ޚަބަރު ސިޔާސީ

ޕީޕީއެމް ވެރިކަމަށް އަތުވެއްޖެނަމަ ހަނިމާދޫ އެއާޕޯޓު ނައްތާލަން ނިންމައިގެން ތިބީ: ޝާހިދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބު ލިބިއްޖެނަމަ، މިހާރު ތަރައްޤީކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓު ހުއްޓުވައި، އެ އެއާޕޯޓު ނައްތާލާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ކެމްޕޭނުގައި، ރޭގައި ސޯސަން ޖަގަހައިގަ އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، 136.6 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓު ޕީޕީއެމްގެ ވެރިކަމެއްގައި ނައްތާލުމަށް އެބެފުޅުން ރާއްވަވާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެކަމުގެ މައުލޫމާތުތައް އަޅުގަނޑުމެންނަށް ލިބެމުން ދަނީ. ރޭވުންތައް އެ މީހުން ރާވަމުން ދަނީ. މުޅި ހަނިމާދޫ ޕްރޮޖެކްޓް އެ މީހުން އޮތީ ބޭރުކޮށްލަން ނިންމާފައި،" ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ވެރިކަމުގައި އެއްވެސް ކުރިއެރުމެއް ބޮޑު ތިލަދުންމައްޗަށް ނުލިބޭނެ ކަމަށާއި ވޭތުވެދިޔަ ވެރިކަމުގައި ވެސް އެ ސަރަހައްދަގެ ރަށްތަކަށް ތަރައްގީގެ މަސައްކަތްތަކެއް ކޮށްދެއްވާފައި ނެތްކަމަށް ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުން ވެސް ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ ވިސްނުން ގެންގުޅެ, އެކި އެކި ކުރެހުންތައް ވެސް ހިއްސާކުރިކަމަށާއި، ނަމަަވެސް އަމަލީ އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ފެށުނީ މި ސަރުކާރުގައި ކަމަށެވެ.

ހަމައެއާއެކު، ބޮޑުތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން އިގުތިސޯދީ ގޮތުން އެންމެ ވަރުގަދަ ހދ. ކުޅުދުއްފުއްޓަށް ޕީޕީއެމްގެ ވެރިކަމުގައި އަދި އިދިކޮޅުގެ މިހާރުގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒު މިނިސްޓަރަކަށް ހުންނެވި ހަތް އަހަރު މާ ގިނަ ކަންތައްތަކެއް ކޮށްދީފައި ނެތްކަމަށާއި ބޯހިޔާވަހިކަމުގެ އެންމެ ޓިނުގަނޑެއް ވެސް މުއިއްޒުގެ މިނިސްޓަރުގައި ކުޅުދުއްފުށީގައި އަޅާފައި ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މި އަހަރުގެ ޖެނުއަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ވެގެން ދާނީ ބޮޑުތިލަދުންމައްޗާއި އުތުރުގެ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ޒަމާނީ އެއާޕޯޓަކަށްކަމަށާއި އެ އެއާޕޯޓް ނިމުމާއެކު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ ސަރަހައްދުގެ އިގުތިސޯދު ފެނުން ތޮޅިލައި އުދަވާން ފަށާނެކަމަށެވެ.

މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ މަޝްރޫއަކަށްވާއިރު، މި އެއާޕޯޓު ވެގެންދާނީ އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭ އަކަށެވެ. އަދި މިލިއަނުން ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގަ ތަނަވަސް އެއާޕޯޓަކަށްވާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

Ads by Allied Insurance
  1. ތަގޭ ތިނެތިވެސް އޭރުން ނޯންނާނެޔޭ ބުނެބަލަ