ޚަބަރު ސިޔާސީ

މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން މިނިވަންކުރާނީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމެއް ނެތި: ޕިޕިއެމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޕީޕީއެމްގެ ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނެތި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް މުއިއްޒުގެ ކެމްޕެއިން ޓީމުން ބުނެފި އެވެ.

Ads by MWSC

މުއިއްޒުގެ ކެމްޕެއިން ޓީމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މުއިއްޒުގެ ސްޕޯކްސްޕާސަން މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވަނީ ނުހައްޤު ހުކުމެއްކަމަށާއި ނަމަވެސް މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން މިނިވަން ކުރާނީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް މުއިއްޒު ނުކުރައްވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ޖުޑިޝަރީއަށް އަތް ނުބާނާ ވަރަށް ފަސޭހައިން މިކަން ކުރެވޭނެ. އަނެއްކޮޅުން ޑރ. މުއިއްޒުގެ ކޮންމެ ސްޕީޗެއްގައި ވެސް އެ ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަންކޮށްގެން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭނަމޭ." ތޮލާލް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމެކޭ އެއްފަދައިން މުއިއްޒުގެ ވެރިކަމެއްގައި ވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ޝަރުއީ ދާއިރާ މިނިވަން ކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތަށް ބަދަލު ގެންނާނެ ކަމަށް ފާހަގަކުރައްވަމުން ތޮލާލް ވިދާޅުވީ ރައީސް ޔާމީންވެސް އަދި މުއިއްޒުއަކީވެސް ޖުޑީޝަރީއަށް އަތް ބާނުއްވާނެ ބޭފުޅުންނެއް ނޫންކަމަށެވެ.

"ރައީސް ޔާމީން ވެސް ޖުޑިޝަރީއަކަށް އަތެއް ނުބާނުއްވާނެ. ޑރ. މުއިއްޒު ވެސް ޖުޑިޝަރީއަކަށް އަތެއް ނުބާނުއްވާނެ." ތޮލާލް ވިދާޅުވި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފައިވާއިރު އެ ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އަދި އެ ހުކުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތުވެސް ވަނީ ގެއްލިފައެވެ.

  1. ހީތުމް

    ދެން ކޮންކަމެއް ކޮށްގެންތޯ؟ ރަނޑު ފިޔާތޮށި ކުލައިގެ ޖޫސްތައްޓެއް ފަޑިޔާރުންނަށް ދީގެންތޯ؟

  2. ކީބުލީ

    އަހަންނަށް ހީވަނީ މިމީހުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވިޔަސް އަތްފޯރުވާނެހެން.