އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި ގުޅިގެން އެކަމަށް ފާޑު ކިޔުއްވައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.
ޤާސިމް ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް ވޯޓު ހޯދަން އެޅުވި އަނދުނެއްކަމަށެވެ.
ޤާސިމް މިހެން ވިދާޅުވީ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"މިހާރު މި ބޭފުޅުން [ސަރުކާރު] ސިޓީއެއްގެ ދަރަޖަ މި ދެނީ ކޮންކަހަލަ ސިޓީއަކަށްތޯ؟ ބޭސް ސިޓީއަކަށް ވުރެވެސް ދަށްވާގޮތަށް، އަޅުގަނޑު ދަންނަވާނީ ހުސް ސިޓީ އުރައެއްކަހަލަ އެއްޗަކަށް ސިޓީގެ ދަރަޖަ މި ދެއްވަނީ"
"ވޯޓު ހޯދުމަށްޓަކައި އަޅުވާލި އަނދުނެއް މީ، ހެޔޮ ނުވާނެ މިކަހަލަ މަކަރު ހިންގަން" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އައްޑޫ އަދި ފުވައްމުލަކު ސިޓީއަކަށް ބަދަލުކޮށްގެން ރައްޔިތުންނަށް ލިބުނު މޮޅެއް ނެތް ކަމަށެވެ. އެގޮތުން އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ފަހިވެގެނ ގޮސްފައި ނުވުމާއި، އަމިއްލަ ޖީބަށް ފައިސާއެއް ނުވަނުމާއި އަމިއްލައަށް ދިރިއުޅެވޭނެ މަގެއް ތަނަވަސްކޮށްދެވިފައި ނުވާތީކަމަށް ޤާސިމް ވިދާޅުވިއެވެ.
"ސިޓީއެއްގެ ދަރަޖަ ދީފީވިއްޔާ ތަފާތުތަކެއް ހުންނަންޖެހޭނެ ދެއްތޯ؟ އިތުރު ކެޕިޓަލްއާ، އިތުރު ފައިސާއާ، އިތުރު ތަރައްޤީ އެތަނަށް ލިބޭނެ މަގު ތަނަވަސްކޮށްދޭންޖެހޭ ދެއްތޯ؟
އިތުރަށް ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އެކި ފަހަރުމަތިން ސިޔާސީ ޕާޓީތަކަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށްކޮށް ވަރުބަލިވެއްޖެކަމަށާއި މީގެ ފަހުން ވަކި މީހަކަށް ތާއީދު ކުރެވޭކަށް ނެތްކަމަށެވެ. އެގޮތުން މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ދެފަހަރު ވެރިކަން ހޯދައިދެވިއްޖެކަމަށާއި ނަމަވެސް ދެ ރައީސުންވެސް ކަންތައްކުރެއްވީ ޤާނޫނާ އަސާސީއާ ޚިލާފަށްކަމަށާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިންވެސް ކަންތައް ކުރީ ހަމަ އެފަދައިން ކަމުގައި ޤާސިމް ވިދާޅުވިއެވެ.
"އެހެންވީމަ މާފުކުރައްވާ، އަޅުގަނޑަކަށް ނެތް އެބޭފުޅުންނަށް ތާއީދު ކުރެވޭކަށް، އެ ޕާޓީތައް ހަމަ ރީތިކޮށް ފެއިލްވެއްޖެ އިނގޭތޯ! އެމްޑީޕީއަށް ދެފަހަރު ވެރިކަން ހޯދައިދެވިއްޖެ، އެ ދެފަހަރުވެސް ގާނޫނު އަސާސީ ވަޔަލޭޓް ކުރީ، ދެ ރައީސުން ވެސް ޤާނޫނު އަސާސީއާ ޚިލާފަށް ކަންތައް ކުރީ، އަދި ޕީޕީއެމުން ވެސް ހަމަ އެކަން ކުރީ" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކޮރަޕްޝަންގެ ކަންތައްތައް ނައްތާލާނެކަމަށާއި ސިޓީއެއްގެ ދަރަޖަ ދީފައިވާ ފުވައްމުލަކުގެ ރައްޔިތުން ބޭނުންވާނޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.