ޝަހީމް، ހައިދަރު އަދި އުޝާމަށް ރުހުން ހޯދަން އަނެއްކާވެސް މަޖިލީހަށް
![](https://dhen.mv/wp-content/uploads/2024/02/ED3BC556-AE27-49F4-91F6-030805DE66DC-850x548.jpeg)
ރައްޔިތުން މަޖިލީހުން ރުހުން ނުދިނުމުން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަލުން ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އަލުން ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރަކަށް ޑރ. އަލީ ހައިދަރު އަހުމަދާއި ބަންޑާރަ ނައިބު ކަމަށް އަލްއުސްތާޛު އަހުމަދު އުޝާމްއެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ފުރަތަމަ ހުށަހެޅުއްވުމުން މި ތިން ބޭފުޅުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެންބަރުން ވަނީ ވޯޓު ދީފައެވެ.
މަޖިލީހުން ރުހުން ނުދޭން ފާސްކުރި ނަމަވެސް ރައީސް މުއިއްޒު އަލުން އެ ބޭފުޅުން ކުރިން ތިއްބެވި މަގާމުތަކަށް އައްޔަން ކުރެއްވުމުން އިދިކޮޅު އެމްޑީޕީން ދަނީ، އެކަމަކީ މަޖިލީހުގެ އަގުވައްޓައިލުމަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ ފާޑު ކިޔަމުންނެވެ.