ޚަބަރު ސިޔާސީ

ރައީސް ޔާމީން އުފައްދަވާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒޭން

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް މުވައްސިސެއްގެ ގޮތުގައި ދަރިކަލުން ޒޭންގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.

Ads by STELCO

އެ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ވަނީ ފޯމު ހުށަހަޅާފައެވެ. އެ ޕާޓީގެ މުއްސިސުންގެ ގޮތުގައި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން، ރައީސް ޔާމީން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު، ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ، އަދްލީ އިސްމާއިލް، ޑރ. އަބްދުﷲ ޖިހާދު އަދި އަލީ އާދަމްގެ ނަން ވަނީ ހިމަނާފައެވެ.

ނަމަވެސް ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެނީ އެންމެ ބޭފުޅަކަށް ކަމުން މަޝްވަރާ ކުރުމަށް ފަހު ނިންމެވީ ޕާޓީގެ މުއައްސިސްކަން ދަރިކަލުން ޒޭނަށް ދިނުމަށެވެ.

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ކަމަށް އިއުލާން ކުރެއްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވުމާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!