ޚަބަރު ސިޔާސީ

ރިއަލިސްޓިކް ޕްލޭނަކާއެކު ވޯލްޑް ކަޕަށް ދިވެހިންނަށް ދެވޭނެގޮތް ހަދައިދޭނަން: ޑރ. މުޢިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިއަލިސްޓިކް އަދި ފުރިހަމަ ޕްލޭނަކާއިއެކު ދިވެހިރާއްޖޭގެ ފުޓްބޯޅަ ޓީމް ވޯލްޑް ކަޕަށް ދިޔުމަށް، ދިވެހިން ދެކޭ ހުވަފެން ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ޕްރޮގްރާމެއްގައި، މުއިއްޒުގެ ވެރިކަމެއްގައި ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް އެފްއޭއެމްއަށް އެހީތެރިވާނަންތޯ ބޭފުޅަކު ސުވާލުކުރައްވާފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ފުޓްބޯޅައަކީ ދިވެހި އެންމެން ހިތްހަމަޖެހޭ ބަލާހިތްވާ އަދި ކުޅޭހިތްވާވެސް ކުޅިވަރެއްކަމަށާއި ފުޓްބޯޅަވެފައިވަނީ ހަމަ ޤައުމީ ކުޅިވަރަކަށްކަމަށެވެ.

ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް ޤައުމަށް އެ ރީތި ނަން އަލުން ގެނެވޭގޮތް ހައްދަވައިދެއްވާނެކަމަށާއި ފުޓްބޯޅައަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭ ކުޅިވަރަކަށްވެސް ހައްދަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިހާރު މިވާގޮތަކީ ކޮންމެވެސް ވަރަކަށް ކުރި އަރާފާނެ، ތައްޓެއް ލިބުނީ، ދެން އަނެއްކާ އަޑިއަށް، އަނެއްކާވެސް އެތައް އަހަރެއް ފަހުން މައްޗަށް އަރާ ތައްޓެއް ލިބުނީ، އަޑިއަށް، އެޔެއްނޫން އެކަން ވާންޖެހޭ ގޮތަކީ" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ބައިވަރު އެކަޑަމީތައް ހަދާތަން ފެނިވަޑައިގަންނަވާއިރު އެކަމާއިމެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އެ އެކަޑަމީތަކަށްވެސް ދޭންޖެހޭ ސަޕޯޓު ސަރުކާރުން ދެއްވާނެކަމަށެވެ. އަދި އެ އެހީތެރިކަން ދީގެން ފުޓްބޯޅަ ކުޅޭ ކުދިންގެ ހުނަރު އިތުރަށް ވަރުގަދަކޮށް އިތުރު ސްޓޭޖްތަކަށް އެކުދިންނަށް ދެވޭނެގޮތް ހަމަޖައްސަވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކުރީގަ ލިބުނު ރީތި ނަން، އިންޓަނޭޝަނަލް މައިދާނުގައި ލިބި އަދި ދަމުން ގޮސް އިރާދުކުރެއްވިއްޔާ ހަމަ އަޅުގަނޑުމެން ރަނގަޅު ޕްލޭނެއް ހަދައިގެން، ރިއަލިސްޓިކް ޕްލޭނެއް ހަދައިގެން އިރާދަކުރެއްވިއްޔާ ހަމަ ވޯލްޑް ކަޕް އާ ހަމައަށްވެސް ދިއުން އަޅުގަނޑުމެން އެންމެންވެސް ދެކެން ބޭނުންވާނެ" މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު އެކަން ކުރުމަށް ފުޓްބޯޅައިގައި އަމަލީ ގޮތުން އުޅުއްވާ ހުރިހާ ބޭފުޅުންނެއްގެ ބައިވެރިވުން ހޯއްދަވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމާ އެހިސާބަށް ދެވޭނެ ދެމެހެއްޓެނިވި ގޮތެއްގައި އިރާދުކުރެއްވިއްޔާ ފުޓްބޯޅައިގެ މީހުންގެ ލަފަޔާއެކީގައި، ފުޓްބޯޅަ ކުޅެފަ ތިބި މީހުން، ކުޅެމުންދާ މީހުން، ފުޓްބޯޅައިގެ މެނޭޖްމަންޓުގައި އުޅެމުންދާ މީހުން. އެހެންވީމާ ފުޓްބޯޅައިގެ އަހުލިވެރިންގެ އެހީތެރިކަމާއި ލަފަޔާއި އެކީގައި ފުޓްބޯޅައިގެ އަހުލުވެރިންގެ ފުރިހަމަ ބައިވެރިވުމާއި ލީޑްކުރުމާއި" މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ ބޭފުޅުންނާއި އެކީގައި އެކަން އިރާދަކުރެއްވިއްޔާ ރާއްޖޭގައި ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by HDC
  1. ކެކެކެކެކެ