ޚަބަރު ސިޔާސީ

ބޯހިޔާވަހިކަމުގެ ވައުދާއެކު ދޮންފަނު ރައްޔިތުންނަށް ރައީސްގެ މެނިފެސްޓޯ ކިޔައިދީފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ބ. ދޮންފަނުގައި ފްލެޓު ނުވަތަ ރޯހައުސް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގެންފި އެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދޮންފަނަށް މިއަދު ވަޑައިގެން ރައީސް ޞާލިހު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރައީސް ވަނީ ދޮންފަނުގައި ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވީ އެރަށުގައި ފްލެޓު ނުވަތަ ރޯހައުސް އެޅުމަށެވެ. މީގެ އިތުރުން ފަސް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އެޅުން، ބަނދަރުގައި ހައްލުކުރަންޖެހޭ ކަންކަން ކުރުން، ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުން، ވޮލީ ކޯޓު އެޅުން، ކޮމިޔުނިޓީ ސެންޓަރެއް ތަރައްގީ ކުރުމުގެ އިތުރުން ކުޑަކުދިންގެ ޕާކެއް ތަރައްގީކުރަންވެސް ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ 2008 އާއި 2018 އާއި ދޭތެރޭގައި ދެ ސަރުކާރެއް ބަދަލުވިއިރުވެސް ދޮންފަނުގައި ހުރި މައްސަލަތައް ހައްލުވެފައި ނުވާކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ގިނަ މަސައްކަތްތަކެއް ފަށައި ބައެއް މަސައްކަތްތައް މިހާރު ނިމިފައިވާކަންވެސް ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ.

ދޮންފަނުން ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވަނީ އެމަނިކުފާނަށް ދޭ ވޯޓަކީ ގެއްލިގެންދާނެ ވޯޓެއް ނޫންކަން ފާހަގަކުރައްވައިފަ އެވެ. އަދި ދެންވެސް އެރަށަށް ކަމެއް ކޮށްދޭނީ ރައީސް ޞާލިހުގެ ސަރުކާރެއްގައިކަމަށް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!