އެންޓި-ޑިފެކްޝަން ބިލަކީ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާކޮށް, ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު މިއަދު ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި މެމްބަރުގެން ތެރެއިން 33 މެމްބަރުންގެ ވޯޓާއެކުއެވެ.
އެކަމާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެެއް ކަމަށެވެ.
އަދި ރައްޔިތުން އިންތިހާބުކުރާ މަންދޫބުން، އެ އިންތިހާބުކުރި ޕާޓީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ލިބި، ބަދަލުކޮށްފިނަމަ އެ ރައްޔިތުންނަށް އެކަމުގައި އިތުރަށް ބަސްބުނެވޭނެ ކަމުގެ ޔަގީންކަން ލިބުމަކީ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން ލަސްނުކުރައްވާ އެ ބިލް ތަސްދީގު ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެދިވަޑައިގެންފައެވެ
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުاللهއެވެ.
އަހުމަދު ހުށައެޅުއްވި ބިލުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައި ވިޔަސް އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މާއްދާގައި ބަޔާން ކުރުމެވެ. އެގޮތުން އިސްތިއުފާ ދޭންޖެހޭނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފައެވެ.
އެ ތިން ހާލަތަކީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުން, އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުން އަދި އަމިއްލަގޮތުން އިންތިޚާބުވެފައި ޕާޓީއަކަށް ސޮއިކުރުމެވެ.
ބިލުގައިވާގޮތުން ރިކޯލް ވޯޓެއް ނަގައި ހާލަތެއްގައި ޕާޓީ ބަދަލުކުރި މެންބަރަކު އެ ވޯޓު ކާމިޔާބުކޮށްފިނަމަ ޕާޓީ ބަދަލުކުރުމުގެ ހައްގު ލިބޭނެއެވެ. އަދި ރިކޯލް ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އެ މެންބަރެއްގެ މަގާމު ގެއްލޭނެއެވެ.