ޚަބަރު

ﷲ އަށް ޙަމްދުހުރި. ކޮވިޑަށް ފައްސިވީ ތެލެސީމިއާ ދެކުދިން ބަލިން ރަނގަޅުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރޭގައި ތެލެސީމިއާ ދެކުދިން ހިމެނުނު ކަމަށާއި މިހާރު އެ ދެކުދިން ވެސް މިބަލިން ރަނގަޅު ވެއްޖެ ކަމަށް ތެލެސީމިއާ ސެންޓަރުން ބުނެފިއެވެ.

Ads by MWSC

ކޮވިޑަށް ހައިރިސްކު މީހުންގެ ތެރޭގައި ތެލެސީމިއާ ކުދިން ވެސް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމަކަށް ދެއްވި ބަސްދީގަތުމެއްގައި މޯލްޑިވްސް ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހްމަދު އުމަރު ވިދާޅުވީ، އެ ދެ ކުދިން ވެސް ކޮވިޑަށް ފައްސިކަން ދެނެގަނެވުނީ، ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ހެދި ޓެސްޓުން ކަމަށެވެ.

މީގެއިތުރުން ޑރ. އުމަރު ވިދާޅުވީ، ޓެސްޓު ހެދިއިރު ވެސް އެދެކުދިންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ވެސް ނުފެންނަ ކަމަށާއި 14 ދުވަސް ވަންދެން އެކުދިން އެކަހެރި ކޮށްފައި ތިބިއިރު ވެސް އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 6،370 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 3915 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 25 މީހަކު ވަނީ ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!