ޚަބަރު ސަރުކާރު

ޓްރާންސިޝަނަލް ކޮމިޓީގެ މަސައްކަތްތައް މާދަމާއަށް ނިންމާލެވޭތޯ ބަލަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ޓްރާންސިޝަނަލް ކޮމިޓީގެ މަސައްކަތްތައް މާދަމާގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރައްވާކަމަށް ޑިރެކްޓަރ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެކޮމިޓީން މިހާތަނަށް އެކި އިދާރާތަކަށް ޒިޔާރަތްކޮށް ގިނަ މަޢުލުމާތުތަކެއް ހޯދާފައިވާކަމަށާއި އެ މަޢުލޫމާތުތަކުގެ އަލީގައި ރިޕޯޓެއް އެކުލަވާލައްވާނެކަމަށެވެ. އަދި އެ ރިޕޯޓުން ދައުލަތުގެ މިހާރުގެ ހާލަތު ބަޔާންވާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ

ސަރުކާރު ބަދަލުވުމުގެ މަރުހަލާއަށް އުފެއްދި ޓްރާންސިޝަނަލް ކޮމިޓީގެ ދަށުން 15 ޓީމު މަސައްކަތްކުރަމުންދާއިރު އޭގެތެރެއިން 7 ޓީމަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޢުލޫމާތު އެއްކުރުމަށް ހަމެޖެހިފައިވެއެވެ. އަދި 8 ޓީމަކުން ސަރުކާރުގެ އެހެނިހެން މުވައްސަސާތަކުން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ.

މި ޓީމުތަކުގެ މަސައްކަތްތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މުޅި ކޮމިޓީގެ ހުރިހާ މަސައްކަތެއް ނިންމުމަށް އަމާޒުހިފީ މިމަހުގެ 15 އަށްކަމަށާއި، ނަމަވެސް އެ މުއްދަތަށް މަސައްކަތްތައް ނުނިމުމުން، މާދަމާއަށް އެ މަސައްކަތް ނިންމުމަށް އަމާޒުހިފާފަިވާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ކަނޑައެޅި ތާރީޚަށް އެ މަސައްކަތްތައް ނުނިމުނީ، ބައެއް އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން އެ މަސައްކަތްތަކަށް ނުލިބިގެންކަމަށެވެ. އަދި އައު ސަރުކާރެއް ފެށުމުގެ ކުރިން ދައުލަތުގެ ހާލަތު ވަޒަން ކުރުމަށް ހޯދަންޖެހޭ މައުލޫމާތު ހޯދުމަކީ ބުރަކަމެއްގެ ގޮތުގައި އެބޭފުޅާ ފާހަގަކުރެއްވިއެވެ.

"ހިތާމައާއެކީ ފާހަގަކޮށްލަަން ޖެހޭ ބައެއް އިދާރާތަކުން އެކަށީގެންވާ ގޮތުގައި އެއްބާރުލުމެއް ނުލިބޭ. އަދި ހޯދަން އެދޭ މައުލޫމާތު ފޯރުކޮށް ދިނުމުގައިވެސް ލަސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!