ކުޅިވަރަށް ޚާއްސަ މަލްޓިސްޓޯރީ ދެ އިމާރާތަށް ހުޅުމާލެ އިން ބިން ހަަމަޖައްސައިފި
ކުޅިވަރަށް ޚާއްސަ މަލްޓިސްޓޯރީ ދެ އިމާރާތަށް ހުޅުމާލެއިން ބިން ހަމަޖައްސައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ތަފާތު އެކި ކުޅިވަރުތައް ކުޅޭ ދިވެހި ހުނަރުވެރި ގިނަ އެތުލީޓުން މިއަދު ތިބީ މާޔޫސްވެފައި ކަމަށާއި ކުޅުންތެރީންނަށް އިތުރު ތަމްރީނާ، އާމްދަނީގެ މަގުތައް ވެސް ހުރީ ބަންދުވެފައި ކަމަށެވެ.
މިއީ ހިތާމަ ހުރި ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި އަހަރު ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާ ހަރަކާތްތެރިކަން އަންނާނޭ މަގުތައް ފަހިކޮށްދޭނެ ކަމަށެވެ.
އެގޮތުން ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާ ކުޅުންތެރީން ތަމްރީނު ކުރުން ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން ފަށައިގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ބިމުގެ ޖާގައަށް ބަލާއިރު، ފަންގިފިލާތަކަށް މަތިމައްޗަށް ހެދިފައިވާ ކުޅިވަރުކުޅޭ ތަންތަން ގާއިމް ކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ "ފުޓްސަލް ކޮމްޕްލެކްސް" އަދި "ނެޓްބޯޅަ ކޮމްޕްލެކްސް"އެއް އެޅުމަށް ހުޅުމާލެއިން 2 ބިން މިހާރު ވަނީ ކަނޑައެޅިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ބޮޑެތި ކްލަބްތައް މާލީ އަނދަވަޅުތަކުން ސަލާމަތްކޮށް، ކުރިއަރާނެ ގޮތްތައް ފަހިކުރަން އެބަޖެހޭ ކަމަށާއި ކުޅުންތެރީންނަށް ތަމްރީނާ އާމްދަނީގެ ފުރުޞަތު އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހުރިހާ ކަމެއްގައި ވެސް ދިވެހި ހުރިހާ އެތުލީޓުންނާ ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކުޅިވަރާއި ހަށިހެޔޮކަމުގެ މުހިންމު ކަމަށް ބަލައި މި ސަރުކާރުން އެ ކަމަށް ޚާއްސަ ވަކި ވުޒާރާއެއް ގާއިމްކޮށްފައިވާކަން ފާހަގަކުރައްވާ މި ވުޒާރާގެ ދަށުން މި ދާއިރާއަށް ބޭނުންވާ ކަންކަން ހޯދައި އެކަންކަމަށް އެދެވިގެންވާ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ގައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ "ހައި ޕާރފޯމަންސް ސެންޓަރ"ގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ދިވެހި ޒުވާނުންގެ ޝައުޤު އިތުރުވަމުންދާ، ރޭސިންގ، ސާރފިންގ، މޫދުކުޅިވަރު، އީ-ގޭމިން ފަދަ ކަންކަން ރާއްޖޭގައި ކުރިއަރުވަން ސަރުކާރުން މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.