާ ހުރަހަކީ އެކި ސަރުކާރުތަކުން ގެންގުޅިފައިވާ ދޯހަޅި ސިޔާސަތުތަކެވެ. ނަމަވެސް މޯލްޑިވިއަން އަކީ ފައިދާވާ ކުންފުންޏަކަށް ހަދައި ރައްޔިތުންނަށް އަގުހެޔޮކޮށް ޓިކެޓު ހޯދުމަކީ އުނދަގޫކަމެއް ނޫންކަމަށާއި އެމަނިކުފާނަށް އެކަން ކުރައްވަންވީ ގޮތް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެބަ ފެނޭ އޭގެ ހައްލު. މޯލްޑިވިއަން އަށް އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިން ދިނީމާ އެ ކުންފުންޏަށް އިތުރު އާމްދަނީ ލިބޭނެ ގޮތް އެ ހެދުނީ. އަދި އެއާޕޯޓަށް ޖައްސާ ފީތައް ކުޑަކުރީމާ އެ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވީ،" ނާޒިމް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މޯލްޑިވިއަންގެ ޓިކެޓުތައް އަގުތައް 20 ޕަސެންޓް ހެޔޮ ކުރައްވާނެކަމަށެވެ.
"އަޅުގަނޑަށް އެބަ ފެނޭ އޭގެ ހައްލު. މޯލްޑިވިއަން އަށް އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިން ދިނީމާ އެ ކުންފުންޏަށް އިތުރު އާމްދަނީ ލިބޭނެ ގޮތް އެ ހެދުނީ. އަދި އެއާޕޯޓަށް ޖައްސާ ފީތައް ކުޑަކުރީމާ އެ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވީ"
ރޭ ދ. ކުޑަހުވަދޫގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީން ވެރިކަމަށް އައުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުން ބާރުވެރިކުރުމަށާއި ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ. އަދި ހުރިހާ ރައްޔިތުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.