ރިޕޯޓް ދެން ފުރަމަލަ

ކަކާ : ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކުޅުންތެރިންގެ ލޯބި ހޯދި ޒުވާން ކޯޗެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފުޓްބޯޅައިގެ ދާއިރާގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރާ އެއް ބަޔަކީ ކޯޗުންނެވެ. އެތައް ކުދިންނެއްގެ ހުނަރު އެއް ދުވަހުން އަނެއް ދުވަހަށް "އިމްޕްރޫވް" ކޮށްދިނުމުގައި ކޯޗެއްގެ ދައުރު އިންތިހާއަށް ބޮޑެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ފެނިގެންދާ މަންޒަރަކީ މަތީފަންތީގައި ފުޓްބޯޅަ ކުޅެ ވަކި އުމުރަކަށް ދިއުމުން ރިޓައަރ ކޮށް، ދެން ކޯޗިންގެ ތެރެއަށް ނުކުންނަ މަންޒަރެވެ. ޒުވާން އުމުރުގައި ކޯޗިން ކެރިއަރެއް ފަށައި އެދާއިރާއިން ކުރިއަށް ދާ މީހަކު ފެންނަނީ ވަރަށް މަދުންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

Ads by Hajj Corporation

ގިނަ ކުޅުންތެރިންތަކެއްގެ ލޯތްބާއި އިހްތިރާމް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި އެއް ކޯޗަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ޒުވާން ކޯޗު، އިބްރާހިމް ސަޢީދު (ކަކާ) އެވެ. އެހާ ޅަ އުމުރެއްގައި ކޯޗިން ކެރިއަރަށް ނުކުމެ އެ ދާއިރާއިން ކުރިއަށް ދިއުން ކަކާ އަށްވެސް ވީ ފަސޭހަ ކަމަކަށް ނޫނެވެ. ނަމަވެސް ނުގުޑާ އަޒުމާއެކު ކަކާ ކުރި ބުރަ މަސައްކަތާއެކު މިއަދު އެންމެ އުހުގައި ފިޔަޖަހާ ކޯޗުންގެ ތެރޭގައި ކަކާ ހިމެނޭނެ ކަން ގައިމެވެ.

ކޯޗިން ކެރިއަރު ފެށީ އުމުރުން އެންމެ 21 އަހަރުގައި

ކަކާ އަކީ މޯލްޑިވްސް ޕޮލިސް ސާރވިސް ގައި މަސައްކަތް ކުރާ ފުލުހެކެވެ. އެގޮތުން ކަކާ ބުނީ ފުލުހުންގެ ކޮމިޝަނަރުގެ ވާދައިގެ ތައްޓަށް ކޮންމެ އަހަރަކުވެސް ފުލުހުންގެ އެކި ޑިޕާރޓްމަންޓް ތަކުގެ މެދުގައި މުބާރާތެއް ބާއްވާ ކަމަށެވެ. އަދި އޭރު ކަކާ އަކީވެސް ފުޓްބޯޅަ ކުޅުމަށް ވަރަށް ލޯބި ހުންނަ މީހަކަށް ވާތީ ކަކާވެސް ޓީމުގައި ކުޅުންތެރިއެއްގެ ގޮތުގައި ހިމެނުނު ކަމަށެވެ. އެ އަހަރު ކަކާމެންގެ ޑިޕާރޓްމަންޓުގެ ކޯޗަކަށް އައީ ކުރީގެ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިބްރާހިމް (ކައްޕި) ކަމުގައި ކަކާ ބުންޏެވެ.

"ދެން މުބާރާތް ނިންމާލާފައި ކައްޕި ކޯޗަށް ލިބެނީ ޤިޔާސުއްދީން ސުކޫލުގެ ޖޫނިއާރ ޓީމުތައް ހޭންޑަލް ކުރަން. ދެން ކައްޕި ކޯޗު އެދުވަސްވަރު ވަޒީފާގެ ގޮތުން ވަރަށް ބުރަކޮށް އުޅުނީ. އެހެންވެ ކައްޕި ކޯޗު ބޭނުންވީ އެސިސްޓެންޓެއް. އެގޮތަށް އޭނަގެ އެސިސްޓެންޓެއް ގޮތަށް ދާން ފުރަތަމަ ފުރުސަތު ލިބުނީ. އޭރުވެސް (ކޯޗިން) އަށް އިންޓްރެސްޓް އެއް ނުހުރޭ. އެކަމު އިތުރު ހަރަކާތްތަކުގަ ވަރަށް އުޅެން ބޭނުންވާތީ އަދި ފުޓްބޯޅައަށް ހުންނަ ލޯތްބެއްގެ ބޮޑު ކަމުން ދެން ދިޔައީ"  ކޯޗިން ކެރިއަރުގެ ފެށުން ދެން އާއި ހިއްސާ ކުރަމުން ކަކާ ކިޔާދިނެވެ.

އެންމެ ފުރަތަމަ ދުވަހު ގޮސް އުޅެލުމުން ވެސް ކުދި ބަޔަކަށް އެއްޗެއް ކިޔައިދިނުމަކީ ވަރަށް ޝައުގުވެރި އަދި މުޅިން ތަފާތު އިހްސާސެއް ގެނުވާ ކަމެއްކަން އެނގުނު ކަމުގައި ކަކާ ބުންޏެވެ. އެދުވަހަކީ ކޯޗިންގެ ދާއިރާއަށް ލޯހުޅުވުނު ދުވަހުގެ ގޮތުގައި ކަކާ ފާހަގަ ކުރެއެވެ.

