ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދަނީ ދަޢުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށް: ރައީސް މުޢިއްޒު
ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދަނީ ދިވެހި ދަޢުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަރުބާރުގޭގައި މިރޭ ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް އަދި ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ސިޔާސަތުކަމަށެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ އެންމެ ގިނަ ބަޔަކު ޙިއްޞާކުރެއްވި ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢެއް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާތެރޭގައި ފަށްޓަވަން ނިންމެވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ކަމަށާއި އެމަޝްރޫއު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
އަދި މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ އެކި މަޝްރޫޢުތަކުން މުޅި ރާއްޖެއަށް ގެދޮރުވެރިކަމުގެ މައްސަލަ ދާއިމަށް ހައްލުގެނެސް ދެއްވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެންކަމަށެވެ. އެގޮތުން އެމަނިކުފާނުވެސް ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ރަށަކަށް، ދައުލަތުގެ ވަޒީރުބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރީން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ދިވެހި ކޮންމެ ރައްޔިތަކަށް ސުވާލުކުރެވޭ ގޮތަށް، އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާލޭގެ ތަރައްޤީއަށް ކުރިއަށްހުރި މުހިންމު ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުވާލެއްވިއެވެ.
ބިސްމާލެ ހަދަނި މުއިޒު އަމިއްލަ ފައިސާއިން ދައުލަތުން ބޮޑުލާރަިއެއްވެސްނުދޭ