އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ ވަރަށް ގާތްކަމެއް: ރައީސް ނަޝީދު
ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އިދިކޮޅު ޕީޕީއެމަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރާނެ ގޮތް ބަދަލު ކުރުމާ ގުޅޭ މައްސަލާގައި މަޖިލީހުގެ މިއަދުގެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި މެންބަރުން އެކުލެވިގެންވާ ގޮތް ކުއްލި ކުއްލިއަކަށް ވަރަށް އަވަސް އަވަހަށް ބަދަލުވަމުން އަންނަ ކަމަށާއި ނަމަވެސް މިހާރު މި އޮތް ހާލަތުގައި ކޮމިޓީތައް އެކުލަވާލަން ޖެހޭ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަން އަޅުގަނޑު ވެސް ފާހަގަކުރަން. އެހެން ނަމަވެސް ކޮމިޓީތައް ހިންގަމުން ގެންދިޔުން އަޅުގަނޑަށް ފެންނަ ގޮތުގައި ބޭނުންތެރި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މަޖިލީހުގެ ދަފްތަރުގައި މިހާރު ތިއްބެވީ ތިން މެންބަރުންކަމަށް ވާއިރު އެ ޕާޓީގެ ހުރިހާ މެންބަރުން މަޖިލީހަށް ސިޓީ ފޮނުއްވައި ދަފްތަރަށް އަރާ ހިސާބުން ޑިމޮކްރެޓްސް ވާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ. އެހެންނަމަވެސް ޑިމޮކްރެޓްސްގެ މެންބަރުން ޕާލަމެންޓަރީ ގްރޫޕެއް އެކުލަވާލައި ޕީޖީ ލީޑަރެއް ހަމަޖައްސަން އަދި ދުވަސްކޮޅެއް ނަގާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ނިމެންދެން ކޮމިޓީތައް އެކުލަވާ ނުލައި އޮތުން ރަނގަޅު ނުވާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެވަނަ ދައުރުގެ ތެރޭގައި ދެ މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޑީޕީގައި ތިބި 12 މެންބަރުން އެ ޕާޓީން ވަކިވި ހިސާބުން މަޖިލީހުގެ ކޮމިޓީތައް ސަސްޕެންޑް ކޮށްފައިވާއިރު މިއަދާ ހަމައަށް ވެސް ކޮމިޓީތައް އެކުލަވާ ނުލެވޭތީ މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތައް ފިޔަވައި އިތުރު މަސައްކަތެއް މެމްބަރުންނަށް ކުރެވޭގޮތެއް ނެތެވެ.