ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބަށް ކުރިމަތިލީ ވެރިކަންކުރުމުގެ ބޭނުމުގައެއްނޫން: ޤާސިމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ޤާސިމް ށ. މިލަންދޫއަށް ކުރެއްވި ކެންޕެއިން ދަތުރުގައި އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަނީ

ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަތީ ކޮންމެހެން ވެރިކަންކުރުމުގެ ބޭނުމުގައި ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކެންޕެއިން ކުރެއްވުމަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، ށ. މިލަންދޫ ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ކުރިމަތިލައްވާ ސަބަބު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަމަ އެ ކެނޑިޑޭޓަކަށް ކަމަށާއި، އެމަނިކުފާނު ކުރިމަތިލެއްވީ ވެރިކަންކުރުމުގެ ބޭނުމުގައި ނޫންކަމަށެވެ. އަދި އެމަނިކުފާނުގެ މަޤްޞަދަކީ ރައްޔިތުންނަށް އަދަށްވުރެ ހެޔޮ ދުވަސްތަކެއް ގެނެސްދީ އުފާވެރިކަން ގެނެސްދިނުންކަމަށެވެ.

ޤާސިމް ވިދާޅުވީ ވެރިކަންކުރާ މީހަކީ ހެޔޮ ވެރިޔަކުނަމަ، އެ މީހަކު ހޮވަން ރައްޔިތުން ފަސްނުޖެހޭނެކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުން ފަސްޖެހެނީ، އެ މަނިކުފާނު ޤާނޫނާ ޚިލާފު ކަންތައްތައް ކުރައްވާތީ ކަމަށެވެ.

އެގޮތުން މިއަދު މި ރާއްޖޭގައި ދިވެހި ސިފައިގެންގެ އިތުރުން ބޭރު ޤައުމުތަކުގެ ސިފައިން ހަރަކާތްތެރިވާތަން ފެނިވަޑައިގެންނެވިކަމަށާއި، އެމަނިކުފާނު ހދ. ހަނިމާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދެއްކެވިއިރު ބޭރު ސިފައިން އެ ސަރަޙައްދު ބަލަމުން އައިކަން ފާހަގަކުރެއްވިއެވެ.

"މި ކޮންކަމެއްތޯ. އެ ބޭފުޅުންނަށް ކީއްތޯ އަޅުގަނޑުމެން ކޮންމެ ވާހަކައެއް ދެއްކިއަސް. އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ޤައުމުގެ ވާހަކަ" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ށ. މިލަންދޫއަށް ކުރެއްވި ކެންްޕެއިން ދަތުރުގައި އެރަށަށް ފައިބާވަޑައިގެން ރައްޔިތުންނާ ސަލާމްކުރައްވަނީ

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޤާސިމް ވަނީ މި ރިޔާސީ އިންތިޚާބު ކާމިޔާބުވެ ވެރިކަމާ ޙަވާލުވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކުގައި އޭސީ ހަރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ފުރަތަމަ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ކޮންޕިއުޓަރާއި ލެބޯޓަރީ ޤާއިމްކުރުމަށްވެސް އެމަނިކުފާނު އެހީތެރިކަން ފޯރުކޮށްދެއްވާފައިވާނެކަމަށް ވިދާޅުވަމުން ޤާސިމް ވިދާޅުވީ މިހާރުވެސް އެފަދަ އެހީތައް ސްކޫލުތަކަށް ވަމުން އަންނަކަމަށެވެ.

ޤާސިމް ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ހޫނު ގަދަވުމުގެ މައްސަލަކަމަށެވެ. އަދި ކުދިންނަށް އެންމެ މުހިއްމު ކަމަކީ ރަނގަޅު މާހައުލެއްގައި ކިޔެވޭ މަގު ތަނަވަސްކޮށްދިނުންކަމަށެވެ.

"މިހާރު އާދަޔާ ޚިލާފަށް މޫސުން މި އަންނަނީ ބަދަލުވަމުން ދެއްތޯ. އެހެންވީމާ ކިޔަވާ ކުދިން ސްކޫލްތަކަށް ގޮސް އުޅޭއިރު އެ ކުދިންގެ ޝަކުވާ ވަރަށް ބޮޑަށް ޓީޗަރުންނާއި އަދި ތަންތަނުގެ ޕްރިންސިޕަލުންގެ ފަރާތުން މި ވާހަކަ އަޅުގަނޑަށް އަޑުއިވޭ. މެދުކެނޑުމެއް ނެތި އަޅުގަނޑާ ހަމައަށް އާދޭ. އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި މާތްﷲގެ ވާގިފުޅާއެކީގައި މާ ގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީކޮށްދޭނަން"

ށ. މިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް ދެއްވި ތަރުޙީބަށާއި އެރަށު ރައްޔިތުން އަދާކުރެއްވި މެހެމާންދާރީއަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!