ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުފެށުނު
![](https://dhen.mv/wp-content/uploads/2024/02/88wpBNV1AntZVBoifyS7p2wDguK6rXZMhiXpfhU7-850x548.jpeg)
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން ޖަލްސާ ފެށުން ފަސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ 10:00 ޖެހުމާ ހަމައަށް ފަސްކޮށްފައިވާ ކަމަށާއި ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވަދެ ބޭރުގައި އެބަ ތިބި ކަމަށެވެ.
“މިއަދުގެ ޖަލްސާގެ ކޯރަމް އަދިވެސް އަޅުގަނޑުމެންނަށް ނުލިބިފަ މިވަނީ. ބައެއް އިއްޒަތްތެރި މެންބަރުން ބޭރުގައި އެބަ ތިއްބެވި ކަމަށްވޭ” އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ 10 ޖެހުމާ ހަމައަށް ބެލުމަށްފަހު ކޯރަމް ހަމަނުވާ ނަމަ ޖަލްސާ ނިންމާލާނެ ކަމަށެވެ.
މިހާރު މި ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ މިމަހުގެ މަހުގެ 13ވަނަ ދުވަހު އެވެ. މިހާރު އިންތިހާބުވެފައިވާ 20 ވަނަ މަޖިލީހުގެ އިންތިހާބީ މެންބަރުން ހުވާ ކުރުން ވެސް މި މަސް ތެރޭގައި އޮންނާނެ އެވެ. އައު މަޖިލިސް ހުވާ ކުރުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
މިދިޔަ މަހު ބޭއްވި ވިހިވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން އެކަނި މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި އެ އިންތިހާބުގައި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ހޯދި ހަތަރު ގޮނޑިއާއެކު ޖުމްލަ 70 ގޮނޑި ސަރުކާރަށް ވަނީ ލިބިފަ އެވެ.
ވިހިވަނަ މަޖިލީހުގައި 93 މެންބަރުން ތިބޭއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް މިފަހަރު ލިބުނީ އެންމެ 12 ގޮނޑި އެވެ.