ޚަބަރު ސިޔާސީ

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް ހަދައި ޑްރައިވަރުންގެ ކަންބޮޑުވުންތަށް ޙައްލުކޮށްދޭނަން: ޑރ. މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށާއި ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އުފައްދައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މުއިއްޒު މިހެން ވިދާޅުވީ މިއަދު ހެނދުނު މާލޭގައި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ޓެކްސީ ސެންޓަރުތަކުގެ ވެރިން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި މާލެގައި ޕާކިންއަށް ޖާގަ ނެތުމުން ނަމާދު ކޮށްލަން މިސްކިތަށް އަރާލަން ދާ ކުޑަ ވަގުތު ކޮޅުގައި ވެސް ކާރު ޕާކް ކުރަން ބާއްވާ ތަނެއްގެ ސަބަބުން ސްޓިކާ ޖަހާ މައްސަލައަކީ ބޮޑު މައްސަަލައެއް ކަމަށް ވަނީ ބުނެފައެވެ.

އަދި ޓްރެފިކް ވައަލޭޝަންއާ ހެދި ވެހިކަލް ޓޯ ކުރާ މައްސަލައާއި ކާރެއް ގެނެސް ރަޖިސްޓްރީ ކުރުމުގައި ހުރި ދަތިތަކާއި، އަމިއްލަ ކާރެއް ޓެކްސީ އަކަށް ބަދަލު ކުރާ އިރު ހުރި ގޮންޖެހުންތަކާއި ޑްރައިވަރުންނަށް ގެދޮރުވެރިކަން ލިބޭނެ ފަދަ ގޮތެއް ހަމަޖައްސައި ދިނުމަށް ޑްރައިވަރުން ވަނީ އެދިފައެވެ.

ޑްރައިވަރުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު މުއިއްޒު ވިދާޅުވީ، މާލޭގައި ކާރޫބާރު ބޮޑުވެ ޕާކިން މައްސަލައަށް ހައްލު ހޯއްދެވުމަށް މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް އެ މަސައްކަތަށް މި ސަރުކާރުން އެއްބާރުލުން ދެއްވާފައިނުވާ ކަމަށެވެ.

އެހެންނަމަވެސް މުއިއްޒުއަށް ވެރިކަން ލިބިވަަޑައިގެންފި ނަމަ މާލެއާއި ހުޅުމާލޭގައި ޕާކިންއަށް އިމާރާތްތައް ހަދައި އެފަދަ ބިލްޑިންތަކުގައި ކޮންމެ މީހަކަށް ވެސް ޕާކިން ސްލޮޓެއް ހާއްސަކޮށް އެމީހަކަށް އެ ސްލޮޓް ރަޖިސްޓްރީ ކޮށްދޭނެ ކަމަށާއި ކާރުގެ ގަރާޖުގެ ހުއްދަ ވެސް އެތަނުން ހަމަޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ޓެކްސީ ޑްރައިވަރުންނާއި މަސްވެރިންނަކީ ވަޒިފާއެއްގެ ގޮތުގައި ހިދުމަތް ދޭ ދެ ދާއިރާ ނޫން ކަމަށް ވުމުން މަސްވެރިންނަށް ދަފްތަރެއް ހައްދަވަައި ދެއްވާނެ ކަމަށް ވިދާޅުވި ފަދައިން ޓެކްސީ ޑްރައިވަރުންނަށް ވެސް ދަފްތަރެއް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދަފްތަރެއް ހެދޭ ހިސާބުން ބޭންކުން ލޯން ހޯދުމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެހިގެން ދާނެ ކަމަށާއި އިންޝުއަރަންސް ސްކީމްތަކުގައި ވެސް ބައިވެރިވެ ޑްރައިވަރުންނަށް ވެސް އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ލިބޭ ފަދަ ހިދުމަތްތައް ހޯދުމުގައި އޮތް ހުރަސްތައް ނައްތާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑްރައިވަރުންނަށް ހަދާ ދަފްތަރާއެކު މުއިއްޒުގެ މެނިފެސްޓޯގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ތެރެއިން ހައުސިން ސްކީމްގައި ޑްރައިވަރުންގެ ކެޓަގަރީއެއްވެސް އުފައްދާ ވަކި އަދަދަކަށް ޑްރައިވަރުންނަށް ހައުސިން ލިބޭނެ ގޮތްތައް ފަހިވާނެ ގޮތަށް ކަންކަން ހަމަޖެއްސަވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހަބޭސް ބޭބެ

    ހަދަންވީ ދަފްތަރު ތަކެއް ނޫން. ހަދަންވީ ހަރުދަނާ އުޞޫލުތަކާއި ގަވާއިދުތައް. ތަންފީޒު ކުރަންވީ އެގަވާއިދު ތައް. ކޮންމެ ބަޔަކު އެމީހަކު ހިތުހުރި ގޮތަކަށް ސަރުކާރުން ބޭރުން ކަންކަންކުރުމުގެ ސިޔާސަތު ދުއްވާލާ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭންވީ. އަމިއްލަ ފައިދާ އަށާއި ޕާޓީ އަށް ނުވިސްނާ ގައުމު އިސްކޮށް ގައުމައިގެން ކުރިއަށް ދާންވީ. ގައުމު އަބަދުވެސް އޮންނާނެ، އެގައުމުގައި ދަރިންގެ ދަރިން ދިރިއުޅެމުންދާނެ.