އެހާ ޒުވާން އުމުރެއްގައި ކޯޗިންގެ ދާއިރާއަށް، ކީއްވެ؟

ފުޓްބޯޅައަށް ލޯބި އުފެދި އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެންވެސް ފެށީ އުމުރުން 19 އަހަރުގައި ކަމުގައި ކަކާ ބުންޏެވެ. އަދި އޭގެ ކުރިން މާބޮޑަށް ފުޓުބޯޅަ ވެގެން ނޫޅޭނެ ކަމަށާއި އަދި އެހާބޮޑަށް ފުޓުބޯޅަ ކުޅެންވެސް ގަޔާ ނުވާ ކަމަށް ވެސް ކަކާ ބުންޏެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ވޯރލްޑް ކަޕް އައި އިރު ވަރަށް ރަނގަޅަށް ހަނދާން ހުންނަ ކަމަށާއި، އޭރު ކަކާ އަކީ ފުޓްބޯޅައަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމުގައި އޭނާ ބުންޏެވެ.

ކަކާ ބުނީ 19 އަހަރުގައި އަލަށް ފުޓްބޯޅަ ކުޅެން ފެށުމުން އެތައް ދަތިތަކަކާ ދިމާވި ކަމަށާއި އެހެން ނަމަވެސް އޭރު ފުޓްބޯޅަ ކުޅެގެން ކުރިއަރަން ބޭނުންވި ކަމަށެވެ. އަދި އޭރު ފުލުހަށް ވަން ދުވަސްވަރުގައިވެސް ފުލުހުންގެ އިންޓަރ ޑިޕާރޓްމަންޓް މުބާރާތްތައް އޮންނަ ކަން އެނގޭ ކަމަށާއި އަދި ޕޮލިސް ކުލަބުވެސް އޮންނަކަން އެނގޭ ކަމުގައި ކަކާ ފާހަގަ ކުރިއެވެ. އެހެން ނަމަވެސް ޕޮލިސް ކުލަބަށް ކުޅެން އެއްވެސް ވަރަކަށް ވިސްނުމުގައި އޭރު ނެތް ކަމަށާއި އޭރު ވިސްނުމުގައި ހުރީ އިންޓަރ ޑިޕާރޓްމަންޓް ކުޅެން ކަމަށްވެސް ކަކާ ބުންޏެވެ.

" 2010 ވަނަ އަހަރު މާލެ ބަދަލުވެފަ އިންޓަރ ޑިޕާރޓްމަންޓް ކުޅުނީ، ދެން އެ އަހަރު މުބާރާތް ކާމިޔާބުކޮށްފަ އަނެއްކާވެސް 2011 ވަނަ އަހަރު ކޮމިޝަނަރުގެ ވާދައިގެ ތައްޓަށް ކުޅުނު މުބާރާތަށް ޓީމަށް ހޮވުނީ. ދެން އެ އަހަރު ހިތަށް އެރީ ފޮލިސް ކުލަބަށް ކުޅެން ބޭނުމޭ. އޭގެ ފަހުން ދެން މަސައްކަތް ކޮށްގެން ޕޮލިސް ކުލަބުގެ ސެކަންޑް ޑިވިޝަން އަދި ތާރޑް ޑިވިޝަންގެ ޓީމުގައި ވެސް ހިމެނުނު. ނުއެއް ކުޅެން އެކަމަކު ސުކޮޑުގެ 30 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު" ފުޓްބޯޅަ ކުޅުމުގެ ދާއިރާއިން ކޯޗިންގެ ދާއިރާއަށް ނުކުމެވުނު ގޮތް ހިއްސާކުރަމުން ކަކާ ކިޔައިދިނެވެ.

އެގޮތަށް 2 އަހަރަކު ޓީމަށް އެރުމަށްފަހު ކަކާއަށް ވިސްނުނީ އޭނާ ކުޅޭ މަގާމަށް ކުޅޭ އޭނާއަށްވުރެ މާ ޒުވާން މާ ހުނަރުވެރި ކުޅުންތެރިން ތިބި ކަމެވެ. ކަކާ އޭރުވެސް ދިޔައީ އިންޓަރ ސުކޫލް މުބާރާތަށް އެކި ސުކޫލްތަކަށް ކޯޗުކަން ކޮށްދެމުންނެވެ. އެހެން ނަމަވެސް އަދިވެސް ޕޮލިސް ޓީމަށް އަރައި ފުޓްބޯޅަ ކުޅުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވި ކަމުގައި ކަކާ ބުންޏެވެ.

"ދެން ހިތަށް އެރީ މިއަންނަ އަހަރަކީ ދެން ޓްރައި ކުރާނެ ފަހު އަހަރޭ. ދެން ޓީމަށް ނާރައިފިއްޔާ މަސައްކަތް ހުއްޓާލާނީއޭ. ކަކާ ބުންޏެވެ. އެގޮތުގެ މަތިން ސެލެކްޝަން އަށް ދިޔަ ކަމަށާއި އަދި ހޮވުނު ކުދިންނަށް ގުޅާނެ ކަމުގައި ޓީމުން ބުނި ކަމުގައިވެސް ކަކާ ބުންޏެވެ. ކޮންމެ އަކަސް ކަކާ ވެސް އިންތިޒާރު ކުރަމުން ދިޔައީ ކުލަބުގެ އެ ފޯން ކޯލަށެވެ.

