ޕީޕީއެމްގެ ސަރުކާރުގައި ސިޔާސީ ހަރަކާތް ހިންގުމަކީ ބިރުވެރިކަމެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ހދ. ކުމުންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އޭރު ޕީޕީއެމްގެ ސަރުކާރުގައި އަމިއްލަ ރަށުގައި ވަޒީފާ އާދަކުރަމުން ދިޔަ 1,000 އަށްވުރެ ގިނަ މީހުން އާއިލާއާ ދުރަށް އެހެން ރަށްރަށަށް ފޮނުވާފައިވާކަން ލިޔުންތަކުން އެނގެން އޮތް ކަމަށާއި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތު ދީ އޭގެ ހަލަބޮލި ކަމުގެ ތެރެއަށް ސަރުކާރު ވަންނަން ބޭނުން ނުވާ ކަމަށެވެ.
ރާއްޖެއަށް ގެނެވުނު ހަމަޖެހުން އެއީ މި ސަރުކާރުގެ ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ފިއްތައިގެން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން ކުރާ ވެރިކަމެއް ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި އެ ފުރުސަތު އެއްވެސް ބަޔަކު ނުދޭނެ ކަމަށެވެ.
"ނިލަންދޫގައި މަސައްކަތް ކުރާ މީހަކު ފޮނުވާލަފާނެ ކެލަޔަށް, ގަމަށް. ކުމުންދޫގައި މަސައްކަތް ކުރައްވާ މީހަކު ފޮނުވާލަފާނެ ލ. ގަމަށް ނުވަތަ ތިނަދޫއަށް. މި ހާލުގައި އަޅުގަނޑުމެން އެ ފަސް އަހަރު ކަޑައްތުކުރަމުން ދިޔައީ. ސިޔާސީ ހަރަކާތްތައް ހިންގުމަކީ ބިރުވެރިކަމެއް,...މި ފަސް އަހަރު ނިމިގެން މިދަނީ، ސިޔާސީ އެކަހަލަ އެއްވެސް ތަފާތު ވުމަކާ ގުޅިގެން މީހަކު ހައްޔަރުކޮށް ކޯޓަށް ފޮނުވާފައި ނޯންނާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު މިހާރު ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ބަދަލެއް ފާހަގަ ކުރެއްވުނުކަމަށާއި އެގޮތުން, ވޯޓުލާނެ ކެންޑިޑޭޓެއް މީގެކުރިން ނިންމާފައިވާ ނުވާ މީހުން މިހާރު ވަކި ގޮތަކަށް ނިންމަމުންދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ.
"ބޮޑުކޮށް, ބޮޑުކޮށް ކޮންމެ ރަށަކުން އެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެން މިކަން ނިންމަން އެއްބުރުން ހިފާފައިވާތަން އަޅުގަނޑަށް ފެންނަނީ. މިހާތަނަށް ރަށްރަށް މި ކުރި ދަތުރުގައި ކޮންމެ ރަށަކުން އެ މަންޒަރު ފެނޭ," ރައީސް ޞާލިޙް ވިދާޅުވި އެވެ.
އިންތިހާބުތަކުގެ ޕޯލްތަކުން ފެންނަމުންދާ ނަތީޖާތަކަށް ވުރެ އިތުރަށް މި ބަދަލާ އެކު އެމްޑީޕީން ވޯޓު ހޯދާނެ ކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މީގެ ކުރީ ސަރުކާރުގައި ތަހައްމަލުކުރި ބިރުވެރިކަމާއި އަނިޔާވެރިކަމުގެ ތެރެއަށް ދާން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކާ އެކު ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެމުންދާނެކަމަށާއި އެކަން އެހެން ކުރެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް ހަމައެކަނި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފޯކަސް ކޮށްގެން ކުރިއަށްދިޔުމުންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ބޭކާރު ވާހަކަނުދައްކާ މަޑުންހުރިއްޔާ ރަނގަޅުވާނެ. ތިމާގެ ފެންވަރު މީސްމީހުންނަށް އެނގިބޭޒާރުވަނީ