ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ ހަރަކާތްތަކަށް ފުރިހަމަ މިނިވަންކަން ދެއްވާފައި ވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރ. އުނގޫފާރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ދީނީ އިލްމުވެރިންނަށްވެސް ފުރިހަމަ މިނިވަންކަން ދެއްވާފައި ވާނެކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވަނީ އުނގޫފާރަށް އުފަން އަދި 2013 ވަނަ އަހަރު އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަނދާން އާކުރައްވާފައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފަހު، އެމްޑީޕީ އަލުން ވެރިކަމަށް އަންނަ ހޭދަވި ހަތް އަހަރު ދުވަހުގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ނޫސްވެރިންނާއި ސިޔާސީ ލީޑަރުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެ ބިރުވެރިކަމަށް ނިމުމެއް ގެނެސްދިނީ 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ކަމަށެވެ.
"ދީނީ އިލްމުވެރިއެއް ވިޔަސް، ސިޔާސީ ބޭފުޅަކަށް ވިޔަސް، ނޫސްވެރިއެއް ވިޔަސް، އެ ދުވަހު ކުރިމަތިލާން ޖެހިފައި ވަނީ ބިރުވެރިކަމާއި ނާމާންކަމާ. ހަމަ އެ ދުވަސްވަރު ރާއްޖެ ޓީވީގައި ހުޅު ރޯކޮށްލި، ސިޔާސީ ބޭފުޅުން ހިފާ ހައްޔަރުކުރި. ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ގެނެސްގެން ދޫނިދުއަށް ލީ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފުރިހަމަ ފުރުސަތު ލިބިގެން ދިޔަކަމަށާއި، ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިއިން ދުވަހަކު ނުލިބޭ ވަރަށް ފުޅާ ކުރެވިއްޖެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"ސިޔާސި ލީޑަރުންނަށް ބަސް ބުނުމުގެ ފުރުސަތު އެ އޮތީ. ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގައި ތަފާތެއް ނެތް، އެންމެނަށް އެ ފުރުސަތު ލިބިފައި އެ އޮތީ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.
އިންތިޚާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރެއް ލިބިވަޑައިގަނެއްޖެނަމަ އުނގޫފާރަށް ކޮށްދެއްވާނެކަމަށް ރައީސް ޞާލިޙް ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި އެ ރަށު ބިން ހިއްކުމާއި، ހައުސިން މަޝްރޫއެއް ހިންގުމާއި، ސްކޫލްގައި އާ އިމާރާތެއް އެޅުމާއި، ފުޓްބޯޅަ ދަނޑު އިތުރަަށް ތަރައްގީކުރުމާއި، ހުރިހާ މަގެއްގައި ތާރުއެޅުމާއި، ހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއި އަދި ރަށުގައި ތިބެގެން ސިއްހީ ދާއިރާއިން މަތީ ތައުލީމު ހޯދޭނެ ގޮތް ހަދައިދިނުން ހިމެނެއެވެ.
ދީނީ މިނިވަންކަން ވެސް ދިނީތާ، އެހެންވެތާ އެމްޑީއެން މީހުން އުޅޭނެ ގޮތަކަށް އުޅުނީވެސް !