އިންތިޒާރުގައި ހުއްޓާ ކަކާގެ ފޯނަށް ޕޮލިސް ކުލަބުގެ ނަންބަރުން ކޯލެއް އައި ކަމުގައި ބުންޏެވެ. ނުހަނު އުފަލުން ހުރެ ކަކާ ފޯނު ނެގީ ޓީމަށް ހޮވުނީ ކަމަށް ހިތަށް އަރައި ހުރެއެވެ. ކަކާ ބުނީ ޓީމުން ގުޅުމަށް ފަހު ޓީމަށް ހޮވިފައިވާ ކަމުގައި ބުނި ކަމަށެވެ. ނަމަވެސް ކަކާ ހޮވުނީ ކުޅުންތެރިއެއްގެ ގޮތުގައެއް ނޫނެވެ. އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. ސަބަބަކަށް ވީ ކަކާ އަކީ އެކި ސުކޫލްތަކަށް ކޯޗުކަން ކޮށްދެމުންދާ މީހެއްކަން ޕޮލިސް ޓީމުގެ މެނޭޖްމަންޓަށް އެނގުމެވެ.

ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހުރެފައި ކޯޗިންއަށް މުޅިން އެކުގައި ބަދަލު ވެވުނު ގޮތަކީ އެއީ ކަމުގައި ކަކާ ބުންޏެވެ. އަދި ކުރިއަށް ދާންވީ ދާއިރާއަކީ ކޯޗިންގެ ދާއިރާކަން އެދުވަހު ވިސްނުނު ކަމުގައި ކަކާ ބުންޏެވެ.

ކަކާ ކުޅުންތެރިއެއްގެ ގޮތުގައި

 

ކުލަބު އީގަލްސް އިންވެސް ޗާންސް ލިބުނީ އިންޓަރ ސުކޫލުން

ކަކާ މިހާރުވެސް މަސައްކަތް ކުރަމުން އެދަނީ އެންމެ ފުރަތަމަ ވެސް ކަކާއަށް ކޯޗިންގެ ދާއިރާގައި ކުރިއަށް ދިއުމަށް ފުރުސަތު ލިބުނު ޓީމު ކަމަށްވާ ކުލަބު އީގަލްސްގައެވެ. ކުލަބް އީގަލްސްއަށް ނުކުތުމަށް ވެސް ކަކާއަށް ފުރުސަތު ލިބުނީ އިންޓަރ ސުކޫލުން ކަމުގައި ކަކާ ފާހަގަ ކުރިއެވެ. އެގޮތުން 2015 ވަނަ އަހަރު ކަކާ ކޯޗުކަން ކޮށްދެމުން ދިޔައީ ވިލިނގިލީގެ މުހްޔިއްދީން ސުކޫލަށް ކަމަށާއި އަދި ހަމަ އެއަހަރު މަޖީދިއްޔާ ސުކޫލްގެ ކޯޗަކަށް ހުރީ މިހާރުގެ ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗު ނިޝްތާރު ކަމުގައި ކަކާ ފާހަގަ ކުރިއެވެ.

ނަސީބު ކަންދިމާކުރި ގޮތުން އެ އަހަރަކީ އެފްއޭއެމް ގެ "ޔޫތު ޑިވަލޮޕްމެންޓް ޕްރޮގްރާމް" ގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ އެކަޑަމީތައް އުފެއްދި އަހަރު ކަމަށް ކަކާ ބުންޏެވެ. އަދި އޭރު ނިޝްތާރު ކޯޗު މަސައްކަތް ކުރަމުން ދިޔައީ އީގަލްސް ގައި ކަމަށް ކަކާ ފާހަގަ ކުރިއެވެ.

"ދެން ނިޝްތާރު ކޯޗުއަށް އެހެން ދިމާލަކުން ފުރުސަތެއް ލިބިގެން ނިޝްތާރު ކޯޗު ކުލަބް އީގަލްސް އިން ދާން ނިންމީ. ދެން ނިޝްތާރު ކޯޗު ދިޔުމުން ކޮންމެގޮތެއް ވިޔަސް ހުސްވާނެތާ ނިޝްތާރު ކޯޗުގެ ޕޯސްޓް. ދެން ނިޝްތާރު ކޯޗު އާއި އަހަންނާ މި އިންނަނީ އިންޓަރސުކޫލް ތެރެއިން ބޮންޑު އުފެދިފަ. ދެން ނިޝްތާރު ކޯޗުއަށް ވިސްނުނީ ކަންނޭނގެ ތިމަންނާ އަކީ ގާބިލުކަން ހުރި މީހެކޭ ކޯޗިންކަން ކޮށްދިނުމުގަ. ނިޝްތާރު ކޯޗު އީގަލްސް ދޫކޮށްލާފަ ދާންވެގެން ދެން ހުސްވި ޕޯސްޓަށް ނިޝްތާރު ކޯޗު ދިޔައީ އަހަރެން ރިކޮމެންޑް ކޮށްފަ" އެންމެ ފުރަތަމަ ކުލަބަކުން ޗާންސް ލިބުނު ގޮތް "ދެން" އާއި ހިއްސާ ކުރަމުން ކަކާ ކިޔައިދިނެވެ.

