ޚަބަރު ސިޔާސީ

ހަރުކަށި ފިކުރުގެ މައްސަލަތަކަށް ހައްލު ގެނެސްދީފައިވަނީ ޕީޕީއެމުން، ދެންވެސް އެކަން ވާނީ ޕީޕީއެމަށް: ޝަހީމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރާއްޖޭގައި މީގެ ކުރިން ދީނީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތައް ހައްލުކުރީ ޕީޕީއެމްގެ ސަރުކާރުން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަންތައްތައް ހައްލުކުރެވޭނީ ޕީޕީއެމަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ހަންނާމީދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ހައްލުކުރުމުގައި އޭރު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިކަމަށެވެ.

ދީނީ ގޮތުން ހިޔާލުތަފާތުވުމާއި ހަރުކަށި ފިކުރުގެ ހަރަކާތްތައް ރައީސް ޔާމީނުގެ ސަރުކާރުގައި މުޅި ރާއްޖޭގައި ފެތުރިފައި އޮތް މިންވަރު ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އައި އިރު ހަރުކަށި ފިކުރާއި ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑަށް ހައްލުވެފައި ކަމަށެވެ.

މީގެ އިތުރުން ޝަހީމްވަނީ، މުއިއްޒު އަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ އެ ފިކުރުގެ ބޭފުޅެއް ކަމަށް ދައްކާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން އެންޓި ކެމްޕޭނުގެ ގޮތުގައި މުއިއްޒަކީ ހަރުކަށިފިކުރަށް ތާއީދުކުރާ ބޭފުޅެއް ކަމަށް ބަޔަކު ވާހަކަ ފަތުރާކަމަށް ޝަހީމް ވިދާޅުވިއެވެ.

"ދީނީ ހަމަނުޖެހުންތަކާ ތަފާތު ހިޔާލުތަކުގެ ސަބުން އެރަށުގައި [ހިމަންދޫގައި] އުފެދުނު ނުރައްކާތެރި ކަންތައްތައް ވިސްނާލައްވާ. އެކަންތައްތައް ހައްލުކުރީ ކޮންބައެއްތޯ. އާދެ އެކަންތައްތައް ހައްލުކުރީ ރައީސް ޔާމީނުގެ ސަރުކާރުން. އެކަންތައްތައް ހައްލުކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް މިއަދު ޑރ. މުއިއްޒުގެ އަރިހުގައި މިތިބީ" ޝަހީމް ވިދާޅުވި އެވެ.

"އަސްކަރީ ބާރުވެރިކަމެއް ނެތި އިލްމުގެ ޒަރިއްޔާއިން އެކަންތައްތައް ހައްލުކުރީ. އެކަންތައްތައް ހައްލުކުރި މީހުން މިއަދު ޑރ. މުއިއްޒުގެ އަރިހުގައި މިތިބީ. އެއީ އަޅުގަނޑުމެން އެކަންތައްތައް ހައްލުކުރީ" ޝަހީމް ވިދާޅުވި އެވެ.

ވަކި ޖަމާއަތް ހަދައިގެން ބަޔަކު އއ. ހިމަންދޫގައި ނަމާދުކުރާ މައްސަލަ ހޫނުވެ، އެކަން ހައްލުކުރުމަށް ދިޔަ ފުލުހުންނާ ކުރިމަތިލައި ދިވެހި ތާރީހުގައި ނުދެކޭފަދަ ބޮޑު ހަމަނުޖެހުމަކަށް އެކަން ބަދަލުވެގެން ދިޔައީ 2007 ވަނަ އަހަރުގަ އެވެ.

އޭރު އެ ހަރުކަށި ފިކުރުގެ މީހުން، ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލީ ކޮޅު ތޫނުކޮށްފައި ހުރި ލަކުޑިބުރި އާއި ދަނޑިބުރި އާއި ކަނޑި ހިފައިގެން ބޮލުގައި ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ކަމަށް މައުލޫމާތު ލިބޭއިރު  ޖުމްލަ 53 މީހަކު އެ ހަމަނުޖެހުމުގައި ނުކުމެފައިވެއެވެ. އަދި އޭގެތެރެއިން 37 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެއްބަޔަކު ހައްޔަރުކޮށް ދިގު މުއްދަތަށް ޖަލަށް ވެސް ލިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!