ޚަބަރު

ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ، ޑޮލަރުގެ ރޭޓު 15 ރުފިޔާއިން ދަށްކުރުމަށް މަސައްކަތް ފަށާނަން: ރައީސް ޞާލިޙް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ، ފުރަތަމަ އަހަރުގެ ތެރޭގައި ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ވުރެ ކުޑަކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކެންޕެއިންނަށް އައްޑޫއަށް ވަޑައިގެން އެމްޑީޕީގެ ހިތަދޫ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އައްޑޫގެ ބައެއް ވިޔަފާރިވެރިގެ ފަރާތުން ޑޮލަރު ލިބުމުގެ ދަތިކަމުގެ ޝަކުވާ ލިބިފައިވާކަމަށާއި، މިކަމަށް ޙައްލެއް ގެނައުމަށް އެޕާޓީގެ ދެވަނަ ދައުރުގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާނެކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ އިރު، އޭގެ ބޮޑު ބައެއް ޙިއްސާކުރަނީ ޑޮލަރުން ރާއްޖެއަށް ލިބޭ އާމްދަނީކަމަށާއި، 6 ބިލިއަނަށް ވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ރާއްޖެއަށް ލިބޭއިރު ޑޮލަރު ހޯދުމުގައި ދަތިވާންވީ އެއްވެސް ސަބަބެއް އޮންނާކަށް ނުޖެހޭކަމަށެވެ.

"އަޅުގަނޑުމެން މި ދައްކަނީ ރާއްޖޭގެ އިޤްތިޞާދު ދެގުނަ ކުރާ ވާހަކަ. 82 ބިލިއަން ރުފިޔާއިން 170 ބިލިއަން ރުފިޔާއަށް ރާއްޖޭގެ އިޤްތިޞާދު އިތުރުވެގެންދާނެ ވާހަކަ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ޑޮލަރު ހޯދުމަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ބޭނުންވަނީ ރަނގަޅު ސިޔާސަތުތަކެއް ކަމަށާއި، ވެރިކަމާ ޙަވާލުވިފަހުން މި ދައުރުގައިވެސް އެމަސައްކަތް ފަށާފައިވާނެކަމަށެވެ. އެއީ ޑީޑޮލަރައިޒޭޝަން މަސައްކަތްކަމަށާއި، އެއީ ރާއްޖޭގެ އެތެރޭގެ ހުރިހާ ވިޔަފާރި މުޢާމަލާތެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހަމަޖެއްސުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ

"ބޭނުންވާ މީހަކަށް ބޭނުންވާ ވަރަކަށް ރަނގަޅު އަގުގައި ޑޮލަރު ލިބޭނެ އުޞޫލުތަކެއް އަޅުގަނޑުމެންނަށް ޤާއިމްކުރެވެން ޖެހޭ. އަޅުގަނޑުމެންގެ މި ދައުރުގައި އަޅުގަނޑުމެން އެ މަސައްކަތް ފެށިން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ ސަބަބުން ޑޮލަރު ލިބޭ މީހުންވެސް އެ ޑޮލަރު މާރުކުރަން ޖެހޭނީ ދިވެހި ރުފިޔާއިންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެ މީހުން ގަންނަ ހުރިހާ އެއްޗެއް ވެސް، ދޭ މުސާރަ ވެސް ދޭން ޖެހޭނީ ރުފިޔާއިން. ޓެކްސްއެއް ވިޔަސް ދައްކަން ޖެހޭނީ ރުފިޔާއިން. ހުރިހާ އެއްޗެއް ވެސް. އެހެން ކަމަށްވަންޏާ އެ ޑޮލަރު މާރުކުރަން ޖެހޭނެ ސަރުކާރަށް، ބޭންކްތަކަށް، އެމްއެމްއޭއިން ކަނޑައަޅައި އުޞޫލަކުން" ޑޮލަރު ބޭންކުތަކުގައި ހިފެހެއްޓޭނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ޑޮލަރުގެ މައްސަލައަށް ޙައްލު ހޯދުމަށް އޮތް ދެވަނަ ގޮތަކީ ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގައި ހިފެހެއްޓުންކަމަށެވެ.

އެގޮތުން ރާއްޖެއަށް ލިބޭ ޑޮލަރުގެ 30 އިންސައްތަ ނަމަވެސް ރާއްޖޭގައި ވަކި މުއްދަތަކަށް ބަހައްޓައިފިނަމަ، ބޭރުގެ އިންވެސްޓަރުން އިންވެސްޓުކުރުމަށް އެ ފައިސާ ރާއްޖެއިން ބޭރަށް ގެންދަން ބޭނުންވާ ވަގުތު، އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން އޮންނާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަންކުރުމަށް އެއްބަސްވުމަކާ ހަމައަށްވެސް އާދެވުނުކަމަށާއި، ބޭނުންވަނީ ޤާނޫނީ ގޮތުން ވިޔަފާރިވެރިންނަށް އެ ޔަގީންކަން ހޯދައިދިނުންކަމަށެވެ.

އެ ޔަގީންކަން ދެވި، 30 އިންސައްތައިގައި ރާއްޖޭގައި ޑޮލަރު ހިފެހެއްޓިއްޖެނަމަ، ޑޮލަރުގެ ރޭޓު 15 ރުފިޔާއިން ދަށްވާނެކަން ޔަގީންކުރައްވާކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ރާއްޖެއަށް މި ވަންނަ ޑޮލަރުގެ 30 ޕަސެންޓް ރާއްޖޭގައި ހިފެހެއްޓުނުކަމަށްވީ ނަމަވެސް ޑޮލަރުގެ ރޭޓް 15 ރުފިޔާއަށްވުރެ ތިރިއަށް ގެންދެވޭނެކަމީ ހަމަ ޔަގީންކަމެއް"

ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ މި ދެގޮތުންކުރެ ކޮންމެސް އެއްގޮތެއް އެއް އަހަރުގެ ތެރޭގައި ތަންފީޒުކުރަން ފައްޓަވައި، ޑޮލަރުގެ އަގު ބޮޑުވުމުގެ މައްސަލައާއި ޑޮލަރު ލިބުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ޑޮލަރު ނެގުމުގެ ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ، އެސިޓީގެ ވިޔަފާރިވެރިން ކުރައްވާފައިވާތީ، ރައީސް ޞާލިޙް ވަނީ އައްޑޫގައި ޑޮލަރު އޭޓީއެމް އެއް ޤާއިމް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބީއެމްއެލްއާއެކީގައި މަޝްވަރާކޮށް އައްޑޫ ސިޓީން ޑޮލަރު ނެގޭނެ އިންތިޒާމް އޭޓީއެމެއްގެ ތެރެއިންް އެ ޚިދުމަތް ލިބޭނެ ގޮތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދިނުމަށް ބޭންކާއެކީ މަސައްކަތްކުރާނަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ަގިނާ

    ސޯ ވޭތުވެދިޔަ ފަސްއަހަރު ގަސްތުގަ މަސައްކަތްނުކުރީތާ؟