މިއަދު ކަކާ އަކީ އީގަލްސްގެ ސެކަންޑް އެސިސްޓަންޓު ކޯޗުކަން ފާހަގަ ކުރެވެއެވެ، އަދި އީގަލްސްގެ ޔޫތު ޓީމުގެ ހެޑު ކޯޗަކީ ކަކާއެވެ، އެ ޓީމާއެކު ކަކާވަނީ 2019 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަން ޝިޕް ކާމިޔާބު ކޮށްފައެވެ،

އެންމެ ފުރަތަމަ ހެދި ކޯޗިން ކޯސް، ފުރަތަމަ ވީ ފެއިލް

ކޮންމެ ކަމެއްގައި ވެސް ކުރިއަށް ދިއުމަށް އިލްމެއް ބޭނުންވާނެ ކަން ޔަގީނެވެ. މީހެއްގެ ގައިގައި ހުނަރެއް ހުރި ކަމުގައި ވިޔަސް މިއަދު ދުނިޔޭގެ ހުރިހާތާކު ވެސް މީހާ އަކީ ގާބިލު މީހެއް ކަމުގައި ގަބޫލު ކުރަނީ އެމީހެއްގެ އަތުގައި އޮންނަ ސެޓިފިކެޓް ތަކުން ކަން ޔަގީނެވެ. އެހެން ކަމުން ކޯޗިންގެ ދާއިރާގައި ކުރިއަށް ދިއުމަށް ކަކާ ވެސް ނިންމީ އެ ދާއިރާއިން އިލްމު ލިބިގަތުމަށް ކޯޗިން ކޯހެއް ހެދުމަށެވެ.

މިހެން ހިތަށް އަރާ 2015 ވަނަ އަހަރު ކޯޗިންގެ "ސީ" ލައިސެންސް ކޯހުގައި ބައިވެރިވާން ނިންމި ކަމުގައި ކަކާ ބުންޏެވެ. އެ އަހަރު ކޯހުގައި ކިޔަވައިދިނުމަށް އިންސްޓްރަކްޓަރަކަށް ހުރީ މޯހަން ކޯޗު ކަމުގައި ވެސް ކަކާ ފާހަގަ ކުރިއެވެ. އެހެން ނަމަވެސް ކަންދިމާކުރި ގޮތުން އެ އަހަރު ކޯހުން ފާހެއް ނުވި ކަމުގައި ކަކާ ފާހަގަ ކުރިއެވެ.  އެހެން ނަމަވެސް މާބޮޑަށް މާޔޫސް ނުވާކަމަށާއި އަދިވެސް އިތުރަށް ދަސްކުރަން ބައިވަރު އެއްޗެހި އެބަހުރިކަން އެދުވަހު އެނގުނު ކަމުގައި ވެސް ކަކާ ބުންޏެވެ.

ފާސް ނުވުމުން ވެސް އޭނާ ކުރަމުން ދިޔަ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި އޭރުވެސް ދިޔައީ އީގަލްސް ގައި މަސައްކަތް ކުރަމުން ކަމުގައި ކަކާ ބުންޏެވެ. އަދި އަންނަ އަހަރުގެ ކޯސް އަންނަން ވާއިރަށް ކުރިން ދަސްނުވެ ހުރި އެތައް އެއްޗެއް ދަސްވާނެ ކަން އެނގިގެން ދިޔަ ކަމުގައި ވެސް ކަކާ ފާހަގަ ކުރިއެވެ.

ނުގުޑާ އަޒުމަކާއި ގަދަ ހިތްވަރާއެކު ޖެހިގެން އައި އަހަރުވެސް ކަކާ "ސީ" ލައިސެންސް ކޯހުގައި ބައިވެރިވީ ފާސްވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދަކާ އެކުގައެވެ. ﷲގެ އިރާދަފުޅާއެކު އެ އަހަރު ކަކާ ފާސްވިއެވެ.

ކަކާ އީގަލްސްގައި

މިއަދު ކަކާ އަކީ ކޯޗިންގެ އެކި ކަހަލަ ޓްރެއިނިންގތައް ނިންމައިގެން ހުރި ކޯޗެކެވެ. އެގޮތުން ކޯޗިންގެ "ބީ" ލައިސެންސް ކޯސް ކަކާ ފުރިހަމަ ކުރީ ފާއިތުވެދިޔަ 2019 ވަނަ އަހަރުއެވެ.

ފުލުހުގައި އުޅެމުން ކޯޗިންގެ ދާއިރާއިން ކުރިއަށް ދިއުން، އެންމެ ބޮޑު އެއް ގޮންޖެހުން

ކަކާ ބުނީ، އޭނާ އަކީ މިހާރު ދިރިއުޅުމުގައި 2 ކަމެއް އެއް ލެވެލް އެއްގައި ކުރަމުން ދާ މީހެއް ކަމަށެވެ. އެގޮތުން ވަޒީފާ އަދާ ކުރުމަށް ފުލުހެއްގެ ގޮތުގައި ޒިންމާތައް އަދާ ކުރަން ޖެހޭ ކަމަށާއި އަދި ކޯޗެއްގެ ގޮތުގައި ވެސް ހަމަ "ޕްރޮފެޝަނަލީ" ކުރިއަށް ދާން ބޭނުންވާ ކަމުގައި ކަކާ ބުންޏެވެ.

ކޯޗިންގެ ދާއިރާގައި އުޅޭއިރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޮފީހުގެ ގަޑިތަކާއި ޓްރެއިނިންގް ގެ ގަޑިތައް "ކްލޭޝް" ވުން ކަމުގައި ކަކާ ފާހަގަ ކުރިއެވެ. އެގޮތުން އެ ފަދަ  ވަގުތުތަކުގައި ބޮޑަށް މުހިއްމީ އޮފީސް ތޯ ނުވަތަ ޓްރެއިނިންގް ތޯ ނިންމަން ޖެހޭ ކަމުގައި ކަކާ ބުންޏެވެ.

