ބަޖެޓްކޮށްފައި ހުރި ގޮތުން ޕްރޮޖެކްޓްތައް ހިންގަން ވަރަށް ދަތި: ރާފިއު
ދައުލަތުގެ ބަޖެޓްކޮށްފައި ހުރި ގޮތުން ޕްރޮޖެކްޓްތައް ހިންގަން ވަރަށް ދަތި ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރާފިއު ވިދާޅުވީ މިދިޔަ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރާ ބެހޭ ގޮތުން ފަށާފައިވާ އެެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެ ކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓްތައް ހުރީ ނިމެން ވަރަށް ކައިރިވެފައި ކަމަށާއި ނުފެށި ހުރި ޕްރޮޖެކްޓްތައް ފެށިފައިާ ކަމަށް ވިދާޅުވިއެވެ.
މަސައްކަތްތައް ލަސްވާ ސަބަބެއްގެ ގޮތުގައި ރާފިއު ފާހަގަކުރެއްވީ ބަޖެޓުން ތަންނުދޭތީވެއެވެ. ޕްރޮޖެކްޓުތައް ހަވާލު ކުރާއިރު، ބަޖެޓްގައި އެކަމަށް ހަމަޖެހިފައި ވަނީ ވަރަށް ކުޑަ އަދަދެއް ކަމަށާއި މަސައްކަތުގެ އެޑްވާންސަށް ދޭ ފައިސާ ދެއްކުމަށްފަހު ދެވަނަ ޕޭމަންޓް ދައްކަން ބަލާއިރު ބަޖެޓްގައި އެކަމަށް ތަން ނުދޭ ކަމަށް ރާފިއު ވިދާޅުވިއެވެ.
"އެބަހުރި އިނގޭތޯ ދެ މިލިއަން ތިން މިލިއަން ޕްރޮޖެކްޓަށް ދެލައްކަ ތިންލައްކަ ވަރަކަށް ރުފިޔާ ބަޖެޓުގައި ހިމެނިފައި. އެހެންވީމަ އެ ދެވަނަ ފަހަރަށް ޕޭމެންޓް އަކަށް ދާއިރުގައި. އަޅުގަނޑުމެންނަށް ކުރިއަށް ގެންދިއުމަށް ދަތިވޭ" މިނިސްޓަރު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ މަސައްކަތަށް ބޭނުންވާ ތަކެތި ގެންނަން ހަވާލުވާ ކުންފުނިން އޯޑަރުކޮށްގެން ގަންނަން ނަގާ ވަގުތު ދިގުލައިގެންދާތީ ވެސް ޕްރޮޖެކްޓުތައް ކުރިޔަށްގެންދަން ލަސްވާ ކަމަށެވެ.