ސަރުކާރު ގެއްލިގެން ލިބުނު ތަދުން އެމްޑީޕީއަށް ކުރެވޭހާވެސް ކަމަކީ އެންޓި ކެމްޕޭނުކުރުން: ޕީއެންސީ
ސަރުކާރު ގެއްލިގެން ލިބުނު ''ތަދުން'' ކުރިއަށް އޮތް ރައްްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު އެމްޑީޕީއަށް ކުރެވޭހާވެސް ކަމަކީ އެންޓި ކެމްޕޭނުކުރުން ކަމަށް ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އިން މިއަދު ބުނެފިއެވެ.
މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ސިލްސިލާކޮށް ދަނީ ޕްރެސް ބްރީފިންތަކެއް ބާއްވަމުންނެވެ.
މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީ/ޕީޕީއެމް ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭނު ކުރިއަށްދަނީ އެއްވެސް އަމާޒެއް ނެތި ކަމަށެވެ. ''އެނބުރެމުން ސެނބުރެމުން ވަހުތާނެއް ކަހަލަ ގޮތަށް އެ ބޭފުޅުންގެ ކެމްޕޭނު ދާތީވެ ވަރަށް ބޮޑަށް ކަންބޮޑުވޭ'' އެމްޑީޕީގެ ކެމްޕޭނު ސިފަކުރައްވަމުން ހީނާ ވިދާޅުވިއެވެ.
އެމްޑީޕީން މާލޭ މަގުމަތީގައި ދަމާފައިވާ ބެނާތަކަށް އިޝާރާތްކުރައްވާ އެންސްޕާގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހީނާ ވިދާޅުވީ އެ ބެނާތަކުންވެސް ފެންނަނީ އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ޝުއޫރުތައް ކަމަށެވެ. ވިދާޅުވީ މިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީއަށް ދެވަނަ ދައުރަކަށް ނުހޮވުމުގެ ''ރިހުމުން'' އަރައިނުގަނެވޭ ކަމަށެވެ.
ވެރިކަން ބަދަލުވީމަ، ލިބުނު އެއްޗެއް ގެއްލުނީމަ އެ ވީ ތަދުން އެ ރިހުމުގައި އެންޓި ކެމްޕެއިން ކުރަމުންދާތަން ހަގީގަތުގައި އަަޅުގަނޑުމެންނަށް ފެންނަނީ އެ ނޫން އެހެން އެއްޗެއް އަޅުގަނޑުމެންނަށް ނުފެނޭ
ހީނާ ވަނީ އެމްޑީޕީން ބެނާތަކާއި އެންޓިކެމްޕެއިން ޕޯސްޓަރުތައް އިލެކްޝަން ކޮމިޝަނަށް ނުފެންނަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ބަސްމަގު ހުންނަ ގޮތާއިި މެދުވެސް ހީނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވިދާޅުވިީ ފައްޔާޒުގެ ބަސް މަގު ހުންނަވަނީ ސިޔާސީ ޕާޓީއެއްގެ އިސް ލީޑަރަކު ވާހަކަދައްކަވަން ޖެހޭ ފަދަ މޭރުކަމުން ނޫން ކަމަށެވެ.
''އެ ކަހަލަ މޭރުމަކުން ވާހަކަ ދައްކަވާތަން ފެންނަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ހައްދު ފަހަނައަޅާފައި ހުންނަ ޖަމާއަތްތަކުން'' ހީނާ ވިދާޅުވިއެވެ.
އެމްޑީޕީން މަޖިލީސް އިންތިހާބަށް ގެންގުޅޭ ޝިޔާރު ''މިސްރާބު ހަމަ މަގަށް'' އިޝާރާތް ކުރައްވާ ހީނާ ވިދާޅުވީ އަމިއްލަ ޕާޓީ ތެރޭގެ މިސްރާބު ގޯސްކޮށްދާއިރު ގައުމުގެ މިސްރާބު ރަނގަޅު ކުރެވޭނީ ކިހިނެއްތޯ ކަމަށެވެ.
އެއަށް ފަހު ކިޔަދިދެއްވީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީން ހިންގާފައިވާ ކަންތައްތަކެވެ. ވެރިކަމުގައި ތިބެގެން ގައުމުގެ ހަރުމުދާ ވިއްކާލައި މިނިވަންކަންވެސް ބަޔަަކަށް ދިނީ ކަމަށް ހީނާ ވިދާޅުވިއެވެ. ފަސް އަހަރު ނިމިގެންދިޔައީވެސް މާބޮޑު ކަންތައްތަކެއް ނުކުރެވި ކަމަށް ވިދާޅުވިއެވެ.