2015 ވަނަ އަހަރަކީ އެންމެ އުނދަގޫ އަހަރު، އެކަމަކު ގިވް އަޕް ކުރާކަށް ހިތަކަށް ނާރާ

މި ދާއިރާއިން ކުރިއަށް ދިއުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި އެ ހުރިހާ ކަމަކާ ވެސް ކުރިމަތިލީ ހިތްވަރާ އެކުގައިކަން ކަކާ ފާހަގަ ކުރިއެވެ. އަދި ދުވަހަކުވެސް ނުވާނެޔޭ ބުނެ "ގިވް އަޕް" ކުރަން ހިތަށް ނާރާ ކަމުގައި ކަކާ ފާހަގަ ކުރިއެވެ.

2015 ވަނަ އަހަރު ކަކާ ހަވާލު ވެގެން ހުރީ ވިލިނގިލީގެ މުހްޔިއްދީން ސުކޫލާއެވެ. ވިލިނގިލީގެ ޓީމަކާއި ކަކާ ހަވާލުވެގެން ހުރި ނަމަވެސް ކަކާގެ މަސައްކަތުގެ ގޮތުން އޭރު މަސައްކަތް ކުރަން ހަމަޖެހިފައި އޮތީ ހުޅުމާލޭގައެވެ. އެދުވަސްވަރަކީ މާލެ އާއި ހުޅުމާލެ އާއި ދެމެދު ފެރީގައި ދަތުރުކުރަން ޖެހުނު އިރެވެ. އެހެން ކަމުން ކަކާ އަށް ކޮންމެ ދުވަހަކު ވެސް ޖެހެނީ ދެ ކަނޑު ހުރަސްކޮށް ދާން ކަމުގައި ކަކާ ފާހަގަ ކުރިއެވެ.

ހެނދުނުގެ ޑިއުޓީ ނިންމުމަށްފަހު 4 ޖަހާއިރު ޓްރެއިނިންގ އަށް ދާ ކަމަށާއި އަދި އެއީ ފަސޭހަ ކަމެއް ނޫން ކަމުގައި ކަކާ ފާހަގަ ކުރިއެވެ. އެހެން ނަމަވެސް ގިވް އަޕް ނުކޮށް މަސައްކަތް ކުރުމުގެ ނަތީޖާ ވަރަށް ފޮނިކަންވެސް ކަކާ ފާހަގަ ކުރިއެވެ. އެގޮތުން އެ އަހަރުގެ އިންޓަރސުކޫލް 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ކާމިޔާބު ކުރީ މުހްޔިއްދީން ސުކޫލެވެ.

ކުޅުންތެރިންނާ ދެމެދު ގާތް ގުޅުމެއް ބާއްވަން އަބަދުވެސް އިސްކަންދޭ

ކަކާ ފާހަގަ ވެފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކުޅުންތެރިންތަކެއްގެ ލޯބި ހޯދި ކޯޗެއްގެ ގޮތުގައެވެ. ދަނޑު މަތީގައިވެސް ދަނޑުން ބޭރުގައި ވެސް ކަކާ އަކީ ކުޅުންތެރިން ވަރަށް އިހްތިރާމް ކުރާ އަދި ކުދިން ވަރަށް ގަޔާވާ ކޯޗެކެވެ. މިކަމުގައި ވެސް ސަބަބުތަކެއް ވާނެ ކަން ގައިމެވެ.

"ދެން" އާއި ވާހަކަ ދައްކަމުން ކަކާ ބުނީ، ކުޅުންތެރިންނާ ދޭތެރޭ ގާތް ގުޅުމެއް ބޭއްވުމަކީ ކަކާ އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަބަދުވެސް ކުޅުންތެރިންނާ ގުޅިގެން މަސައްކަތް ކުރުމަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއްގެ ގޮތުގައި ކަކާ ފާހަގަ ކުރިއެވެ.

އެންމެ ފުރަތަމަ 2011 ވަނަ އަހަރު ކޯޗުކަން ކޮށްދޭން ފެށި ހިސާބުން މިއަދާ ހަމައަށް ކޯޗުކަން ކޮށްދެވުނު އެތައް ކުދިންނެއް އެބަތިބި ކަމަށާއި އަދި އޭގެ ތެރެއިން ހަމަ ވަރަށް ގިނަ ކުދިން މިހާރުވެސް ކޯޗު އާއި ރަނގަޅު ގުޅުމެއް އޮންނަ ކަމުގައި ކަކާ ފާހަގަ ކުރިއެވެ. އަދި އަބަދުވެސް ކުޅުންތެރިން އޭނާގެ ހާލުބަލައި އޭނާއާއި ގާތް ގުޅުމެއް ބާއްވާތީ ނުހަނު އުފާވާ ކަމުގައިވެސް ކަކާ ބުންޏެވެ.

