ޚަބަރު ސިޔާސީ

ކޯލިޝަން ހެދުމާމެދު މަޝްވަރާ ކުރަން ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބީ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާ ޕާޓީއެއް އެނގެން މުހިންމުވެފައި އޮއްވައި އެމަނިކުފާނުގެ ޕާޓީ، ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.

Ads by MWSC

މި ބައްދަލުވުން މިއަދު ބޮޑުފެންވަޅުގޭގައި 3 ޖަހާއިރު ބާއްވާއިރު ކުރިއަށް އޮތް އިންތިހާބުގެ ދެވަނަ ބުރާ މެދު ނިންމުމެއް ނިންމާނެ ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. ނަމަވެސް އިންތިހާބުގެ ދެވަނަ ބުރަށް "ރަނގަޅަށް ގޮތް ނިންމައި" އިއުލާންކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ނިންމެވުން މުހިންމުވަނީ ޑިމޮކްރެޓްސް އިން މި އިންތިހާބުގައި ރާއްޖޭގެ ދުވަސްވީ ޕާޓީތަކުގެ މައްޗަށް ކުރި ހޯދާފައިވާތީއެވެ. އެގޮތުން، ތިން މަސް ދުވަހުގެ ކެމްޕޭނުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސަށް 15,000 އަށް ވުރެން ގިނަ ވޯޓު ލިބިވަޑައިގަތެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު އެމްޑީޕީއާ ދެކޮޅަށް ހުންނެވިނަމަވެސް އަދި ދެވަނަ ބުރަކަށް ގޮއްފިނަމަ އެމްޑީޕީއާއެކު މަސައްކަތްނުކުރައްވާނެކަމަށް ކުރިން ވިދާޅުވިނަމަވެސް އެމްޑީޕީން މިހާރު އަންނަނީ ޑިމޮކްރެޓްސްއާ އެކު ދެވަނަ ބުރަށް މަޝްވަރާ ކުރަމުންނެވެ. މިކަމުގައި އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ ކުރިން ހިޔާލުތަފާތުވުންތަކެއް ހުއްޓަސް ދެވަނަ ބުރުގައި އެކުގައި ރައީސް ނަޝީދު އެމްޑީޕީއާއެކު މަސައްކަތްކުރައްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ޑިމޮކްރެޓްސްގެ ފަރާތުން އެމްޑީޕީ އާއި ޕީޕީއެމާ އެކު ވެސް އިލްޔާސް ލަބީބް މަޝްވަރާތައް ކުރިއަށް އެބަގެންދަވާ ކަމަށް ދެވަނަ ބުރުގެ ކޯލިޝަނާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން ރައީސް ނަޝީދު ރޭ ވިދާޅުވެފައިވެއެވެ.

"ކުރިއަށް އެބަދޭ, އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ... "އެއްގޮތަކަށް ވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. ކަންބޮޑުވެލައްވައިފިއްޔާ އަޅުގަނޑަށް ހީވަނީ ގޯސްހެން ވާނީ. އަޅުގަނޑު ރަނގަޅަށް ނިންމާނީ. އަޅުގަނޑު ގޯސްކޮށް ނުނިންމާނަން. އަޅުގަނޑަށް ވެސް އިންތިހާބުގެ ނަތީޖާ އެބަފެނޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!