އަޅުގަނޑު މި އަންނަނީ އިޤްތިޞާދީ ގޮތުން ބޮޑު ބަަދަލެއް މިޤައުމަށް ގެނައުމަށް: ނާޒިމް

މ މުލަކުގައި ރޭ ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ އަޒުމަކީ އިޤްތިޞާދީ ގޮތުން ދިވެހިން ބާރުވެރިކުރުވުމާއި، ޤައުމުގެ މުއްސަނދިކަމުގެ ނަފާ ރައްޔިތުންނަށް ލިބޭނޭ ގޮތް ހެދުމާއި، ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަ ގޮތް ހެދުމެވެ.
"އަޅުގަނޑު މި އަންނަނީ އިޤްތިޞާދީ ގޮތުން ބޮޑު ބަަދަލެއް މިޤައުމަށް ގެނައުމަށް"
ނާޒިމް ވިދާޅުވީ މިއަތޮޅުގެ ގިނަ ރަށްތަކަށް ކުރި ޒިޔާރަތުން ފެނިގެންދިޔައީ ދެ ސަރުކާރަކުން މި އަތޮޅުގެ ރަށްތަކަށް އިހުމާލުވެފައިވާ މަންޒަރުކަމަށާއި، އަސާސީ ޚިދުމަތްތައްވެސް ރަނގަޅު ގޮތުގައި ފޯރުކޮށްދީފައިނުވާކަމަށެވެ. މ. އަތޮޅުގެ ގިނަ ރަށްރަށުގައި ގެސްޓުހައުސްގެ ވިޔާފާރި ފުޅާކުރެވިފައިނުވާކަމަށް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްދީގެން މ އަތޮޅުގެ އެއާޕޯޓު ފުރިހަމަކުރައްވާނެކަމަށެވެ.
"މި އެއާޕޯޓް އެޅުނީމާ ގަބޫލުފުޅު ކުރައްވާ ތިބޭފުޅުންނަށް ތަރައްގީ އެ ފެށުނީ." ނާޒިމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މ އަތޮޅުގެ މަސައްކަތްތައް ނުނިމި ގިނަ ދުވަސްވަނީ ސަރުކާރުގެ އިހުމާލުން ކަމަށެވެ. އަދި މ އަތޮޅުގެ އެއާޕޯޓު ފުރިހަމަކުރެވުމުން މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރާނެކަމަށާއި، އެކަމުގެ ސަބަބުން މި އަތޮޅުގައި ފަތުރުވެރިކަން އިތުރުވުމާއި ގެސްޓުހައުސް ވިޔަފާރި އަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ.

ކެމްޕެއިން ދަތުރުގައި ނާޒިމް މީހަކާ ވާހަކަދައްކަވަނީ: ފޮޓޯ: އެމްއެންޕީ
"އަޅުގަނޑުގެ ގެސްޓުގައުސްގެ ސިޔާސަތަކީ، ކަނޑައެޅޭ ރަށްތަކެއްގައި އަޅުގަނޑުމެން ގެސްޓުގައުސް އަޅައި، އެކަމަށް އެދޭ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރާނަން"
މި ސިޔާސަތުގެ ދަށުން ގެސްޓުހައުސް ހިންގާ ފަރާތްތަކަށް ދިގު މުއްދަތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވާނެކަމަށާއި، ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ.
ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަކީ ޒުވާނުންނަށް ޙައްޤު މިންވަރަކީ މުސާރައަށް އަށްހާސް ރުފިޔާކަމުގައި ވިސްނާދީފައި އޮތް އޮތުމާއި، ވަޒީފާގެ ބިރަށް ސިޔާސީ ހަރަކާތްތަކަށް ނުނިކުމެވި މިނިވަންކަން ގެއްލުވާލާފައިވުމެވެ.
"އިންސާނަކަށް އެންމެ މުހިންމު ކަމަކީ މިނިވަންކަން، ޒުވާނަކަށް އެންމެ މުހިއްމު ކަމަކީ މިނިވަންކަން"
"އެމީހާއަކަށް އަނގައިންނެއް ނުބުނެވޭ، އެމީހާއަކަށް ގެއަކުން ނުނިކުމެވޭ، އެމީހާއަށް އަށްހާސް ރުފިޔާދީފައި ތަޅުއެޅުވީމައި މިއީ މިނިވަންކަންތޯ ތިބޭފުޅުން ސުވާލުކުރައްވާ!"
ނާޒިމް ވިދާޅުވީ ހަޤީޤަތަކީ މިއަދުގެ ޒުވާނުން ބޭނުންކުރާ ފޯނާއި ސައިކަލަކީ ދަރަންޏަށް ނަގައިގެން ގެންގުޅޭ އެއްޗިހިކަމަށާއި، ބެންކުގައިވެސް ފައިސާ ނުދެއްކިހުރި ލޯނު ހުންނަކަމަށާއި، ކްރެޑިޓް ކާޑަށް ފައިސާ ނުދެއްކޭކަމަށާއި، ގިނަ މީހުންނަކީ ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ މީހުންކަމަށެވެ.
"އިންސާނަކަށް އެންމެ މުހިންމު ކަމަކީ މިނިވަންކަން، ޒުވާނަކަށް އެންމެ މުހިއްމު ކަމަކީ މިނިވަންކަން"
ނާޒިމް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ދިވެހިން މި ކަސްތޮޅުން ސަލާމަތްކުރުމަށާއި ދިވެހިންނަނީ ފައިސާ ލިބޭ ބަޔަކަށް ހެދުމަށް ކަމަށެވެ.