ކަކާ އޭނާގެ ކުޅުންތެރިންނާ އެކު

އާއިލާއިން ފުރަތަމަ ދެކޮޅު، އެހެނަސް މިއަދު ކަކާއާއި މެދު ފަހުރުވެރިވޭ

ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމަކީ މާ ބޮޑު ކުރިއެރުމެއް އޮންނަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އަދި ހަމަ އެހެންމެ ކޯޗިންގެ ދާއިރާއިން ކުރިއަށް ދިއުމަކީވެސް މުސްތަގުބަލެއް އޮތް މަސައްކަތެއް ކަމަށް ގަބޫލު ކުރަނީ މަދު ބައެކެވެ. ކުރިންވެސް ފާހަގަ ކުރިހެން ކަކާ އަކީ ފުލުހެކެވެ.

ފުލުހެއްގެ ޒިންމާދާރު ވަޒީފާއެއްގައި ހުރުމަށް ފަހު ކޯޗިންގެ ދާއިރާއިން ކުރިއަށް ދިއުން ވެގެން ދިޔައީ ކަކާގެ މައިންބަފައިން އަދި އާއިލާއިން މާ ހިތްހަމަ ޖެހޭ ކަމަކަށް ނޫނެވެ. ސަބަބުތައް ބައިވަރެވެ. ލިބޭ އަހަރީ ޗުއްޓީ ކަކާ އަބަދުވެސް އެއްކުރަނީ ކޮންމެ އަހަރެއްގެ ވެސް އިންޓަރސުކޫލް މުބާރާތާއި ދިމާކޮށެވެ. އެހެން ކަމުން އުފަންރަށް ށ.މިލަންދޫއަށް މައިންބަފައިންގެ ކައިރިއަށް އޮންނަނީ ނުދެވިފައެވެ.

ކޯޗިންގެ ދާއިރާގައި ދުވަހަކަށް ވުރެ ދުވަހެއް ކަކާ ކުރި އަރަމުން ގޮސް މިލަންދޫގައި ވެސް ކަކާގެ ވާހަކަ ޒުވާނުންގެ ތެރޭގައި ދެކެވެން ފެށިއެވެ. ކަކާގެ ރައްޓެހިންގެ ފަރާތުން އަދި އެހެންވެސް ގޮތްގޮތުން ކަކާގެ މައިންބަފައިންނަށް ކަކާގެ ކާމިޔާބީތަކުގެ ވާހަކަ ދިޔައީ އިވެމުންނެވެ.

ކަކާ ބުނީ، އެއްފަހަރު ބައްޕަމެން ޑޮކްޓަރަށް ދައްކަން މާލެ އައި ފަހަރެއްގައި ކަކާ ޕްރެކްޓިސް އަށް ދާތަން ފެނުމުން އެދުވަހު ބައްޕަ އޭނާ އާއި މެދު ފަހުރުވެރި ވާ ކަމުގައި ބުނި ކަމަށް ކަކާ ބުންޏެވެ. އެދުވަހު ކަކާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

މިހާތަނަށް އައި އިރު ލިބުނު އެންމެ ބޮޑު ކާމިޔާބީ

"އަބަދުވެސް ދެކެން ބޭނުންވި ދުވަހެއް 2011 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށީއްސުރެވެސް ގައުމީ ޓީމުގެ ކޯޗަކަށް ވާ ދުވަސް. ނޭނގެ ކީއްވެގެން ކަމެއް." މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ކޮބައިތޯ ސުވާލު ކުރުމުން ޖަވާބު ދޭން ފަށަމުން ކަކާ ބުންޏެވެ.

އެންމެ ކުރީންސުރެ ވެސް ކަކާ ދެކެން ބޭނުންވި ހުވަފެނަކީ ގައުމީ ޓީމުގެ ކޯޗެއްގެ މަގާމު ފުރުން ކަމަށް ވާއިރު ކަކާގެ އެ ހުވަފެނުގައި ކުލަ ޖެއްސުމަށް ކަކާ ވަނީ އެތައް މަސައްކަތް ތަކެއް ކޮށްފައެވެ. އެތައް ހަރުފަތެއް ވަނީ ގިރާކޮށްފައެވެ. ނަތީޖާ އަކަށް ވީ ފާއިތުވެ ދިޔަ 2019 ވަނަ އަހަރު ކަކާއަށް ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ މަގާމު ލިބުމެވެ.

މިހާތަނަށް ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކަކާ ފާހަގަ ކުރާ ކަމަކީ އެއީއެވެ. އެގޮތުން ކަކާ ވަނީ ގައުމީ 16 އަހަރުން ދަށުގެ ޓީމާއެކު ބައިނަލްއަޤްވާމީ އެތައް މުބާރާތެއްގައި ވެސް ބައިވެރި ވެފައެވެ.

ކަކާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް

ކަކާ ގައުމީ ޓީމުގައި ކުޅުންތެރިންނާއެކު

ކޯޗުންގެ ނަޒަރުގައި ކަކާ

ކަކާއާއި އެކު ގިނަ މުބާރާތްތަކެއްގައި މަސައްކަތް ކުރި ކުރީގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ޝާކިއްޓޭ ބުނީ، ކަކާ އަކީ ކަންކަން ވަރަށް އަވަހަށް ދަސް ކުރަން ބޭނުންވާ އަދި ވަރަށް ގާބިލިއްޔަތުކަން ހުރި ކޯޗެއް ކަމަށެވެ. ކަކާ އަބަދުވެސް ކަކާގެ ސީނިއަރ ކޯޗުންނަށް ވަރަށް އިހްތިރާމް ކުރާ ކަމަށާއި ކަކާ އަކީ ބަސް އަހާ ބަސް ގަބޫލު ކުރާ ކޯޗެއް ކަމަށެވެ.

