އަންހެނުންގެ ހައްގުގައި އަޑު އުފުލާނެ ދުލެއް ނެތް، ދައުލަތްވެސް ނުކުޅެދިފައި: އަލައިކާ
ދައުލަތުގެ ތިން ބާރުގައި ބަސް ބުނުމާއި ގޮތް ނިންމުމުގެ ފަށަލައިގާ އަންހެނުން ބައިވެރިކުރުމަށް ދައުލަތް އޮތީ ނުކުޅެދިފައި ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ނައިބް ރައީސް އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލީސް އިންތިހާބުގައިި ހޮވުނު އަންހެން މެންބަރުން މަދުވުމާއެކު، އަންހެނުންނަށް ވަކި ކޯޓަށް އެއް ކަނޑައަޅަން ޖެހޭ ކަމުގެ ވިސްނުން ސޯޝަލް މީޑިއާގައި ވަނީ ކުރިއަށް ނެރެފައެވެ. 20 ވަނަ މަޖިލީހަށް އިންތިހާބުވީ އަންހެން ތިން މެންބަރުންވެ. ނިލަންދޫ ދާއިރާއަށް އިންތިހާބުވި ފާތިމަދު ސައުދާ އަދި މާފަންނު މެދު ދާއިރާއަށް އިންތިހާބުވި އަސްމާ ރަޝީދުގެ އިތުރުން ހުރާ ދާއިރާއަށް އިންތިހާބުވި ޑރ އަނާރާ ނައީމްއެވެ.
މަޖިލީހުގައި އަންހެނުންގެ ހައްގު ގައި ވަކާލާތު ކުރުމުގެ ފުރުސަތު ކޮންމެ ފަހަރަކުވެސް މަދު މެންބަރުންތަކަށް ލިބޭއިރު މި އިންތިހާބަށް ފަހު އަނެއްކާވެސް އެކަމުގެ ބަހުސް ވަނީ ކުރެވެން ފަށާފައެވެ. އެ ބަހުސްގެ ތެރެއަށް ވަދެ، އިންތިހާބުގައި މައްޗަންގޮޅި މެދަށް ވާދަކުރި އަލައިކާ ވިދާޅުވީ އަންހެނުންނަށް އަދި ފިރިހެނުންނަށް ވެސް ވަކި ވަކި ގޮނޑިތަކެއް ދިނުމަށްވުރެ އޭނާގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ގޮތް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުން އިންތިހާ ދަރަޖައަށް ކުޑަވެފައި އޮތުން ކަމަށެވެ.
އެހެންވެ އަލައިކާ ސިފަކުރި ގޮތުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްސަލަތަކުގެ އަޑު އުފުލާނެ ބަޔަކު ނެތެވެ. އެ ހުރިހާ ކަމެއްގައި ވަށައިގެން ހިނގާ ކަންތައްތަކަށް ބަލާއިރު ސިޔާސީ މަގާމުތަކުގައިވެސް އައްޔަން ކުރެވޭ އަންހެނުންގެ ނިސްބަތްވެސް މަދު ކަމަށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޕޮލިސީ ޑައިރެކްޓަރުކަން ކުރި އަލައިކާ ވިދާޅުވިއެވެ.
''އެހެން އޮތުމުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މައްސަލަތަކުގެ އަޑު އުފުލާނެ ދުލެއް ނެތުން. އަދި އެފަދަ މައްސަލަތަކުގެ ހައްލު ނެރުމުގައި ދައުލަތް ނުކެޅުދިފަައިވުން. ދައުލަތް ހިންގުމުގެ ފަށަލާގަ ތިބެނީ ހަމައެކަނި ވޯޓުން ހޮވިފަ ތިބި މީހުނެއް ނޫން. އައްޔަންކުރެވޭ މަގާމުތަކުގައި ވެސް އަންހެނުންނަށް ފުރުސަތު ނުދޭ'' އަލައިކާ ބުންޏެވެ.
އެ ވާހަކަތަކަށް ބާރު ދޭން އަލައިކާ މިސާލު ޖެހީ މި ސަރުކާރުގެ ކެބިނެޓުންނެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ތަމްސީލުކުރަނީ އަންހެން އެންމެ ތިން މިނިސްޓަރުންނެވެ. ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓަރު ޑރ އައިޝަތު ޝިހާމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މަރިޔަމް މާރިޔާގެ އިތުރުން އެގްރިކަލްޗާ އެންޑް ވެލްފެއާ މިނިސްޓަރު ޑރ އައިޝަތު ރަމްލާއެވެ.
އަލައިގެ ދެކޭ ގޮތުގައި އަމިއްލައަށް މަސައްކަތްކޮށްގެން ކިޔަވައިގެން ތަޖުރިބާއާ އެކު ކަންކަމާ ކުރިމަތިލާ އަންހެނުން އަދަދު ގިނަ ނަމަވެސް ދައުލަތް ހިންގުމުގެ ހުރިހާ ބާރެއްގައި އަންހެނުންގެ ދައުރު އިންތިހާ ދަރަޖައަށް ކުޑަވުމަކީ އަންހެނުންގެ މައްސަލައެއް ނޫނެވެ.
''ފަނޑިޔާރުންނާއި ގާޒީން އަދި މިނިސްޓަރުންނަކީ އައްޔަންކުރާ ބައެއް. ކުންފުނިތަކުގެ ވެރިންނާއި މަދުރާސާތަކުގެ ޕްރިންސިޕަލުންނަކީވީ އެޕޮއިންޓް ކުރާ ބައެއް. ވޯޓަކުން ހޮވާ ބައެއް ނޫން. މިނިވަން މުއައްސަސާތަކުގެ ވެރިންނަކީ ވެސް އައްޔަނުކުރާ ބައެއް'' ވިދާޅުވިއެވެ.
ކޮންމެހާލަތެއް އޮތަސް އަންހުންނަށް ކުރިމަތިވާ މައްސަލަތައް އެޑްރެސްކޮށް ވަކާލާތުކޮށް އެކަންކަމަށް ހައްލެއް ނެރުމުގައި އަންހެނުންގެ ބައިވެރިވުން އޮންނަންޖެހޭ ކަމަށް ވިދާޅުވެ އަލައިކާގެ ވަކާލާތު ކުރުން ކުރިއަށް ނެރުނެވެ.
މަގާމެއް ބޭނުންތަ