ޚަބަރު ސިޔާސީ

އެމްޑީޕީ ޕީޖީ ލީޑަރު އިންތިހާބު ކުރަން މިމަހު 28 ގައި ވޯޓު ލަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ އެކި މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރަން މިމަހުގެ 28 ވަނަ ދުވަހު ވޯޓު ލާން އެޕާޓީން ނިންމައިފި އެވެ.

Ads by Hajj Corporation

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އެމްޑީޕީ މެމްބަރުންގެ ދައުރު ހަމަވުމާއިއެކު އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ މަގާމުތައް ވަނީ ހުސްވެފަ އެވެ. އާ އިންތިހާބުގައި ވާދަކުރާނީ 20 ވަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުންނެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހު 28 ވާ އަންގާރަ ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރާނީ 8 މަގާމަކަށް ކަމަށެވެ. އެއީ ޕީޖީ ލީޑަރު، ނައިބު ދެ ލީޑަރުން، ސެކެޓްރީ ޖެނެރަލް، ސެކެޓްރީ ޖެނެރަލްގެ ނައިބު، ޗީފް ވިޕް އަދި ދެ ވިޕުންނެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހު 27 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ އެމްޑީޕީގެ 12 މެމްބަރުންނެވެ. އެ ޕާޓީ ވެގެންދާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓިއަށެވެ.

19 ވަނަ މަޖިލީހުގައި ޕީޖީ ލީޑަރުކަން ދެ ބޭފުޅަކު ކުރެއްވި އެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ބިގޭ އެމަގާމަށް އިންތިހާބުވީ މަޖިލީހުގެ ރައީސްކަމާއި އަސްލަމް ހަވާލުވެވަޑައިގެންނެވުމުންނެވެ. މި ފަހަރުގެ މަޖިލީހުގައި މި ދެބޭފުޅުންވެސް ނުތިއްބަވާނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!