ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ބައިވެރިވުމެއް ނޯންނާނެކަމަށާއި މަޖިލީހުގެ ކަންކަމުގެ ތެރެއަށް ނުވަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ މާލޭގައި އެމަނިކުފާނު ކުރިއަށް ގެންދަވާ ޑޯޓުޑޯ ގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ނޫސްވެރިންނާއި ބައްދަލުކުރެއްވި އިރު އެވެ. އެގޮތުން ރައީސް ނަޝީދުގެ ތުހުމަތުތަކާ ގުޅިގެން އޮންލައިން ނޫހަކުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތް ކަމަށް ފެނިވަޑައިނުގަންނަވާކަމަށާއި ބައެއް ޖަލްސާތަކަށް ހުރިހާ މެމްބަރުންނަށް ހާޒިރުނުވެވި ދިއުމަކީ ވެދާނެކަމެއްކަމަށެވެ. އެއީ މަޖިލިސް ހުއްޓިފައި އޮތުމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލިސް ހުއްޓިފައި އޮތްކަމަށް ބުނެ ރައީސް ނަޝީދު ފޮނުއްވެވި ސިޓީފުޅު އަދި ލިބިވަޑައިނުގަންނަވާކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމުގައި އެ މަނިކުފާނުގެ ދައުރެއް އޮތްކަމަށް ވިދާޅުވާ ވަހަކައަކީ 'މުޅިން ދޮގު ވަހަކައެއް' ކަމަށެވެ.
"ކުރިއަށް އެބަ ދެޔެއްނޫންތޯ. ބައެއް ޖަލްސާތަކުގައި އެހެން ބައެއް ފަހަރު މީގެ ކުރިން ވެސް ވެފައި އެބަހުރި. އެކަމު ޖަލްސާ ކުރިއަށް ދިޔަ އެއް ނޫންތޯ. އަދި އަޅުގަނޑަކަށް ތި ވިދާޅުވާ ސިޓީއެއް ނުލިބޭ. މެންދުރު 12:30 ވަންދެން ބަލައިގެން. ނުލިބޭ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙަކީވެސް 25 އަހަރު މަޖިލީހުގައި ހޭދަކުރެއްވި ބޭފުޅެއްކަމަށާއި މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތް 'ކޮންމެވެސް' މިންވަރަކަށް އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މަޖިލީހުގެ ކަންތައްތައް ހިނގައި ނުހިނގާ ގޮތާ ބެހޭ ގޮތުން ކަންކުރަންވީ ގޮތް. ކަންވާ ގޮތް އަޅުގަނޑަށް އެނގޭ. އެހެންވީމާ އަޅުގަނޑުމެނެއް ގައިމު ވެސް އޭގެ ތެރެއަކަށް ނުވަންނާނަން. އަޅުގަނޑު ގައިމު ވެސް ނުވަންނާނަން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅަމުން ދަނީ ރައީސް ޞާލިޙުގެ ބައިވެރިވެވަޑަގެންނެވުމާ އެކު ކަމަށް ތުހުމަތު ކުރައްވައި، ރައީސް ނަޝީދުވަނީ މިއަދު ރައީސް ޞާލިޙަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ސިޓީގައި ދިވެހި ދައުލަތުގެ ބާރުތައް ރައީސް ޞާލިޙުގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވުމަށް ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވައިފައެވެ. އަދި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށްވެއެވެ.