ޚަބަރު ސިޔާސީ

ބޭނުމީ "އިބޫ ނޫން ގޮތެއް"، ނޫނީ ވަކި ކޮޅަކަށް ނޭރުން: ޑިމޮކްރަޓްސް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ވަކި ގޮތެއް ނިންމުމަށްޓަކައި ޑިމޮކްރަޓްސްގެ މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސް، ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި "ބޭނުމީ އިބޫ ނޫން ގޮތެއް" ކަމަށާއި، ނޫނި ވަކި ކޮޅަކަށް ނޭރުމަށްކަމަށް އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި އެޕާޓީގެ ހަތްވަނަ ކައުންސިލް ބައްދަލުވުމުގައި މުޙައްމަދު ޝިފާޒު ހުށަހެޅުއްވި ޤަރާރަށް ގިނަ މެންބަރުންތަކެއް ވަނީ ތާއީދުކުރައްވާ ވާހަކަ ދައްކަވާފައެވެ.

ޝިފާޒް ހުށަހެޅުއްވި ޤަރާރުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ސެޕްޓެންބަރު 28 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސެޕްޓެންބަރު 20 ގެ ކުރިން އެމްޑީޕީން އެއްބަސްވާނަމަ، އެ ޕާޓީއާއެކު މަޝްވަރާކުރުމަށާއި ޕީއެންސީއާއެކު ސަރުކާރު އުފެއްދުމަށް ޑިމޮކްރެޓްސް ބައިވެރިވާނޭ މިންވަރާއި އެ ސަރުކާރުގައި ޑިމޮކްރަޓްސްގެ ސިޔާސަތުތައް ހިމެނޭނޭ މިންވަރު ބަޔާންކުރާ ލިޔުމެއްގައި ސެޕްޓެންބަރު 20 ގެ ކުރިން އެ ޕާޓީން ސޮއިކުރަން އެއްބަސްވާނަމަ، ޕީއެންސީއާއެކު މަސައްކަތްކުރުމަށެވެ.

އެންމެ ފަހުކަމެއްގެ ގޮތުގައި ޝިފާޒް ފާހަގަކުރައްވާފައިވަނީ މި ދެޕާޓީން ވެސް އެއްވެސް ޝަރުތަކަށް އެއްބަސް ނުވާނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށެވެ.

މި ޤަރާރަށް ބަހުސް ކުރައްވަމުން އީވާ ޢަބްދުﷲ ވިދާޅުވީ އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްނުވާނަމަ، އެޕާޓީއާއެކު ކުރިއަށް ނުދެވޭނެކަމަށެވެ. އަދި ކުރިންވެސް ނިޒާމު ބަދަލުކުރުމަށް ވަޢުދުވެފައިވާކަމަށާއި ދެން އެކަން ކުރައްވާނެކަމަށް ޤަބޫލުނުކުރެވޭކަމަށް އީވާ ވިދާޅުވިއެވެ.

"ވެރިކަމާ ޙަވާލުވެވަޑައިގަތީ ވެސް އެމްޑީޕީ އާ ވަކި ހިސާބަކުން ނިޒާމީ ވޯޓެއް ދެއްވާނެ ކަމަށް ވަޢުދުވެގެން. ކޮންގްރެސް އަށް ފަހު ވެސް ނިޒާމީ ވޯޓަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެ މަޝްވަރާ ފަށާފައި އެކަމެއް ވެސް ނުކުރެއްވި" އީވާ ވިދާޅުވިއެވެ.

ޑިމޮކްރަޓްސްގެ ޕީޖީ ލީޑަރު ޢަލީ އާޒިމް ވިދާޅުވީ މިހާރު އޮތް ރިޔާސީ ނިޒާމާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ތާރީޚުން އެކަމަށް ހެކި ދޭ ކަމަށެވެ. އަދި އެ ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޞާލިޙު އިންތިޚާބުން ބަލިކުރުންކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

"އިބްރާހިމް މުޙައްމަދު ޞާލިޙު ދެރަކޮށްފައި، ވަރަށް އަވަހަށް މުއިއްޒު ވެރިކަމުން ބޭލުން [އެއީ އޮތް ގޮތަކީ]" އާޒިމް ވިދާޅުވިއެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވަނީ ދެ ޕާޓީގެ ފަހަތުން ދުވަން ވަގުތު ނެތްކަމަށާއި، އެއް ދުވަސް ތެރޭ ޖަވާބު ނުދީފިނަމަ މަޝްވަރާކުރުންތައް ނިންމާލައި، ކުރިއަށް އޮތް މަޖްލިސް އިންތިޚާބަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ.

"ދެ ދުވަސް ވެސް ގިނަ، 24 ގަޑިއިރު ތެރޭގައި ޖަވާބެއް ނުދީފިނަމަ އެކަން ނިންމާލަންވީ. ދެން އަންނަ އަހަރު އޮތް މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވާން ވީ، އެއްގޮތަކަށް ވެސް މި މީހުންގެ ފަހަތުގައި ދުވާކަށް ނުފެނޭ" އަފީފް ވިދާޅުވިއެވެ.

ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ޝިފާޒްގެ ޤަރާރަށް ތާއީދުކުރެއްވި ނަމަވެސް،  ރައީސްއަށް އެއްވެސް ގޮތަކަށް އިތުބާރުނުކުރުމަށް ގިނަ މެންބަރުން ގޮވާލައްވާފައިވެއެވެ.

ޝިފާޒް ހުށަހެޅުއްވި ޤަރާރު ވަނީ 50 ކައުންސިލް މެންބަރުންގެ އަޤުލަބިއްޔަތާއެކު ފާސްވެފައެވެ.

Ads by Allied Insurance
  1. ަގިނާ

    އިބޫނޫންގޮތަކީ މުއީޒް، އޯކޭތަ އެގޮތް؟