"ދެން" އާއި ވާހަކަ ދައްކަމުން ޝާކިއްޓޭ އިތުރަށް ބުނީ، ކަކާއާއި އެކު މަސައްކަތް ކޮށްލަން ވަރަށް ފަސޭހަ ކަމަށެވެ. އެގޮތުން ކަކާ އަކީ އެހެން އެންމެންނާ ވެސް ގުޅޭ މިޒާޖެއްގެ މީހެއް ކަމުގައި ޝާކިއްޓޭ ފާހަގަ ކުރިއެވެ. އަދި ކަކާ އުޅޭ ކަމަކައިގެން ވަރަށް ޝައުގުވެރިކަމާއެކު އުޅޭނެ ކަމުގައި ވެސް ކަކާ ފާހަގަ ކުރިއެވެ.

ކަކާ އެންމެ ފުރަތަމަ ކޯޗިން ކޯހެއް ހެދި އިރު ކަކާގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ހުރި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ކަކާ އަކީ ނާކާމިޔާބެއް ވުމުން ވެސް ކާމިޔާބީގެ އަސްލަކީ ނާކާމިޔާބީކަން ގަބޫލު ކޮށްގެން ކުރިއަށް ދިޔަ ކޯޗެއް ކަމަށެވެ. ކޯޗިންގެ ފުރަތަމަ ކޯސް ހެދުމަށް އައި އިރު ފުޓްބޯޅައިގެ ދާއިރާގައި ކަކާ އަކީ ވަރަށް "ރޯ" ކުއްޖެއްގެ ގޮތުގައި މޯހަން ފާހަގަ ކުރިއެވެ.

އެދުވަހު ކަކާ ހުރިގޮތާއި މިއަދުގެ ކަކާ ހާސްބައި ތަފާތުކަން ފާހަގަ ކުރަމުން މޯހަން ބުނީ، މިހާރު ކަކާއާ އެކު މަސައްކަތް ކުރާއިރު މެޗުގެ ތެރެއިންވެސް ވަރަށް ރަނގަޅު ހިޔާލުތައް ދީ ވެސް ހަދާ ކަމުގައެވެ. އަދި ކަކާ އަކީ އިންޓަރނޭޝަނަލް މެޗުތައް ބަލައި އެ މެޗުތައް ދިރާސާ ކޮށް ކުރިއެރުމަށް މަސައްކަތް ކުރާ ކުއްޖެއްގެ ގޮތުގައި ވެސް މޯހަން ފާހަގަ ކުރިއެވެ.

މޯހަން އިތުރަށް ބުނީ، ކޯޗިން އަކީވެސް އެކި ދާއިރާތަކަށް ބެހިފައިވާ އެއްޗެއް ކަމަށާއި އެކި ދާއިރާތަކުން ކޯޗަކަށް ވެސް ސްޕެޝަލައިޒް ވެވިދާނެ ކަމަށެވެ. އެގޮތުން ކަކާ ވަކި ދާއިރާ އަކުން " ސްޕެޝަލައިޒް" ވާތަން ފެނުމަކީ އޭނާ ކުރާ އުއްމީދެއްގެ ގޮތުގައި މޯހަން ފާހަގަ ކުރިއެވެ.

"ކޯޗެއްގެ ގޮތުގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް އެއީ އެއްވަނައިގެ ކޯޗެއް"

ކަކާ ކޯޗު ސިފަ ކުރާނީ ކިހިނެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ކަކާ ކޯޗުގެ ކުޅުންތެރިއެއް ކަމަށްވާ އަލީފް ބުނީ، ކަކާ އަކީ ކޯޗެއްގެ ގޮތުގައި އަދި ދަނޑުން ބޭރުގައިވެސް އެއްވަނައިގެ ކޯޗެއް ކަމަށެވެ. ކަކާ އަކީ ރާއްޖޭގެ ޔޫތު ކޯޗުންގެ ތެރެއިން ހަމަ އެންމެ މޮޅު ކޯޗު ކަމުގައި އަލީފް ސިފަކުރިއެވެ.

ރާއްޖޭގެ ގައުމީ 16 އަހަރުން ދަށުގެ ކެޕްޓަންކަން ވެސް މީގެ ކުރިން ކޮށްފައިވާ މިހާރު އީގަލްސްގެ އަހްމަދު ސަމާހު ބުނީ، ކަކާ އަކީ ކޯޗަކަށް ވުރެ ބޮޑަށް އެކުވެރިއެއް ކަމަށެވެ. ކޯޗާއި ކުޅުންތެރިންނާ ދެމެދު އެހާވެސް ގާތްގުޅުމެއް އޮންނަ ކަމަށް ފާހަގަ ކުރަމުން ސަމާހް ބުނީ ދަނޑުމަތީގައިވެސް ދަނޑުން ބޭރުގައި ވެސް އަބަދުވެސް ކަކާ ކޯޗު ވަރަށް ސަޕޯޓިވް ކަމަށެވެ. އަދި ކަކާއަށް ކޯޗިން ކެރިއަރުގައި ކާމިޔާބަށް އެދޭ ކަމަށް ސަމާހު ބުންޏެވެ.

ކަކާ މޯހަން އާއި އެކު

ކަކާ ޝާކިއްޓޭ އާއި އެކު

މައިންބަފައިން ކަކާގެ މަސައްކަތާމެދު ފަހުރުވެރިވޭ

"ދެން" އާއި ވާހަކަ ދައްކަމުން ކަކާގެ ބައްޕަ ބުނީ، ކަކާ އެކުރާ މަސައްކަތަކީ ގައުމަށް ކުރެވޭ ވަރަށް ބޮޑު ހިދުމަތެއް ކަމުގައެވެ. ގިނަ ބަޔަކަށް އެކަން ނުވިސްނުނު ނަމަވެސް ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގައި ކަކާ އެ ކުރާ މަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމުގައި ކަކާގެ ބައްޕަ ބުންޏެވެ.

އިތުރަށް ދެން އާއި ވާހަކަ ދައްކަމުން ކަކާގެ ބައްޕަ ބުނީ، ކިތަންމެ ދުރުގައި ތިބި ނަމަވެސް ކަކާގެ މަސައްކަތާމެދު އޭނާ އާއި އޭނާގެ އަންހެނުން ފަހުރުވެރިވާ ކަމަށާއި ކަކާގެ މައިންބަފައިން ކަކާ ކުރާ މަސައްކަތާމެދު ނުހަނު އުފާވާ ކަމަށެވެ. އަދި ރަށުގައި ތިބި ނަމަވެސް އަބަދުވެސް ކަކާއާއި އެކު ވާ ކަމުގައި ކަކާގެ ބައްޕަ ފާހަގަ ކުރިއެވެ.

ކަކާއާއި މެދު ދެކޭ ހުވަފެނަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ކަކާގެ ބައްޕަ ބުނީ، ކަކާ އަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ފަންތީގެ ކޯޗަކަށް ވެގެންދާ ތަން ދުށުމަކީ އޭނާ ކުރާ އުއްމީދެއް ކަމުގައެވެ.

ކަކާ އޭނާގެ މައިންބަފައިންނާއެކު

ކަކާ ބޭނުންވަނީ އަދިވެސް ކޯޗިންގެ ދާއިރާއިން ކުރިއަށް ދާށެވެ. މި ދާއިރާއިން ދެވެން އޮތް އެންމެ އުހަކަށް ދިއުމަކީ ކަކާ ކުރާ އުއްމީދެވެ. ކަކާ ބޭނުން ވަނީ ދިވެހި ގައުމީ ޓީމުގެ ކޯޗުކަން އަދިވެސް ކޮށް ގައުމަށް ޓަކައި ޚިދުމަތެއް ކޮށްދޭށެވެ. މިއަދު ކަކާ އަކީ ކުލަބް އީގަލްސްގެ އެސިސްޓެންޓް ކޯޗެކެވެ. ޔޫތު ޓީމުގެ ހެޑް ކޯޗެވެ. އަދި ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓު ކޯޗެކެވެ. މިހާރު އުމުރުން 30 އަހަރު ކަކާއަށް ވީއިރު ޒުވާން އުމުރެއްގައި ކޯޗެއްގެ ގޮތުގައި މިހާގިނަ ކާމިޔާބީތައް ހޯދެނީ މަދު ބަޔަކަށެވެ.

މި ދާއިރާގައި ކުރިއަށް ދިއުމުގައި މިހާރުގެ ކުޅުންތެރިން އަދި ކުރީގެ ކުޅުންތެރިންގެ ސަޕޯޓް ފާހަގަ ކޮށް ކަކާ ޝުކުރު އަދާކުރިއެވެ. އަދި ކޯޗިންގެ ދާއިރާގައި އޭނާއާއެކު މީގެ ކުރިން އަދި މިހާރު މަސައްކަތް ކުރަމުން އަންނަ ކޯޗުންނަށް ވެސް ޝުކުރު އަދާ ކުރިއެވެ. އަދި އާއިލާ އަށް ހާއްސަ ޝުކުރެއް ކަކާ ވަނީ އަދާ ކޮށްފައެވެ.

ކަކާ ކާމިޔާބަށް ވާސިލުވުމަށް ކުރި މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫނެވެ. ގިރާކުރި އޮޅިތަކަކީ ގިރާކުރަން ފަސޭހަ އޮޅިތަކެއް ނޫނެވެ. ނަމަވެސް ޒުވާން އުމުރެއްގައި ކޯޗުކަމަށް ނުކުމެ ކަކާ ވަނީ ގިނަ ކުދިންތަކެއްގެ "ފޭވަރިޓް" ކޯޗަކަށް މިއަދު ވެފައެވެ.

"ދެން" ގެ ފަރާތުން ކަކާ އަށް އެދެނީ އަދަށްވުރެ ފަހި މާދަމާ އަކަށެވެ.

 

ނޯޓް: "ދެން ފުރަމަލަ" އަކީ ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު ދުވަހު ދެންގެ ފަރާތުން ގެނެސްދޭ ސެގްމަންޓެކެވެ. "ފުރަމަލަ" މި ބަހުގެ މާނަ އަކީ ޕްރޮފައިލްއެެވެ. ކޮންމެ ހަފްތާއަކުވެސް "ދެން ފުރަމަލަ" މި ނަމުގައި ފީޗަރ އާޓިކަލް އެއް ގެނެސްދެވޭނެ އެވެ. އެގޮތުން މިއީ "ދެން ފުރަމަލަ"ގެ ފުރަތަމަ އާޓިކަލް އެވެ.

 

Ads by Ooredoo
  1. ސަޅިބައިސާ

    ހިޔަނީ ގަހޯދާ ކާމަޔާބުގަބޫލު ކުރަންވަރައްދަތި
    މިއީވައްވާހަކަ