ޚަބަރު ސިޔާސީ

މާލޭގައި ހުންނަވައިގެން ރައީސް ޞާލިޙް ކުރައްވާ މަސައްކަތަކީ ދެވަނަ ބުރުން ވައްކަންކުރުން: ޝިޔާމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ކެމްޕޭނާ ދުރުން މާލޭގައި އެ ހުންނަވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީގެ ސަބަބުން، ދެވަނަ ބުރުން ވައްކަންކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވުމަށް

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ބ. ކަމަދޫއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، މި އިންތިޚާބުގައި މުޅި ރާއްޖޭގެ ރައްޔިތުންނާއި ހަމައަށް ދިއުމަށް ޕީޕީއެމް/ޕީއެންސީއަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެއްކަމަށާއި އެހެންނަމަވެސް އެ ލިބިވަޑައިގެންނެވި ކުޑަ މަދު ދުވަސްތަކުގެ ތެރޭގައި ހުރިހާ ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވަން މަސައްކަތްކުރައްވާކަމަށެވެ.

އަދި ރައްޔިތުންގެ ހާލު މުއިއްޒު ވަރަށް ގާތުން ބައްލަވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައްޔިތުންގެ ހުރި އުދަނގޫ ގާތުން އެބަ ބައްލަވާ، މިއަދު ހުރިހާ ވަޞީލަތަކާއިއެކު، ދިވެހި ދައުލަތުގެ ހުރިހާ ފައިސާ އެއް ހިއްޕަވައިގެން މި އިބްރާހިމް މުހައްމަދު ޞާލިޙް މިކުރައްވާ ކަމެއް ހަމަ އެއްގޮތަަކަށްވެސް އަޅުގަނޑަކަށް ނޭނގޭ" ޝިޔާމް ވިދާޅުވިއެވެ.

"ބަލިވީމައިވެސް ތަންކޮޅެއް ވަރު ޖައްސާލާފަ އެބަޖެހޭ ނޫންތޯ ދެވަނަ ބުރެއް އޮތްކަން އެނގިގެން ނިކުންނަވަން، ސެޕްޓެމްބަރު 9 އަކުން ފެށިގެން އަދިވެސް މާލޭގައި، އަޅުގަނޑުމެންނަށް މި އެނގުނީ ފަހުން 38 ޕަސެންޓު ލިބުނީމާ ދެން މި ނިންމީ ދެވަނަ ބުރުން ވައްކަންކުރަންކަން" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް މާލޭގައި "ބަނޑަހަޖަހައިގެން" އެ ހުންނަވަނީ މި ނުބައި ނުލަފާ ރޭވުންތައް ރޭވުމުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ވައްކަން ކުރަން ނިންމައިގެން އެ ނުބައި ނުލަފާ ރޭވުންތައް ރޭވުމުގައި އަވަދިނެތި އެހުންނެވީ މާލޭގައި ބަނޑަހަޖަހައިގެން، މިހާރު މިވީ ގޮތަކީ މާރިޔާއަކަށް އިތުބާރު ނުކުރޭ، މިހާރު މިވީ ގޮތަކީ ފައިސާ ފޮށި ހިފައިގެން ހުރި ބޭފުޅާއަށްވެސް އިތުބާރު ނުކުރައްވާ، އަމިއްލަފުޅަށް ހުރިހާ ކަމެއް ކުރައްވަން ހައްދަވައިގެން އެ އުޅުއްވަނީ ރައްޔިތެެއްގެ ހާލު އަހާނުލެވި" ޝިޔާމް ވިދާޅުވިއެވެ.

އަދި ރައީސް ޞާލިޙުގެ އަރިހުގައި ތިއްބެވި ހުރިހާ ބޭފުޅުން މިހާރު އެމަނިކުފާނު ދޫކޮށް ވަޑައިގެންފިކަމަށާއި ކެމްޕޭން ކޮށްދެއްވަން އުޅުނު ބޭފުޅުންވެސް "ގެއަށް ވަދެއްޖެ" ކަމަށް ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ޖަގަހަތައްވެސް މިހާރު ބަންދުކުރަމުންދާކަމަށެވެ.

ހަމައެއާއެކު މި ސަރުކާރުން ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އެތައް ވައުދުތައްވެވަޑައިގެން ކަމަށާއި ނަމަވެސް އެ ވައުދުތައް މަތިން މި ސަރުކާރު ހަނދާން ނައްތާލިކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެވައުދުތައް މަތިން ހަނދާންނެތުނީ، ވަކި ޤައުމެއް ބޭނުންވާގޮތަށް ވެރިކަން ކުރަން މަޖުބޫރުވީ، ކީއްވެގެންތޯ މަޖުބޫރުވީ، ވެރިކަމަށް އައުމަށްޓަކައި މި މީހުން ކުރި ކަމަކީ އިންޑިއާގެ އެހީތެރިކަން ހޯދީ، އިންޑިއާގެ އެހީތެރިކަން ހޯދައިގެން އެމީހުންގެ އަތުން ފައިސާއާއި އެހެނިހެން އެހީތެރިކަން ހޯދައިގެން ވެރިކަމަށް އައީމަ މިޖެހުނު ހާލަކީ އެމީހުން ބުނި ކަންތައްތައް މި މީހުންނަށް އެކަނި ކުރަންޖެހުން" ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމަށް ސަމާލުކަން ނުދެވުނުކަމަށާއި ކުންފުނިތަކާއި ނުބައްދަލުވަރަށް ވަޒީފާތައްވެސް ދޭކަމަށް ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ދައުލަތް އެއްކޮށް ދަރަނިވެރިވެއްޖެކަމަށާއި މިހާރުވެސް ސަރުކާރުން ހުއްޓުމެއްނެތި ފައިސާ ޗާޕުކުރަމުންދާކަމަށެވެ.

މިކަންކަން ހުއްޓުވުމަށް ރައްޔިތުން ވިސްނަނަވަންވީ ކަމަށާއި މުއިއްޒު އަކީ ހަރުދަނާ އަދި ތަރައްޤީގެ ސްޕީޑް އެނގިވަޑައިގަންނަވާ ބޭފުޅެއްކަމަށާއި ރާއްޖެ މިވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކޮށްދެއްވާނީ މުއިއްޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!