ޚަބަރު ސިޔާސީ

އެމްޑީޕީގެ ރައީސްކަމުގެ ޒިންމާއާ މި ހަވާލުވީ އާބާރެއްގައި ޕާޓީ ކުރިއަށް ގެންދިޔުމަށް އަޒުމް ކަނޑައަޅައިގެން: ޝާހިދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ރައީސްކަމުގެ ޒިންމާއާ ހަވާލު މިވީ ޕާޓީގެ މެންބަރުންގެ ފުރިހަމަ އިތުބާރާއެކު އާބާރެއްގައި އެމްޑީޕީ ކުރިއަށް ގެންދަން ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝާހިދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދު މެންދުރު 2:00 އަށް ހަމަވި އިރު، އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވުމުން އިންތިހާބަކާ ނުލައި، އޭނާއަށް ރައީސްކަން ލިބުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެ، ޕާޓީގެ ހުރިހާ މެންބަރުންގެ އިތުބާރާއެކު، އާ އަޒުމަކާއެކު، މި ޕާޓީ ކުރިއަށް ގެންދިއުމަށް އަޒުމް ކަނޑައަޅާ ކަމަށެވެ. އަދި މާތް الله ގެ އިރާދަފުޅާއެކު އެމްޑީޕީން މި ޤައުމާއި ރައްޔިތުންގެ އުއްމީދުތައް ފުއްދައިދޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމް ހުސްވީ އެޕާޓީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ލީޑާޝިޕާއި މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާއި ގުޅިގެންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ހަރަކާތްތަކުގައި ހިދުމަތް ކުރައްވާފައިވާ ޝާހިދު، އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުނު ފަހުންނެވެ. އެއީ 2013ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!